"ނޫންތަ" އަކީ ބައިސްކޯފުގައި ސްޓްރީމްކުރި މަގުބޫލު ސީރީޒް "އެހެނަސް"ގެ ރައިޓަ އަދި ކްރިއޭޓަރު އަހުމަދު އިގްބާލް އާއި ނާއިޝާ ނާޝިދު ޑައިރެކްޓްކުރާ ޑްރާމާ ސީރީޒެކެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން އިގްބާލް ބުނީ، "ނޫންތަ؟" ގެ ޝޫޓިން ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ފުރަތަމަ އެޕިސޯޑްގެ މަންޒަރުތައް މިހާރު ނަގަމުންދާ ކަމަށެވެ.
އެ ސީރީޒްގައި ގެނެސްދޭ ހަ އެޕިސޯޑަކީ ވެސް ތަފާތު ހަ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް ގެނެސްދޭނެ ހަ އެޕިސޯޑެވެ.
އިގްބާލް ބުނީ، ތިން އެޕިސޯޑު އޭނާ ޑައިރެކްޓް ކުރަން ނިންމާފައިވާއިރު ބާކީ އިންނަ ތިން އެޕިސޯޑްގެ ޑައިރެކްޝަން ހަދާނީ ނާއިޝާ ކަމަށެވެ.
"ނޫންތަ؟" ގެ ފުރަތަމަ އެޕިސޯޑުގެ ލީޑުން ފެންނާނީ ފިލްމީ ދާއިރާގައި އެފަދަ ދެވަނައެއް ނުވާ ދެ ތަރިން ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އާސިމްގެ އިތުރުން އަދުހަމް އެވެ. އަދުހަމް ވަނީ މީގެ ކުރިން ވީޑިއޯ ލަވަ އަކުން ފެނިގެން ގޮސްފައެވެ.
އޭގެ އިތުރުން "އެހެނަސް"ގެ ލީޑުން ފެނުން ޝަރާ އާއި ވިޝާލް(ރޯމަން) ގެ އިތުރުން ޝުހާ އަދި ސިލްނާ އާއި ނަތާޝާގެ އިތުރުން ޓީވީ ހޯސްޓު ޝަހޫ ފަދަ ތަރިން ވެސް އެ އެޕިސޯޑުން ފެންނާނެއެވެ.
"ނޫންތަ؟" ސީރީޒްގެ ޓީޒާ އަދި މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ފުރަތަމަ އެޕިސޯޑްގެ ޓީޒާ ވެސް މިހާރު ވަނީ ބައިސްކޯފްގެ ޕޭޖަށް ދޫކޮށްލާފައެވެ.
ވާހަކަ ލިޔުންތެރިޔާ އިގްބާލް އިތުރަށް ބުނީ، އެ ސީރީޒްގައި ގެނެސްދޭ ހަ އެޕިސޯޑުގެ ތެރެއިން ކޮންމެ އެޕިސޯޑެއްގައި ވެސް ފެންނާނީ ތަފާތު ތަރިންކަމަށާއި އެކްޓް ކުރަން ބޭނުންވާ ކުދިންނަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އެކްޓު ކުރަން ބޭނުންވާ ފަރާތްތަކުން ބައިސްކޯފްގެ އިންސްޓަގްރާމް ޕޭޖަށް މެސެޖް ކުރުމަށް އިގްބާލް ވަނީ އެދިފައެވެ.
"ނޫންތަ؟" ގެ މަސައްކަތް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަދި ކޮން އިރަކުން ކަމެއް އިއުލާނެއް ނުކުރެއެވެ.