
އިރުކޮޅެއް ފަހުން ފެނުނީ އަންހެން މީހާގެ ފަހަތުން ފިރިހެން މީހާ ހިނގާފައި މިކޮޅަށް އަންނަ ތަނެވެ.
އަންހެން މީހާގެ ފަހަތުން ފިރިހެންމީހާ ވަރަށް ކަންބޮޑުވެ ހުރެ ލަދުވެތި ކަމާއެކު އެތެރެއަށް ވަދެގެން ދިޔައެވެ. އަހަރެން އެތެރެއަށް ބަލައިލީމެވެ. އެއީ ކުޑަކުޑަ ގެސްޓު ހައުސްއެކެވެ. އެތެރެއިން ބަންގާޅުގެ ތިން މީހަކު ފެންނަން ތިއްބެވެ. އެތެރެއަށް ވަދެގެން ދިޔަ ދެ ދިވެހިން ފެންނާކަށް ނެތެވެ.
ކުޑަ އިރުކޮޅެއް ފަހުން ފެނުނީ އެތެރެއަށް ވަން ދެ ދިވެހީންގެ ތެރެއިން ފިރިހެންމީހާ ވަރަށް ބާރަށް ހިނގާފައި އަންނަތަނެވެ. މަގުމައްޗަށް ނިކުމެ ދެކޮޅަށް ބަލާލާފައި އޭނާ ބާރަށް އިރަށް ހިނގައްޖެއެވެ. ދެން ފެނުނީ އަންހެން މީހާ ނިކުމެގެން އަންނަތަނެވެ. އޭނާ މަގުމައްޗަށް ނިކުމެ ގެސްޓު ހައުސްގެ ދޮރުކައިރީގައި ހުއްޓުނެވެ.
"ދެންމެ ނިކުމެގެން ދިޔަ މީހާ ކޮން ދިމާއަކަށް ދިޔައީ؟"
"އެކޮޅަށް ދިޔައީ." އޭނާ ދިޔަ ދިމާއަށް އަތުން އިޝާރާތްކޮށްފައި އަހަރެން ބުނީމެވެ. އަދި އެމީހާއާ ސުއާލު ކުރީމެވެ.
"ގެސްޓު ހައުސް ރަނގަޅުތަ؟"
"ކޮޓަރިތައް އެހާ ރަނގަޅެއް ނޫން! އެކަމަކު ކޮޓަރިއެއް 100 ރުފިޔާއަށް ލިބޭ."
"ސަތޭކަ ރުފިޔާއަށޭ؟" އަހަންނަށް ހައިރާންކަމާއެކު ސުއާލުކުރެވުނެވެ.
"ސަތޭކަ ރުފިޔާއަށް އެއްގަޑިއިރަށް."
"އެއްގަޑި އިރަށޭ؟" އަނެއްކާ އިތުރު ހައިރާންކަމެކެވެ. "އެއްގަޑި އިރަށް ކީއްކުރަން؟"
"އެއްގަޑި އިރަށް ކޮޓަރި ހިފައިގެން ކުރެވޭނެކަންތައް ވެސް ހުންނާނެއެއްނު!"
"އޯހ" އޭނާގެ ވާހަކަ އަހަންނަށް ރޭކާލާންފެށިއެވެ. "އެކަހަލަ ކަމެއް ކުރަންތަ އައިސް ތިއުޅެނީ؟"
"އާނ!"
"ދެން ކީއްވެ ފިރިހެން މީހާ އެހާ އަވަހަށް އެދިޔައީ؟"
"އޭނާގެ ވޮލެޓު ނުލައި އާދެވުނީ. އޭނާ ދިޔައީ ވޮލެޓު ބަލާ."
"ކަލޭ ތިކަންތަކުގައި އުޅޭތާ ކިހާ ދުވަހެއް؟"
"ހައެއްކަ އަހަރު ވެދާނނެ."
"ތިކަންތަކުގައި އުޅެނީ ކަލޭ އެކަނިތަ؟"
"އަހަންނާއެކު އިތުރު ތިން އަންހެނުން އެބައުޅޭ." އޭނާ ކުޑަކޮށް ހީލިއެވެ. "އަނެއް ތިން ކުދީން މަށަށްވުރެ މާރީތި ވާނެ. ވަރަށް ފައްކާ ވާނެ."
"ކީއްކުރަން ކުރާ ކަމެއްތީ؟"
"މިއީ ދިރިއުޅެން ކުރާ މަސައްކަތެއް. ދިރިއުޅެން އެކި މީހުން އެކި ދުވަސްވަރު ކުރާނީ ތަފާތު މަސައްކަތް. ބައެއް މީހުން ސަރުކާރުގައި އުޅޭނެ. ސަރުކާރުގައި އުޅޭ ބައެއް މީހުން ވައްކަންކުރާނެ. ޒިނޭކުރާނެ. ބައެއް މީހުން ވިޔަފާރި ކުރާނެ. ރައްޔިތުން ފޭރޭނެ. އަހަރުމެން ވެސް މި ކުރަނީ ވިޔަފާރިއެއް. މި ވިޔަފާރިއަށް ހަށި ވިއްކުމުގެ ވިޔަފާރިއޭ ވެސް ބައެއް މީހުން ކިޔާނެ."
"ތި ވިޔަފާރީގައި އުޅޭކަށް ލަދެއްނުގަނޭތަ؟"
"ކޮން ލަދެއް؟ ވައްކަން ކުރާ މީހާ 10 ބުރިއަށް ގެ ހިއްލާލައިގެން އުޅޭއިރު ލަދެއް ނުގަނޭ. ސަރުކާރު ދަވާލާ މީހާ ރިސޯޓު ހަދައި ހިންގާއިރު ލަދެއް ނުގަނޭ. އޮފީސްތަކުގެ ފާޚާނާ ބެދިގެން ސާފުކުރަން ބަލާއިރު ފާޚާނާ ނަރުދަމާ ހޮޅި ފުރެންދެން ސުންނީ އުރަ އަޅާފައި ހުރުމުން އޮފީހުގައި އުޅޭ މީހުން ލަދެއްނުގަނޭ. އަހަރުމެން އަހަރުމެންގެ އަމިއްލަ ހަށި ވިއްކީމަ މައްސަލައަކީ."
"ކޮބާ ތި ވިޔަފާރީގައި އުޅުމުގެ ބޭނުމަކީ؟"
"މިއީ އަހަރެން ދިރިއުޅެން ކުރާ ވިޔަފާރިއެއް. އާމުދަނީ ހޯދަން ކުރާ ވިޔަފާރިއެއް. އަހަންނަކީ ފިރިހެނުންނަށް އުފާވެރިކަން ހޯދައިދީގެން އާމުދަނީ ހޯދަމުންދާ ވިޔަފާރިވެރިއެއް. އަހަރެން ވިއްކަނީ އަހަރެންގެ ހަށިގަނޑު."
"ކަލޭ މުޅި އުމުރު ހޭދަ ކުރާނީ ތިޔަ މަސައްކަތުގައިތަ؟"
"ނޫން! އަހަންނާއި އަހަރެންގެ އާއިލާ ބެލެހެއްޓޭވަރުގެ މީހަކާ އިނދެވޭއިރަށް މި ވިޔަފާރިއަށް އަހަރެން ސަލާމް ބުނާނަން."
"ކަލޭގެ ގްރޫޕްގެ އެހެން މީހުން ކިހިނެއް ހަދާނެ؟"
"އެމީހުން ވެސް ތިބީ ކައިވެންޏަށް ފަހު އަބުރުވެރި ދިރިއުޅުމެއް ފަށަން ތައްޔާރަށް. މިއީ އެކަށީގެންވާ އާމުދަނީއެއް ލިބުނަސް ފާފަވެރި ދިރިއުޅުމެއް. ރާއްޖޭގެ ގިނަ މީހުން އުޅެމުން ދަނީ ފާފަވެރި ދިރިިއުޅުމެއްގައި."
"ޚިދުމަތުގެ އަގު އުޅެނީ ކިހާވަރެއްގައި؟"
"ކޮވިޑުގެ ކުރިން މީހެއްގެއަތުން އެއްގަޑިއިރަށް ނަގަނީ 500 ރުފިޔާ. ގައުމީ އާމުދަނީ ކޮވިޑާ ހެދި ދަށަށް ދިޔަ ގޮތަށް އަހަރުމެންގެ އާމުދަނީ ވެސް ވަރަށް ބޮޑަށް ދަށްވެ ބަނޑަށް ޖެހޭ ހިސާބަށް ދިޔަ. މިދުވަސްކޮޅު މީހެއްގެ އަތުން ނަގަނީ 300 ރުފިޔާ."
