ރައީސް ސޯލިހު މިއަދުގެ ހަފްލާގައި
"ގަވް ޑޮޓް އެމްވީ މެސެޖު":ދުނިޔޭގެ ކޮންމެތަނެއްގައި ހުރެގެންވެސް ސަރުކާރަށް ޝަކުވާހުށަހެޅޭ
Share
"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ހިދުމަތާއެކު ލިބޭ އެންމެބޮޑު ފަސޭހައަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ޚިދުމަތަކީ ރައްޔިތުންނާއި ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއްކަމަށާ އަދި މިއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ވެގެންދާނެކަމުގައެވެ. މި ހިދުމަތުން ލިބިދޭ ލުއިފަސޭހަތަކުގެ ތެރޭގައި، ޢާންމު ރައްޔިތަކު ކަމެއް ހުށަހެޅުމަށްޓަކައި އެ އޮފީހަކަށް ދާން ނުޖެހުމާއި ރަސްމީގަޑި ފެށެންދެން އެކަމެއް ހުށަހަޅަން މަޑުކުރަން ނުޖެހުމާއި އަދި އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލޭނެގޮތަށް ހަމަޖެހިފައި އޮތުންފަދަ ފައިދާތައް ހިމެނެއެވެ. 

މި ޚިދުމަތާއެކު އިދާރާތަކަށް ކުރާނެ ފައިދާތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިޓީ ބަދަލުކުރުމުގެ ނިޒާމު، ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ތެރެއިން ސީދާ ރައްޔިތުންނަށް ސިޓީ ފޮނުވޭނެ ގޮތްވުމާއި ސިޓީ އާއި ޝަކުވާ ހުށަހަޅަން އޮފީހުގެ ކައުންޓަރަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭ ގޮތްވުމާއި ރައްޔިތުން ހުށަހަޅާ ސިޓީ/ޝަކުވާ ފަދަ ލިޔުންތައް މެނޭޖްކުރަން ފަސޭހަވުން ހިމެނެއެވެ. ރައީސް ވިދާޅުވީ މި ނިޒާމުގެ ޙަގީގީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރަން ޖެހޭކަމުގައެވެ. 

މި ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރެވި އަދި އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ގާއިމުކުރެވޭނެއެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާއިރު، ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެއެވެ. 

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަންކަމުގެ ތަފްޞީލުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތާއެކު ޤާނޫނީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާކަމަށެވެ. 

ހަމަ އެއާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް ފަރުމާ ކުރަމުން އަންނަކަމަށާ، ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އިޤްތިޞާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިގްތިސާދަކާ ދިމާލަށް ގައުމު ގެންދިއުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ބޭއްވި މި ރަސްމިއްޔާތުގައި ކެބިނެޓްގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެންސީއައިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް