ads
މަހުލޫފް
ކޯޓަށް މައްސަލަ ވައްދައިފިނަމަ، ދައުލަތް "އޮރިޔާން" ވާނެ: މަހުލޫފް
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ކޯޓަށް ފޮނުވައިފިނަމަ، ދައުލަތް "އޮރިޔާން ވާނެ" ކަމަށް ސަސްޕެންޑުކޮށްފައި ހުރި ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފުގެ މައްޗަށް ކުރެވެނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ. އަދި އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމަށް ވެސް ބުނެފައިވެއެވެ.  

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އޭސީސީގައި ދެ ފަހަރު އެދިފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޕީޖީން ބުނި ގޮތުގައި މަހުލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ދިރާސާކުރުމަށްފަހުގައެވެ.

މިރޭ "ކްލަބް ހައުސް" މެދުވެރިކޮށް އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް އެ މައްސަލައިގައި ހަގީގަތުގައި ތުހުމަތު ވެސް ނުކުރެވޭނެ ކަމަށެވެ. މަހުލޫފް ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ލާރި ދީގެން މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ގެނައި މައްސަލަ ނަމަވެސް އޭނާ އެއިރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އޭނާ ވޯޓު ދީފައިވާނީ ވެސް ޕީޕީއެމްގެ ވިޕްލައިން އާ އެއްގޮތަށް ކަމަށެވެ. އަދި ސުވާލު އުފެދުމުގެ ޖާގަ އޮންނާނީ އޭނާ ވިޕްލައިން އާ ހިލާފަށް ވޯޓު ދިންނަމަ ކަމަށް ވަނީ ބުނެފައެވެ.

މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން މަހުލޫފް ވިދާޅުވީ ކޮމިޝަނުން އެ ބުނާ ދަތުރަކީ އޭނާ ވަރަށް ހަނދާން ހުންނަ ދަތުރެއް ކަމަށާއި އެ ދަތުރަކީ އޭނާގެ ދަރިފުޅު ވަރަށް ކުޑައިރު އެނދުން ވެއްޓިގެން ކުރި ދަތުރެއް ކަމަށެވެ. އަދި އޭނާ އެ ދަތުރަށް ފުރުމުގެ ކުރިން މަޖިލީހުގެ އޭރުގެ ރައީސް މަސީހަށް ގުޅުއްވާ ވޯޓު ނަގަން ހަމަޖެހިފައި އޮތް ބިލެއް އޮތްތޯ ވެސް އެހި ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ އޭނާ މެލޭޝިއާގައި ހުންނަވަނިކޮށް، އެ ވޯޓު ނެގުމަށް ހަމަޖެހުމުން، "ތިމަންނާ އައީ ބިޒިނަސް ކްލާހުގެ ޓިކެޓު ނަގައިގެން ކަމަށާއި، ބިޒިނަސް ކްލާހުން ޓިކެޓު ނަގައިދިނީމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނިން" ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ ވޯޓަށް ރާއްޖެއައީ އަނބިމީހާ އާއި ދަރިފުޅު ވެސް މެލޭޝިއާގައި ބަހައްޓާފައި ކަމަށާއި އެ ދަތުރަށް އޭނާއަށް ޕާޓީއިން ލިބުނު ހާ ވެސް އެއްޗަކީ ބިޒިނަސް ކްލާހުގެ ޓިކެޓް ކަމަށެވެ.

މަހުލޫފް ވިދާޅުވީ މައްސަލައިގައި އަދީބު އާ ވާހަކަ ދައްކާފައިވާ ކަމަށް ބުނާ ޗެޓްލޮގް އަކީ އެކަކު އަތުން އަނެކަކު އަތުން މުޅި ރަށުތެރޭގައި ފެތުރިފައިވާ، އަދި ޗެއިން އޮފް ކަސްޓަޑީއެއްނެތް އެއްޗެއް ކަމަށެވެ. އަދި އެ ޗެޓްލޮގް އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކަށް ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރީ ވެސް ލާރި ދީގެން ކަމަށް މަހުލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީ ގެ ރައީސް ޝައުނާއަށް ކުރައްވާ ފާޑުކިޔުން ތަކުރާރު ކުރައްވާ މަހުލޫފް ވިދާޅުވީ ޝައުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު އާއި ދެބޭފުޅުން ވަނީ މައްސަލައެއް ނެތް ކަން އެނގޭއިރު ވެސް ވަކި ބަޔަކު ބުނި ގޮތަކަށް ކަން ކޮށްފައިވާ ކަމަށާއި އެގޮތުން މަހުލޫފްގެ މައްޗަށް ރިސިޓެއް ހެދިކަމުގެ ތުހުމަތު ފާހަގަކޮށްފައިވެއެވެ. 

"މިހާ ސާފުކޮށް ހުރި ކަމެއްގަ މިހާ ޒާތީވެގެން އުޅޭތީ. އަޅުގަނޑު މި ހިސާބުން އަދި މިކަން ދުލެއް ނުކުރާނަން އެނގޭތޯ. އަޅުގަނޑަށް މި މީހުން ހަގީގަތުގަ މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް އަނިޔާތަކެއް ދީފި. ގެއްލުންތަކެއް ދީފި. އަޅުގަނޑުގެ މިޒާޖުގެ ގޮތުން ވެސް މިހިން ޖަހާލާފަ މާ ފަސޭހައިން ކޮންމެ މީހަކަށް ނުދެވޭނެ އެނގޭތޯ. " މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މި މައްސަލައިގައި ޕީޖީ ވެސް ވަރަށް ބޮޑަށް ބައެއްގެ ޕްރެޝަރުގައި ފިތިފައިވާ ކަމަށާއި މައްސަލައަށް ނުފޫޒު ފޯރުވަނީ ކޮން ބައެއް ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި މައްސަލައަކީ މިހާ ދުވަސް ނަގަން ޖެހޭ މައްސަލައެއް ނޫން ކަމަށާއި މި މައްސަލަ ރަނގަޅަށް ބައްލަވައިފިނަމަ އެއް ދުވަސް ތެރޭގައި ނިމިގެންދާނެ ކަމުގެ ޔަގީންކަން މަހުލޫފް ދެއްވިއެވެ. އަދި މި މައްސަލަ ކޯޓަށް ދައުވާ ކުރަން ފޮނުވަން ނުކެރިގެން އުޅެނީ ވެސް ސާބިތުނުވާނެތީ ކަމަށާއި މައްސަލަ ކޯޓަށް ވައްދައިފިނަމަ، ނިކުންނަން ޖެހޭނީ "ދައުލަތް އޮރިޔާން ވެގެން" ކަމަށް ވަރަށް ސާބިތުކަމާއެކު މަހުލޫފް ވިދާޅުވިއެވެ. 

91%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް