ads
ރައީސް ރ. މަޑުއްވަރީ ކައުންސިލާއި ބައްދަލުކުރައްވަނީ
އަލިފުށީގެ ބަދަލުގައި ފުއްސަރުގައި އެއާޕޯޓު އަޅައިދޭން އެދިއްޖެ
ރ. އަލިފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއަޕޯޓުގެ ބަދަލުގައި އެއަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓެއް އެޅުމަށް މަޑުއްވަރީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށަހަޅައިފި އެވެ.

ރައީސް ސޯލިހު ދާދިފަހުންވަނީ ރ. އަލިފުށީގައި އެއާޕޯޓު އަޅާ ގޮތަށް ނިންމަވާފައެވެ. އަދި އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުން އެ އަތޮޅުގެ އެހެން ރަށްރަށުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މަޑުއްވަރީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ހަވީރު އެ ރަށުގައިިި ރައީސް ސޯލިހް ބޭއްވެވި ބައްދަލުކުރެއްވުމުގައި، މަޑުއްވަރީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. 

އެގޮތުން، މަޑުއްވަރީ އިޙްހްތިސާސްގެ ތެރެއަށް އުފުލަންދޫ އިތުރުކުރުމާ، ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަޕޯޓެއް ނެތުމުން ދިމާވާ ދަތިތައް ހިމެނެއެވެ. ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އަޅާފައި އޮތަސް މަޑުއްވަރީއަކީ އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮންނަ ރަށަށް ވާތީ އިފުރާ ދުރު ކަމުގެ ކަންބޮޑުވުންފާޅުކޮށް އެއަތޮޅު ފުސްފަރުގައި އެއާޕޯޓް އެޅުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ސަބަބަކީ އެ ރަށާ ކައިރީގައި ރިސޯޓްތައް ތަރައްގީކޮށްފައި އޮތުމެވެ. 

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން ވެސް ދެކޭ އުއްމީދެކެވެ. އެގޮތުން ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބާރު އެޅުމުގެ ގޮތުން ރ. ކިނޮޅަހު ކައުންސިލުންވެސް ވަނީ މަސައްކަތް ފަށާފައެވެ. 

އެ މަސައްކަތުގައި ބައިވެރިވަނީ ރ. އަތޮޅުގެ ކިނޮޅަހާއި، ފައިނު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، މާކުރަތު، މީދޫ އަދި މަޑުއްވަރީ ރައްޔިތުންކަމަށް ކިނޮޅަހު ކައުންސިލުން ބުނެއެވެ. ރ. ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ސީއެންއެމް އަށް ވިދާޅުވީ އެމަސައްކަތްތައް މިހާރު ކުރަމުންގެންދާކަމަށެވެ. ރައީސް އެއަތޮޅަށް ވަޑައިގެން އެސަރަހައްދުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް މީހުން ބުނަމުންދާކަމަށާއި، އެހެންވެ އެއީ ރަނގަޅު ވާހަކައެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ. އަދި މިއީ މިމަސައްކަތްތަކުގެ ފެށުން ކަމަށާއި މިމަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރ.މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ސީއެންއެމްއަށް މީގެ ކުރިން ވިދާޅުވީ އެމަސައްކަތް ކުރަނީ އަލިފުށީގައި އެއަޕޯޓެއް އަޅާތީއެއް ނޫނެވެ. ނަމަވެސް ރައީސް އެސަރަހައްދަށް ވަޑައިގެން އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމުގެ އިޝާރާތް ކުރިން ދެއްވާފައިވާވާތީއާއި އަދި ފަހުން އެވާހަކަފުޅު ދައްކަވާފައިނުވާތީ އެމަސައްކަތް ކުރަނީ ކަމަށް ސޯދިގު ވިދާޅުވިއެވެ.

މިއަހަރު ކުރީކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ރ. އަތޮޅުގެ ކައުންސިލްތަކާއި އޮންލައިންކޮށް ބައްދަލުވުމެއް ބޭއްވިއެވެ. އެބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެއަތޮޅުގައި އެއާޕޯޓު އަޅާނެ ވަކި ތަނެއް ނުނިންމަވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ރަށެއްގެ އެންމެނަށް އެންމެ ރަނގަޅު ގޮތަކަށް ނިންމަވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް