ads
ކޮވިޑަށް ޓެސްޓުކުރަނީ…ފޮޓޯ/ސޯޝަލް މީޑިއާ
ކޮވިޑްގެ އިތުރު ރާޅެއް ބޯމަތީގައި! ފަރުވާކުޑަ ނުކުރޭ!
މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑްގެ ވަބާ އާއެކު ދިރިއުޅެމުުން އަންނަތާ ދެ އަހަރު ވާން ކައިރިވަނީއެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް މިކަމުން އަދިވެސް އެއްކޮށް މިންޖުވާނެ ކަމުގެ އަލި މަގެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ކޮވިޑް 19 އަދިވެސް ދަނީ “ފަތުއަޑު” ކިޔާފައި ފެތުރެމުންނެވެ.

އަހަރުމެންގެ މި ކުޑަ ރާއްޖެ ވެސް މިއުޅެނީ މި ބަލިން ސަލާމަތް ނުވެވިގެންނެވެ. މި ބައްޔާއެކު ރާއްޖެގެ ރައްޔިތުންވެސް ހިތްދަތި ގޮތަކަށް އުޅޭތާ ވަރަށް ދުވަސް ވެއްޖެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކޮވިޑްގެ ކޭސް އެއް ފެނުމާއެކު މުޅި ރާއްޖެ ލޮކްޑައުން ކޮށްލި ނަމަވެސް ބަލި ކޮންޓްރޯލްއެއް ނުވިއެވެ. އަތޮޅު ތެރޭގެ ރަށްރަށަށް ވެސް ކޮވިޑްގެ ބަލިމަަޑުކަން ފެތުރި ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނީއެވެ. ދޭތެރެ އަކުން ކޮވިޑް ކޭސްތައް ރާއްޖޭގެ ކަންކޮޅުތަކުން މަދުވި ނަމަވެސް ދެން ބިއްދާލާ ކޮވިޑްގެ ރާޅާއެކު އަނެއްކާވެސް ނާންމާކަން އިތުރުވެގެން ދަނީއެވެ.

ވެކްސިން ރާއްޖެއަށް ގެނެވި ވެކްސިން ދެވެން ފެށުމުން ވެސް ހީކުރި ވަރުގެ ބަދަލެއް އައިސްފައި ނުވުމީ މިއަދު އަހަރުމެން ވިސްނަން ޖެހިފައިވާ ބޮޑު ކަމެކެވެ. މިދިޔަ ދެ މަހެއްހާ ދުވަހު ކޮވިޑްގެ އަދަދު ތައް ބޮޑުތަނުން މަދުވި ނަމަވެސް ނިމިދިޔަ މަހުގެ ތެރޭގައި އަނެއްކާވެސް އެ އަދަދުތައް މިވަނީ އިތުުރުވާން ފަށާފައެވެ.  ހާއްސަކޮށް އަތޮޅުތެރޭގައި މި ބަލި އިންތިހާއަށް ފެތުރެން ފަށާއިވާއިރު ރާއްޖޭގެ އެކްޓިވް ކޭސްތައް މިވަނީ 1900 އާ ކައިރި އަށް އަނެއްކާވެސް ޖެހިލާފައެވެ.

your imageސިއްހީ ދާއިރާގެ ބަޔަކު…ފޮޓޯ/ސޯޝަލް މީޑިއާ

ރާއްޖޭގެ ގިނަ ރަށްރަށުންނާއި ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވާ  މީހުން ގިނަ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާއިރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންވެސް އަންނަނީ އިތުރުވަމުން ކަން ފާހަގަކޮށްލެވެއެވެ.

އެންމެ ބޮޑު އައްޑޫ ސިޓީގައިވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި އަންނަނީ އިންތިހާއަށް ގިނަ ވަމުންނެވެ. އެ ސިޓީގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޭސްތަކުގެ އަދަދު އިތުރު ވުމުގެ ބިރު ބޮޑުވެފައިވާއިރު މިހާރުވެސް ޖުމްލަ 229 މީހުން އައްޑޫގައި ބައްޔަށް ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ސިޓީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ވޮލެންޓިއަރުން ހޯދުމަށް ވެސް އިއުލާނު ކޮށްފައެވެ. 

