ވަރުގަދަ ކާސްޓަކާއެކު ހަދާ އެ ޑްރާމާ އާ ބެހޭ ގޮތުން ފޯޑު ބުނީ ، ހުރިހާ މަންޒަރެއް ނަގައި ނިމިއްޖެ ކަމަށާއި މިހާރު ކުރިޔަށް ދަނީ ހަތަރު ވަނަ އެޕިސޯޑުގެ އެޑިޓިންގެ މަސައްކަތް ކަމަށެވެ.
މޭޓް ސްޓޫޑިއޯ ގެ ފަރާތުން ހަދާ “ރޭރޭ" އަކީ މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ތައްޔާރު ކުރާ ފަސް އެޕިސޯޑުގެ ޑްރާމާ ސީރީޒް އެވެ.
ފޯޑްގެ ކޮއްކޮ އަހުމަދު ފުއާދު ލިޔެ ޑައިރެކްޝަން ހަދާ އެ ޑްރާމާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ފޯޑު ބުނީ، ޝޫޓިންގެ ތެރޭގައި ހުރިހާ ކާސްޓުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށާއި މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.
“ހަތަރު ހަޅަ” ފަދަ ބެލުންތެރިންގެ މެދުގައި މަގުބޫލުވި ފިލްމުތައް ގެނެސްދީފައިވާ ފޯޑް ބުނީ މަންޒަރުތައް ނަގަމުންދިޔަ ވަރަކަށް އެޑިޓިންގެ މަސައްކަތް ވެސް ކުރަމުންދިޔަ ކަމަށެވެ.
ސްޕެޝަލް ގެސްޓެއްގެ ގޮތުގައި އަރަމުން އަންނަ ބަތަލާ ޝިފާ ފެނިގެންދާނެ "ރޭރޭ" ކެމެރާ ކޮށް އެޑިޓް ކުރަނީ ކާމިޔާބު ގިނަ ފިލްމުތަކާއި ވީޑިއޯ ލަވަ ތަކެއްގެ މަސައްކަތް ކޮށްފައިވާ ކުޅަދާނަ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
"ރޭރޭ" ގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނެނީ ހަމްދޫން ފާރޫގާއި ފާތިމަތު އާޒިފާ(އަޒޫ) ގެ އިތުރުން އަހުމަދު އީސަ(އާނަންދު) އާއި އަހުމަދު ސައީދުގެ އިތުރުން ނާޝިދާ މުހައްމަދު(ނާއްކޮ) އެވެ. އަދި މަރިޔަމް ހަލީމް އާއި ނަތާޝާ ޖަލީލްގެ އިތުރުން އަލީ ޔޫޝައުގެ އެކްޓިން ވެސް މި ޑްރާމާއިން ފެނިގެން ދާނެއެވެ.
ފޯޑް ބުނީ "ރޭރޭ" ގެ މަސައްކަތް އެއްކޮށް ނިމި ބެލުންތެރިންނަށް ދޫކޮށްލެވޭނެ ތާރީހު އަދި ބުނަން ދަތި ކަމަށާއި ކޮންމެވެސް އޮންލައިން ޕްލެޓްފޯމް އަކަށް ޑްރާމާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.