
އެ ސުވާލުތަކުގައި ކަލަކު ވޮޑިގެންވާ ނަމަ ހަނގުރާމަތަކަށް ޖާގަ ލިބެނީ ކީއްވެތޯ އާއި އިންސާނުންނަށް އަޅައިނުލަނީ ކީއްވެތޯ އަދި އާދަމްގެފާނާއި ހައްވާގެ ފާނު އިންސާނުންނާއިއެކު ނެތީ ކީއްވެތޯ ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ކަލަކު ވޮޑިގެންވާނަމަ “ދަރިވަރުންގެ ތެރެއިން ތިން ކުއްޖަކަށް އަނިޔާވެފައިވަނީ ކީއްވެތޯ”ވެސް ވަނީ ސުވާލު އުފައްދާފައެެވެ.
އެމައްސަލަ ފެންމަތިވެ އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއި ސުވާލުކުރުމުން ވިދާޅުވީ، އެއީ ޔުނެސްކޯގެ އެމްޖީއައިޕީއާއި ގުޅިގެން ހިންގަން “ގަސްތުކުރި” ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމަކީ ކޮވިޑާއި ގުޅިގެން ކުދިންނަށް ދިމާވި މެންޓަލް ހެލްތުގެ މައްސަލަތަކާއި ޑީލްކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހިންގުމަށް ގަސްތުކޮށްގެން ޔުނެސްކޯއިން ހުށަހެޅި ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމުގެ ތިން ކޮންޓެންޓެއްގައި އެފަދަ ސްލައިޑެއް ހިމެނިފައިވާތީ މިނިސްޓްރީން ވާނީ ވަގުތުން އެ ޕްރޮގްރާމުން ވަކިވެފަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ ޕްރޮގްރާމުގެ ކޮންޓެންޓު މިނިސްޓްރީއަށް ލިބުނުއިރު ދީނާއި ނުގުޅޭ، ދީނަށް ފުށުއަރާ ތިން ސްލައިޑް ހިމެނިފައިވާކަން ފާހަގަކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އައިޝަތު ވިދާޅުވީ، އެކަން މިނިސްޓްރީއަށް ފާހަގަކުރެވުނު ހިސާބުން ވަގުތުން އެ ޕްރޮގްރާމުން ވަކިވެފައިވާނެ ކަމަށެވެ.
އަދި ކުދިންނާއި ހަމަޔަށް އޭގެން އެއްވެސް ޕްރޮޖެކްޓެއް ގޮސްފައި ނުވާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
"ދެން މި ކޮންޓެންޓު އަޅުގަނޑުމެންނާއި ހަމަޔަށް އާއިރު އެކަހަލަ ތިން ސްލައިޑެއް އޭގައި އޮތް. އަޅުގަނޑުމެންނަށް އޭތި ފެނުނު ހިސާބުން އޭތި ވިތުޑްރޯ ކުރިން. އެހެންވީމަ އެއެއްޗިއްސެއް ކުދިންނާއި ހަމަޔަކަށް ނުއެއްދާނެ. ޝެއަ ކުރެވުނު ފޯކަލް ޕޮއިންޓްސްއާއި އެއެއްޗެހި ތިބޭފުޅުންނަށް އެ ލިބުނީ" މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕްރޮޖެކްޓުގެ ސްލައިޑްތަކަކީ ފޯކަލް ޕޮއިންޓްސް ތަކަށް ފޮނުވިފައިހުރި އެއްޗެހި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ އެއްޗެހި އެއްވެސް ދަރިވަރަކަށް ދެވިގެން ނުވާނެ ކަމަށް ސްކޫލްތަކަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ
މިމައްސަލަ ފެންމަތިވެފައިމިވަނީ އިސްލާމީ ތަރުޖަބިއްޔަތު ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތުގެ 22 ވަނަ ސޮފްހާގައި އާޔަތުގެ މާނަ ތަރުޖަމާ ބަދަލުކޮށްފައިވުމާއި، އަދި މީގެ އިތުރުން ގްރޭޑް އެކެއްގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ބަދަލުކޮށްފައި ހުރުމާއި އަދި މިހާތަނަށް ހަތަރު ފޮތެއްގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރިކަން ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާއި ގުޅިގެން އިސްލާމްދީން ހިމާޔަތް ކުރުމާ ޤައުމަށް އަދި ދައުލަތަށް އަމާނަތް އަދާކުރުމުގެ ދީނީ އަދި ޤާނޫނީ ޒިންމާގެ ދަށުން ޔުނެސްކޯއަށާއި އަދި މިކަމުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.
ކޮވިޑް-19އިގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުދިންނަށް ލިބެމުންދާ ގެއްލުންތަށް ވަރަށް ބޮޑެވެ. ކުދިންގެ ވިސްނުމާއި، އެކުދިންގެ ދުޅަހެޔޮކަމަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ދަނީ ކުރަމުންނެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޔުނެސްކޯއިން ރާއްޖޭގެ ތައުލީމީ ވުޒާރާއަށް އޮޅުވާލައި ދަރިވަރުންގެ ދީނީ އަގީދާ ހަލާކުކޮށް ދީން ބަދަލުކޮށްލުމަށް ހިތްވަރުލިބޭފަދަ މަސައްކަތްތަކެއް ކުރަމުންދާނަމަ މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ދުނިޔެކުރިއަރާފައިވާ މިންވަރަށް ބަލައި، ގައުމުތަކުގެ ދީނީ އަގީދާ ބަދަލުކޮށްލުމަށްޓަކައި ގެންގުޅޭ އުކުޅުތަށްވެސް ތަފާތެވެ. ރާއްޖެ ފަދަ ކުޑަ ގައުމެެއްގައި މިކަން މިމަގުން ކުރުމަކީ އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ.
އެހެންކަމުން މިއީ ރާއްޖޭގެ ސަރުކާރުން ވިސްނަންޖެހޭ އަދި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންކަން ކަމަށް ގިނަ ބަޔަކު ދެކެވެ. ރާއްޖޭގެ އިސްލާމީ ރިވެތި އުސޫލުތައް ފޮހެވި ނެތިކޮށްލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ އަދި ކުރާނެ ބަޔަކު ތިބޭނެކަން ދަންނެގެން ސަރުކާރުންނާއި ސަރުކާރުގެ ވުޒާރާތައް ހޭލުންތެރިވުން ވަރަށް މުހިންމެވެ.
ފިތުރަތުގެ ސާފުކަން މަތީ އުފަންވާ ތުއްތު ކުދިންނަކީ އެ ކުދިންނަށް އެންމެ ކުޑައިރު ވިސްނައިދިން ގޮތަކަށް ތަރުބިއްޔަތު ވެގެން ދާނެ ކުދިންނެވެ.
އެހެންކަމުން ޅަފަތުގައި އެ ކުދިންގެ އަޤީދާ ވަރުގަދަ ކުރުމަކީ މިއަދު ދިވެހި ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. ސްކޫލުގެ މާހައުލުންނާއި، މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުދިން ބޭނުންކުރާ އެކި ޕްލެޓްފޯމްތަކުން ކުދިންނަށް ނަގައިގަނެވޭ ނޭދެވޭ ކަންތައްތަކުން މަޑުމަޑުން ދުރުހެލި ކުރުމަށް މަސައްކަތް ފަށަންވެއްޖެއެވެ.