އޭގެ އިތުރުން އައްޑޫ ސިޓީގައި އެމްބިއުލޭންސް މަދުވެގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ އިރު އައްޑޫ އާއެކު މިވަގުތު ގިނަ ރަށްތަކެއް ވެސް މޮނިޓަރިންގެ ހާލަތުގައި އޮތްކަން ފާހަގަކޮށްލެވެއެވެ.

އެހެން  ކަމުން ހާލަތު ގޯސްވަމުންދާ ދަނޑިވަޅުގައި އެކަމަށް އަހަރުމެން ވިސްނަން ޖެހެއެވެ. ކޮވިޑްގެ ތިން ވަނަ ރާޅެއް ރާއްޖެއަށް ބިންދާލުމުގެ ބިރުބޮޑުވެފައިވާއިރު  އެކަމުގެ ސަބަބުން އަހަރުމެންނަށް އަނެއްކާވެސް ދިމާވެދާނެ ގޮންޖެހުންތަކަށް ވެސް ފުންކޮށް ވިސްނަން ޖެހެއެވެ. 

ކޮވިޑްގެ ކޭސްތައް މިގޮތަށް އިތުރުވާ ކަމުގެ ވަނީނަމަ ސަރުކާރުން އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށިކުރުން ވަރަށް ގާތެވެ. މި އަދަދުތައް ތިރި ނުވާ ނަމަލޮކްޑައުންއަކަށް ދާން ޖެހުނަސް އެންމެ ދަތިވާނީ ހަމަ އަހަރުމެންނަށެވެ. އަދުގެ ހާލަތު ހުރި ގޮތުން ގިނަ ދިވެހިނަށް އިތުރު ލޮކްޑައުންއެއް ތަހައްމަލު ކުރުމީ މުސްތަޙީލު ކަމަކަށް ވާނެއެވެ.

މީގެ ކުރިން ލޮކްޑައުންއަށް ދިޔަ ހިސާބުން ރާއްޖޭގެ އިގްތިސާދަށް އައި ބޮޑު ހީނަރުކަމުގެ ތެރެއިން އަދިވެސް އަރައިނުގަނެވެއެވެ. ދިގުމުއްދަތަކަށް ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެއަށް ނަފާ ލިބޭ ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބުނު ހީނަރުކަމާއެކު ލިބުނު ގެއްލުން ފޫނުއްބި އުޅެނިކޮށް އަނެއްކާ އިތުރު ލޮކްޑައުންއަކަށް ގޮސްފިނަމަ ރާއްޖޭގެ އިގުތިސާދަށް މިއަށްވުރެ ކަޅު ދުވަސްތަކެއް ފެންނާނެކަން ޔަގީނެވެ.

your imageކޮވިޑް ޕީސީއާރު ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ސީއެންއެމް

ކަން މިހެން ހުރުމާއެކު މިކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމިއްލަ އަށް ވެސް އިސްކޮށް ވެކްސިން ފުރިހަމަ ކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭން އެބަޖެހެއެވެ. ދުނިޔޭގެ އެހެން ހިސާބުތަކާއި އަޅާކިޔާއިރު ރާއްޖޭގައި ވެކްސިން ފުރިހަމަކުރާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. މިއަހަރުގެ ފެބްރުއަރީ މަހު ވެކްސިން ދޭން ފެށި ނަމަވެސް މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވަނީ ވެކްސިން ޖެހޭ އާބާދީގެ 40 ޕަސެންޓަށް ވުރެއް މަދުންނެވެ.

އަދުގެ ހާލަތު ގޯސްވަމުންދާއިރު ދިމާވެދާނެ ނުރައްކާތަކަށް އަހަރުމެން އެބަ ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. ފަރުވާކުޑަކުރެވި ކޮވިޑް ފެތުރެން ދޫކޮށްލެވޭކަށް ނެތެވެ. މި ނުރައްކަަތެރި ވަބާއިން އަހަރުމެންގެ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ގަދައަޅާ މަސައްކަތްކުރަން ޖެހޭކަން އެންމެވެސް އެބަ ވިސްނަން ޖެހެއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް