ads
މަޖިލިސް ޖަލްސާއެއްގެތެރެއިން
ފަޅުރަށްތަކުގެ ގާނޫނާއި ތިމާވެށި ރައްކާތެރިކުރުމުގެ ބިލަށް ހިޔާލު ހޯދަނީ
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނުނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މި ދެ ބިލަކީ ވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެޤާނޫނުގެ މަޤްޞަދުތަކާ ތައާރުޒުވާ ދެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ދިރާސާކުރަމުން ގެންދާ ގާނޫނު ނަންބަރު 20/98 ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި ދެ ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 1 ސެޕްޓެމްބަރުގެ ކުރިން ކޮމިޓީގެ މެއިލްއެޑްރެސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.

ފަޅުރަށްރަށް ބެހޭ ގާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދު ﷲ އެވެ. ހުށަހެޅުއްވަމުން މެންބަރު ވިދާޅުވީ މި ޤާނޫނަށް ގެނެވޭ ބަދަލުގެ ތެރޭގައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި، ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތައް ކުއްޔަށް ނުވަތަ ވަރުވާއަށް ދިނުމާއި ވަކިކުރުމުގެ ކަންކަމާގުޅޭގޮތުން ހިންގަންޖެހޭ މަސައްކަތް ހިންގުމުގެ އިޚުތިޔާރާއި ބާރު ކައުންސިލުތަކަށް ލިބިދީފައިވާކަމަށެވެ. އެބަދަލުތައް ގެންނަން ޖެހެނީ މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސްގައިވާ ރަށްރަށުގެ ކަންކަން ކުރުމުގެ ބާރު ލިބިގެންވަނީ އެ ކައުންސިލަކަށް ކަމުގައިވާތީއެވެ. އަހުމަދު ވިދާޅުވީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ވަރުވާއަށް ކުއްޔަށް ދިނުމާއި ވަކިކުރުމާ ގުޅޭގޮތުން ހިންގަންޖެހޭ ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭނެ ކަމަށެވެ. ހަމައެއާއެކު މި އިސްލާހު ގެނައުމުން، ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅުއްވާ އުސޫލުތަކުގެ ތެރެއިން ރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ކުއްޔަށް ހިފާ ފަރާތަކުން ތިން ވަނަ ފަރާތަކަށް ރަށް ދޫކުރުމާއި އެކަމުގައި އަމަލުކުރަންވީ ގޮތް މި އިސްލާހުތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 150 ވަނަ މާއްދާގައި، އެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކުރުން ކަމަށެވެ. އަދި އެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

އެ ބިލަށް ހުށަހެޅިފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް 10.1ގެ (ހ) ގެ ގޮތުގައި މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ރަށު ފެންވަރުގައި ނުވަތަ ސިޓީފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް އިތުރު ކުރުމަށެވެ. އަދި 10.1 ގެ (ށ)ގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް ބުނާ އިސްލާހެވެ.

މީގެ އިތުރުން ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށް ވެސް އިސްލާހުގައި ވެއެވެ. އެގޮތުން އިތުރުކުރަން ހުށަހަޅާފައިވާ ދެ އަކުރަކީ، (ރ)، "ރަށު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށް ކަމަށް ބުނާ އަކުރުގެ އިތުރުން (ބ)، "ސިޓީ ކައުންސިލު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލަށް ކަމަށް ބުނާ އަކުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް