ނެހާ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުކަން އެނގުނު އިރު އޭނާ ދިޔައީ ފިލްމް "ސަނަކް"ގެ މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ފިލްމުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މިހާރު މަސައްކަތް ފަށާފައި ވާއިރު މިހާރު ކުރަމުން ދަނީ ޑަބިންގެ މަސައްކަތެވެ.
"ސަނަކް" މި ފިލްމަކީ އެކްޝަން ފިލްމަކަށްވުމުން ބަނޑު ބޮޑު އިރު ފިލްމުގެ ޑަބިންގެ މަސައްކަތް ކުރަން ޖެހުމަކީ ވަރަށްބޮޑު ގޮންޖެހުމެއްކަން ނެހާ ވަނީ ފާހަގަކޮށްފައެވެ.
އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ނެހާ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ފިލްމް "ސަނަކް" ކުޅެން ސޮއި ކުރިއިރު ދެވަނަ ދަރިއަކު ހޯދަން ވިސްނާފައި ނުވާކަމަށެވެ. އެހެންކަމުން ބަނޑަށް މިހާރު ތިން މަސް ވެފައި ވާއިރު މި ފިލްމަށް ޑަބް ކުރަން ޖެހުމަކީ ވަރަށް ތަފާތު ބޯލް ގޭމެއްކަމަށެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ބުރަކަށީގައި ރިއްސުމާއި، ނޭވާ ކުރުވުމުގެ އިތުރުން ގިނައިން ވައިލެވުމުގެ ސަބަބުން އަޑުއަޅަން ސްޓޫޑިއޯގައި މަސައްކަތްކުރަމުން ދާ ވަގުތުތަކުގައި އިންނާނެ ގޮތެއްވެސް ނޭނގޭ ކަމަށް ނެހާ ވަނީ ޕޯސްޓުގައި ބުނެފައެވެ.
މީގެ އިތުރުން ފިލްމުތަކަށް އަޑުއެޅުމަކީ އޭނާ ވަރަށް ކުރާހިތުން މީގެ ކުރިން ކުރަމުން އަންނަ ކަމެއް ނަމަވެސް ބަނޑުބޮޑުވުމުން މަސައްކަތް ކުރަންޖެހޭ ގޮތް ވަރަށް ތަފާތުކަމަށް ނޭހާ ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ނެހާ ވަނީ "ސަނަކް"ގެ ޓީމުން މި ހާލަތުގައި އޭނާ އަށް ދެމުން ގެންދާ އަޅާލުމާއި، އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ނެހާ މިހާރު ހިއްސާ ކުރަމުންދާ ފޮޓޯތަކުން އޭނާގެ ބަނޑު ވަރަށް ބޮޑަށް ފާހަގަވެއެވެ.
ނެހާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރު، ބޮލީވުޑްގެ ތަރި އަންގަދް ބޭޑީ އާއވެ. މި ދެ ތަރިންގެ ކައިވެންޏަށް އަމަ އެއަހަރު ވަނީ އަންހެން ދަރިއަކު ލިބިފައެވެ.