"ކޮން ބައެއް ކަލޭމެންގެ ގާތަށް ވިޔަފާރިކުރަން އަންނަނީ؟" "ގިނައީ ދިވެހީންނާއި ބަންގާޅު މީހުން."
"ކޮން ބައެއް ރަނގަޅީ؟"
"ސާފުތާހިރުކަން ބޮޑީ ދިވެހީން."
"ކޮން ބަޔަކު ހިންގާ ގެސްޓު ހައުސްތަކަށް ކަލޭމެން ދަނީ؟"
"ބަންގާޅީން ހިންގާ ތަންތަނަށް ގިނައިން ދަނީ؟"
"ކޮން ތަނެއް ރައްކާތެރީ؟"
"ބަންގާޅީން އުޅޭ ތަންތަން. އެމީހުން ފަޅާއަރުވާލާކަށް ބޭނުން ނުވާނެ. މައްސަލައެއް ޖެހިއްޖެއްޔާ އަހަރުމެން ތާށިވާގޮތަށް އެމީހުން ވެސް ޑީޕޯޓު ކޮށްލާނެކަން އެމީހުންނަށް އެނގޭ."
ހަށިވިއްކަ އަންހެނުން އެކަންކުރަނީ އާމްދަނީ ހޯދަން
"ކަލޭމެން ތިކުރާ ވިޔަފާރި ކުރާ އެހެން ބަޔަކު އެބައުޅޭތަ؟"
"އެތައް ބަޔަކު އެބައުޅޭ މާލެއާއި ރާއްޖެތެރޭގައި. އަޑު އެހިންތަ؟ ދާންދޫން ދާދި ފަހުން ބަޔަކު ހައްޔަރު ކުރި ވާހަކަ. އެއީ ދަތުރު ހަދައިގެން ހަށިވިއްކަމުން ދިޔަ ގުރޫޕެއް. އެ އެންމެން ވެސް މިހާރު ދޫކޮށްލައިފި. މި ވިޔަފާރީގައި ބަންދު ކުރާނެ. ހައްޔަރު ކުރާނެ. ޝަރީޢަތަށް ދަމާނެ. އަދަބު ލިބޭނެ. މިނިވަން ވާނެ. ވިޔަފާރިއެއް ނުހުއްޓޭނެ."
"ކީއްވެ ވިޔަފާރި ނުހުއްޓެންވީ؟"
"އެއީ .... މި ވިޔަފާރި އަހަރުމެން ކުރަނީ ދިރުއުޅެން ކަމަށް ވާތީ. ރަނގަޅު އާމުދަނީއެއް ލިބޭ ވަޒީފާއެއް ހަމަޖެހެންދެން ނޫންނަމަ އަހަރުމެންދެކެ ލޯބިވާ ދީލަތި ފިރިއެއް ލިބެންދެން މި ވިޔަފާރީގައި އަހަރުމެން ދެމި ތިބޭނަން. މަސާޖުކުރާ ނަމުގައި ވެސް ބައެއް މީހުން ބޭރު މީހުން ގެނެސްގެން މި ވިޔަފާރި ކުރަމުން އެބަދޭ."
އެވަގުތު ގެސްޓު ހައުސްއިން ވަރަށް ރީތި ޕަރީއެއް ހެން ހީވާ ޒުވާން އަންހެން ކުއްޖަކު އައިސް ހުއްޓުނެވެ. މަގޭ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
"މިއީ ދޮނޭ. ބެސްޓް އޯލްރައުންޑައެއް. ވަރަށް ފައްކާވާނެ."
މަށާ ވާހަކަ ދައްކަމުން ދިޔަ އަންހެން މީހާ ދޮނޭ ތައާރަފުކޮށްދިނެވެ. އަދި ދޮނޭ އާ ސުވާލުކުރި އެވެ.
"ކޮބާ ނިމުނީތަ؟"
"އާނ! މިދަނީ ދަރިފުޅަށް ބުއްދޭން. އިރުކޮޅަކުން އެބަ އަންނަން. އެހެން އެޕޮއިންޓުމެންޓެއް އެބައޮތް."
