
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ސޯލިހުވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ ކުރި ސުވާލަށް އެ މަނިކުފާނު ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިވަގުތު އެމްޑީޕީން ކުރަންވީ ކަމަކީ އެންމެން ގުޅިގެން އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. ރިޔާސީ އިންތިހާބު އޮންނާނީ 2028 ވަނަ އަހަރު ކަމަށްވެފައި އޭގެކުރިން އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެތީވެ އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ޕާޓީގެ ހުރިހާ މެންބަރުން ކުރަންވާނެ ކަމަށް ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ގާތްގަނޑަކަށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި ހުރިހާ ބޭފުންހެން މިވަގުތު ޕާޓީއާ އަނބުރާ ގުޅިފައިވާކަމީ ވަރަށް އުފާވާ ކަމެއް ކަމަށާއި މިއީ އެންމެން އެކީގައި މަސައްކަތް ކުރަން ލިބިފައި އޮތް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ނަޝީދު އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އުފައްދަވައިގެން ދެ އަހަރު ވަންދެން އުޅުއްވުމަށްފަހު، އެ ޕާޓީއާ އަލުން ވަނީ ގުޅިވަޑައިގެންފަ އެވެ. ނަޝީދުއާއެކު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ގުޅުނު ގިނަ ބަޔަކު ވެސް ވަނީ އެމްޑީޕީއާ އަލުން ގުޅިފަ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެއްވެސް އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފައިވީ ނަމަވެސް އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުން ވަނީ ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ބައެއް ނޫސްތަކަށް ޔަގީންކޮށްދެއްވާފަ އެވެ.