އިންޑިއާގެ މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ސަންޖޭ އޭނާގެ ތިން ދަރިންގެ ވާހަކަ ދައްކަމުން ބުނީ، އޭނާގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ޝަހްރާން އާއި އިގްރާ އެކުދިންގެ މާމަ ނަރްގިސް އާއި ކާފަ ސުނިލް ދަތް އަށް ދުވަހަކުވެސް ދިމާވެފައި ނުވާ ކަމަށެވެ.
އެ ދެކުދިން 2010 ވަނަ އަހަރު ސަންޖޭގެ ދެމަފިރިންނަށް ލިބިފައިވާއިރު ނަރްގިސް މި ދުނިޔެ އާއި ވަކިވެފައިވަނީ 1981 ގައެވެ. އަދި ކާފަ ސުނިލް މަރުވެފައިވަނީ 2005 ގައެވެ.
ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ "ސަންޖޫ" އަކީ ސަންޖޭގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ސަންޖޭގެ މަންމަ ނަރްގިސްގެ ރޯލު ކުޅެފައިވަނީ މަނީޝާ ކޮއިރަލާ އެވެ. އަދި ބައްޕަ ސުނިލްގެ ރޯލުން ފެނިގެންދިޔައީ ޕަރޭޝް ރަވާލް އެވެ.
އެ އިންޓަވިއުގައި ސަންޖޭ އިތުރަށް ބުނީ، އޭނާގެ ދަރިން އެ ފިލްމު ބަލަން އެންމެ ބޭނުންވަނީ އެކުދިންގެ މާމަ އަދި ކާފަ އާ ބެހޭގޮތުން ފިލްމުގައި ޝައުގުވެރި މަންޒަރުތަކެއް ހުންނާނެތީ ކަމަށެވެ. އަދި ޝަހްރާން ވަނީ މާމަ އާއި ކާފާ އަށް އަމާޒުކޮށް ގިނަ ސުވާލުތަކެއް ކޮށްފައިކަމަށް ސަންޖޭ ބުނެފައިވެއެވެ.
ގިނަ ފިލްމުތަކެއް ކުޅެފައިވާ ސަންޖޭގެ ދަރިން ބޮލީވުޑުން ފެނިދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ސަންޖޭ ބުނެފައިވަނީ، އޭނާ ބޭނުންވަނީ ހުރިހާ ކުދިން ވެސް ކުރާ ކޮންމެ ކަމެއް ޝައުގުވެރިކަމާއެކު އުފަލުގައި ކުރުން ކަމަށެވެ.
"އަހަރެން މިއަދުވެސް އެކްޓުކުރާ މައިގަނޑު ސަބަބަކީ މިއީ ވަރަށް ޝައުގުވެރިކަން ހުންނަ އަދި ވަރަށް ލޯބިކުރާ ކަމަކަށްވީމަ. އަދި އަހަރެން އުންމީދު ކުރަނީ އަހަރެންގެ ދަރިން ވެސް ކުރާ ކޮންމެ ކަމެއް ވެސް ޝައުގުވެރިކަމާއެކީ ކުރާނެ ކަމަށ," ސަންޖޭ ބުންޏެވެ.