ދޮނޭ ހިނގައިގަތެވެ. ފަރި ހިނގުމެކެވެ. ރީތި ހަށިގަނޑެކެވެ. ކަލާންގެ ކުޅަދުންވަންތަވެރިކަމެވެ.
"އޯއި ބޭބޭ!" އެ އަންހެން މީހާ އަހަންނަށް ގޮވާލުމުން ސިއްސައިގެން ގޮސް އަހަންނަށް ބަލާލެވުނެވެ.
"ބޭބެ ކަމެއް ބޭނުންތަ؟"
"ކަމެކޭ؟ ކޮންކަމެއް؟"
"ހިނގާ އެތެރެއަށް!"
"ނޫނޭ. މިހާރަކު ނޫން!"
ހަގީގަތުގައި މަގޭ ޖީބުގައި 300 ރުފިޔާ ނުވެސް ނެތެވެ.
"އެހެންވިއްޔާ މަށަށް 100 ރުފިޔާ ދީ!" އޭނާ އާދޭހުގެ ރާގަކަށް ބުންޏެވެ. "ފަހުން ހިސާބުކިތާބު ނިންމާނީ."
މަށަށް ބޭއިޚުތިޔާރުގައި ބަލާލެވުނީ ދޮން ދޮނޭ ފަރި ހިނގުމެއްގައި ހިނގާފައި ދިޔަ ދިމާއަށެވެ. އޭނާ ފެންނާކަށް ނެތެވެ.
"ކަމެއް ބޭނުމިއްޔާ މިނަންބަރަށް ގުޅާ!"
އޭނާ އަހަންނަށް ފޯނު ނަމްބަރެއް ކިޔައިދިނެވެ. ނަންވެސް ބުނެދިނެވެ.
"ތިއީ މަގޭ އަސްލު ނަމެއް ނޫން! ކޯޑު ނަމެއް. ކަލޭ ވިޔަފާރި ކުރަން ބޭނުމިއްޔާ ގުޅާ! އަހަރެން ޑެލިވަރީ ހަދައިދޭނަން."
ޖީބުގައި އޮތް އެންމެ 100 ރުފިޔާ ވަރަށް އުނދަގުލުން ދަތި ގޮތަކަށް ނަގައި ދިއްކޮށްލުމުން އޭނާ ވަރަށް އަބުރުވެރިގޮތަކަށް "ޝުކުރިއްޔާ"އޭ ބުނެފައި ފިރިހެން މީހާ ދިޔަ ކޮޅަށް ހިނގައިގަތެވެ.
އަހަރެންގެ ހިތަށް އެރިއެވެ. ގައުމަށް ރައްޔިތުންނަށް ދިމާވެފައި ވަނީ އެކި މައްސަލަތަކެވެ. ހަށިވިއްކުމުގެ މައްސަލަތަކެވެ. ދީނީ ހޭލުންތެރިކަމެއް ނެތުމުގެ މައްސަލަތަކެވެ. ދަރަނިވެރިވެ ބަނގުރޫޓު ވުމުގެ މައްސަލަތަކެވެ. މަކަރާއި ހީލަތުގެ މައްސަލަތަކެވެ. މަސްތުވާ ތަކެތީގެ މައްސަލަތަކެވެ. ހަރު މުދާ ވިއްކުމުގެ މައްސަލަތަކެވެ.
އެވަގުތު ޒުވާން ދޮން އަންހެނަކު އަންނަތަން ފެނުމުން ކުއްލިއަކަށް އަނެއްކާވެސް ހަނދާންވީ ދޮން ދޮނޭގެ މަތިންނެވެ. ނަމަވެސް ވަޒީފާއެއް ނެތް ޖީބުގައި ލާރިއެއްނެތް މީހަކަށް ދޮނޭ ބަލާނުލާނެކަން އަހަންނަށް އެނގުނެވެ.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! މި އަޅާ އާއި ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހުންނަށް ތެދުމަގާއި ތަނަވަސްކަން ދެއްވާދޭނވެ! ހަށިވިއްކުމުގެ ވިޔަފާރިން މި ގައުމު ސަލާމަތްކޮށް ދެއްވާނދޭވެ!