
އަލިފުށީ ރައްޔިތުން އުފަލުން ފޮޅިފައި ތިބި ނަމަވެސް 750 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށް އެރަށުގައިި އެއާޕޯޓެއް އަޅަން ހަވާލު ކުރި ނަމަވެސް އެއަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމެއް ލިބުނުކަމަކަށް ނުވި އެވެ. އެރަށްރަަށުގެ މީހުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ އިހުސާސްތައް ހުރީ މުޅިން އެހެން ދިމާލަކަށެވެ. ހިތްހަމަނުޖެހުމާ ދިމާލަށެވެ.
އެރަށުގައި އަޅަން ނިންމި އެއާޕޯޓާއެކު އެ އަތޮޅު ރައްްޔިތުން ހިމެނޭހެން ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އޮއްސާލީ ސަރުކާރަށާއި ރައީސް އިބްރަަހީމް މުހައްމަދު ސޯލިހުގެ އިތުރުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށެވެ.
އެ މީހުންގެ ޖަޒުބާތުތައް ސޯޝަލް މީޑިއާގައި ހާމަ ކުރަމުން އެ އަތޮޅުގެ ބަޔަކު ބުނަނީ އަލިފުށީ އެއާޕޯޓަކީ ރައީސް ސޯލިހު ބިގޭ އަށް ދެއްވި ވަރުގަދަ ހަދިޔާއެއް ކަމަށާއި އާއިލީ ގޮތުން ގުޅުން އޮންނާތީވެ އެ ރަށުގައި އެއާޕޯޓެއް އަޅަން ނިންމެވީ ކަމަށެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާ އެ އަތޮޅު މީހަކު ބުނެފައިވަނީ ކުރިން ރ. އަތޮޅުގެ ދެކުނުގެ ރަށެއްގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ބުނެ ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި ކަމަށާއި މިހާރު އެ އަތޮޅުގެ ދެކުނު ބިތާއި އުތުރު ބިތް ވަރަށް ބޮޑަށް އޮޅިއްޖެ ކަމަށެވެ.
އަލިފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމި އިރު ރާއްޖޭގެ ހަތަރު އަތޮޅެއްގައި ވެސް އެއާޕޯޓް އަޅައިދިނުމަށް ރައީސް ސޯލިހު ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވެސް އިއުލާނު ކުރައްވާފައެވެ. އެ ވައުދުފުޅުތަކަކީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވެސް އެ ރަށްރަށުގެ ރައްޔިތުންނަށް ވެދެއްވި ބޮޑެތި ވައުދުފުޅުތަކުގެ ތެރެއިން ވައުދުތަކެކެވެ.
އެގޮތުން ހދ. މަކުނުދޫ އާއި ށ. ބިލެއްފަހީގެ އިތުރުން ބ. ތުޅާދޫ އަދި ތ. ވިލިފުށީގައި އަޅަން ނިންމި އެއާޕޯޓްތަކުގެ އެއްވެސް މަސައްކަތެއް އަދި ފެށިފައި ނުވުމީ އެރަަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
މިއަދު އިއުލާނު ކުރި އަލިފުށީ އެއާޕޯޓްގެ ވާހަކަ އާއެކު އެ ރަށްރަށުގެ ރައްޔިތުން ވެސް މިވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް އަދި ދާއިރާގެ މެންބަރުންނަށް ފާޑުކިޔާފައެވެ.
ކޮންމެ ފަހަރަކުވެސް ކެމްޕެއިންގައި މޮޅެތި ވާހަކަތައް ދައްކައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާނެ ކަމަށް މީހުން ބުނަމުން އަންނައިރު އެއާޕޯޓްތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުންނެވެ.
އޭގެ އިތުރުން ފުރަތަމަ އަޅައިދެން ވައުދުވި އެއާޕޯޓްތައް އެއްކިބާކޮށްފައި މާ ކުއްލި ގޮތަކަށް އަލިފުށީގައި އެއާޕޯޓެއް އަޅަން އެއްބަސްވުމުގައި ސޮއި އެޅުންވެގެންދިޔައީ އެއާޕޯޓް އަޅަން އިއުލާނުކޮށްފައިވާ އެހެން ރަށްރަށުގެ މީހުންނަށް ހަޖަމު ކުރެވުނު ކަމަކަންނުވި އެވެ. ނަތީޖާއަކަށްވީ އެ އެންމެންގެ އުދާސްތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލުމެވެ. ސޯޝަލް މީޑިއާގައި ސަރުކާރަށާއި ބިގޭއަށް ފާޑު ކިޔަމުންދާއިރު އަލިފުށީގައި އެއާޕޯޓެއް އަޅައިދޭން ރިޔާސީ އިންތިހާބުގަ އާއި މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު ވައުދުވި ކަމަށް ވެ އެވެ. ނަމަވެސް ނުތަނަވަސްކަން އުފެދި އެ ވާހަކަ ދައްކާ ެފާޅުކިޔަން ފެށުނީ ކުއްލިއަކަށް 451 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުއަކާއެކު އަލިފުށީގައި އެއާޕޯޓެއް އަޅަން ކުއްލިއަކަށް ސޮއި ކުރުމުންނެވެ.