އިންޑިއާގެ ބައެއް މުސްލިމުން އަފްގާނިސްތާނުގައި ތާލިބާނުން ހޯދި ކާމިޔާބީ ފާހަގަކޮށް ވާހަކަ ދެއްކުމުން، އެމީހުންނަށް ރައްދުދީ ނަސީރުއްދީން އާންމުކުރި ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.
ހަރުކަށި ތާލިބާނުންނާ ދެކޮޅަށްް އަޑުއުފުލުމުން ގިނަ ބަޔަކު ވަނީ ނަސީރުއްދީނަށް ތައުރީފްކޮށްފަ އެވެ.
އެކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ ނަސީރުއްދީން އާ ސުވާލުކޮށްފަ އެވެ. އެގޮތުން ނަސީރުއްދީން ފަދައިން ބޮލީވުޑްގެ މުސްލިމް ތަރިން ކަމަށްވާ ތިން ހާނުން އިންޑިއާގެ މުހިއްމު މައްސަލަތަކުގައި ބަސް ނުކިޔަނީ ކީއްވެތޯ ސުވާލުކުރެވުނެވެ.
އެ ސުވާލަށް ޖަވާބުދެމުން ނަސީރުއްދީން ބުނީ އެމީހުން އެއްޗެއް ބުނާއިރަށް އެތައް ބަޔަކު އެމީހުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދޭނެ ކަމަށެވެ.
އަދި މަގްބޫލުވި ވަރަކަށް އެމީހުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށާއި އޭގެ ތެރޭގައި މުޅި އުމުރު ދުވަހު ކުރި މަސައްކަތް ފެނަށް ދިޔުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ނަސީރުއްދީން ބުނީ އިންޑިއާގައި ހަރުކަށި ހިންދޫން އަދި ހަރުކަށި މުސްލިމުން ވެސް ފަހަކަށް އައިސް އިތުރު ވަމުން އަންނަ ކަމަށެވެ.
އަދި ކިތަންމެ ޕްރެޝަރެއް އަޔަސް އޭނާގެ އަޑު ނުކެނޑޭނެ ކަމަށް ނަސީރުއްދީން ބުންޏެވެ.