އެ ލަވަ މިހާރު ސައުންޑް ކްލައުޑްގެ އިތުރުން ޔޫޓިއުބް މެދުވެރިކޮށް ވެސް އަޑު އަހާލެވޭނެއެވެ.
“ދީފާ” މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުالله އަބްދުލް ފައްތާހު (ފަތޯ) އެވެ. އެ ލަވައިގެ ލިރިކްސް އަދި މިއުޒިކް ވެސް ހެދީ އޭނާ އެވެ.
މުހައްމަދު އަލީ (މޮގާ) އާއި އެކު އައިޝަތު ފުއާދު ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އެ ސީރީޒާ ބެހޭގޮތުން މޮގާ ބުނީ، ލަވަ ރިލީޒްކުރުމާއެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އިތުރަށް މޮގާ ބުނީ، އަންނަ ހަފްތާގެ ހޯމަ ދުވަހު ދެވަނަ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި ޝޫޓިން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މޮގާ ބުނީ، ޝޫޓިން ތެރޭގައި ތަރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ހިތް ހަމަ ޖެހޭ ކަމަށާއި ޝޫޓް ކުރަމުން އެޑިޓިންގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.
"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެއެވެ.
އޭގެ އިތުރުން މުހައްމަދު ފައިސަލް ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް މޮގާ ބުނާއިރު މުޅިން އާ މޫނު ތަކަކާއި އެކު ގިނަ ތަރިންތަކެއް އެ ސީރީޒުން ފެންނާނެއެވެ.
މޮގާ ބުނީ، ސީރީޒް ދައްކާނީ އަދި ކޮން ޕްލެޓްފޯމް އެއްގައި ކަމެއް ބުނަން ނޭންގޭ ކަމަށާއި ރަނގަޅު އަގެއް ކިޔާ ބަޔަކަށް މަސައްކަތް ނިމުމުން ދޫކޮށްލަން ގަސްދުކުރާ ކަމަށެވެ.
ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރ" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެއެވެ.