ads
ޑްރަގު ބޭނުންކޮށް، ވިއްކުމުގައި 8 އަހަރުގެ ކުޑަކުދިންވެސް!
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ), ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި ހެލްތު މިނިސްޓްރީގެ ދަށަށް މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ބަދަލުކޮށްފައިވާއިރު ހެލްތު މިނިސްޓަރު އެންމެ ފުަރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެންޑީއޭގެ ރިވިއު ޓީމެއް އުފެއްދުމެވެ. އެ ރިވުއުގެ މަސައްކަތްތައް ފެންނަ ޕްރެޒެންޓޭޝަނެއް މިއަދުގެ މަޖިލީހުގައި އެޓީމުން ވަނީ ދައްކާލާފައެވެ.

އެ ޕްރެސެންޓޭޝަން ހުށަހަޅަމުން އެ ޓީމުގެ ފަރާތުން ބުނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ ވަރަށް ބޮޑަށް ފުޅާވެ، ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. 

އެގޮތުން 2014 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާ އުޅެނީ 22 އަހަރާއި 37 އަަހަރާއި ދެމެދުގައި ކަމަށެވެ. ނަމަވެސް މިހާރު 2021ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކޮށްއުޅޭ އުމުރުފުރާ އުޅެނީ 17 އަހަރާއި 68 އަހަރުގެ އުމުރު ފުރާގައި ކަން ފާހަގަކޮށްފައިވެއެވެ. 

އޭގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހޭ އުމުރުފުރާގެ ބޮޑު އިންސައްތައެއް ކުޑަކުދިން ހިއްސާކުރާކަން ފާހަގަކޮށް ރިވުއުގައި ވާ މައުލޫމާތުތަކުން ދައްކާގޮތުގައި، 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާލެއް ވަަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހަމަ އެގޮތަށް އުމުރުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ. އަދި މިކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ވަރަށް ގިނައިން ބޭނުންކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ. 

"މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ ތެރޭގައި އަށް އަހަރުގެ ކުދިން އެބަހިމެނޭ. އަދި ހަމަ އެގޮތަށް ވަރަށް ހިތާމައާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް މަސްތުވާތަކެތި ވިއްކުމުގައި ބިދޭސީންނާއި، ކުޑަކުދިން ބޭނުންކުރާކަން ފާހަގަކޮށްލެވޭ. ދިވެހިރާއްޖޭގެ އެެއްވެސް އަތޮޅެއްގައި ޑްރަގު ބޭނުން ނުކުރާ ކަމަކަށް ނެތް. މިއީ ހަމަ ވަރަށް ހިތާމައާއިއެކު ދަންނަވާލަންޖެހޭ ކަމެއް. އަދި އަޅުގަނޑުމެން އެޑެންޑް ކުރަންޖެހޭ ކަމެއް " ރިވިއު ޓީމުން ބުނެފައިވެއެވެ.

ރިވިއުގައި ފާހަގަކޮށްފައިވާގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ގިނަ ފަރާތްތައް އެފަދަ ތަކެތި ބޭނުންކުރަމުންދަނީ ނަފްސާނީ ކަންކަމާއި ގުޅިގެންނެވެ. އެގޮތުން "އަލްކަހޯލް ރިލޭޓެޑް މެންޓަލް ހެލްތު" މައްސަލަތައް ރާއްޖޭގައި ދުވަހުން ދުވަށް އިތުރުވަމުންދާ ކަމަށްވެސް މި ރިވިއުގައި ވަނީ ފާހަގަކޮށްފައެވެ. 

ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތީގެ ވިޔަފާރީގައި 60 ޕަަސެންޓް ހިއްސާ ވަނީ ދިވެހީންނެެވެ. އަދި 10 ޕަސެންޓް ބަންގްލަދޭޝް މީހުން، ފަސް ޕަސެންޓް ޕާކިސްތާނުގެ މީހުން ބައިވެރިވެ އެވެ. ރިވިއުއިން ދައްކާގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސްތުވާތަކެތީގެ ވަބާ ވަނީ ފެތުރިފަ އެވެ. އަދި އެކަމުގައި ފިރިހެނުން ބޮޑަށް ޝާމިލުވިޔަސް އަންހެނުންގެ ނިސްބަތް ވެސް ވަކި ކުޑައެއް ނޫނެވެ.

ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތްތަށްވެސް ވަނީ ބަދަލުވެފައެވެ. އެގޮތުން މިހާރު މަސްތުވާތަކެތި މެއިލް މެދުވެރިކޮށް އެތެރެކުރާކަން ފާހަގަކޮށްފައިވެއެވެ. މިކަން އެހެންވަނީ އެތެރެކުރާ ބާވަތްތައް ބަދަލުވުމުންކަމަށް ރިވިއުގައި ބުނެފައިވެއެވެ. 

އެންޑީއޭ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވަނީ އެ އެޖެންސީ ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓަރު އަހްމަދު ނަޝީމް މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ވަބާއަކީ ޑްރަގުގެ ވަބާ ކަމަށާއި، އެ ވަބާގައި ޖެހިފައިވާ ވަރަށް ގިނަ ކުދިންނަށް މިހާރުވެސް ދަނީ ފަރުވާދެމުން ކަމަށެވެ. 

އެގޮތުން ޑްރަގުގެ ވަބާގައި ޖެހިގެން ފަރުވާހޯދަމުންދާ 3000 އެއްހާ ކުދިން އެބައުޅޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކުދިން އަލުން އަނެއްކާވެސް މުޖުތަމައު ތެރެއަށް ނިކުތުމާއިއެކު ވަބާގެ ތެރެެއަށް އެބުރިދާ ސަބަބު ހޯދުމަށް ހެލްތު މިނިސްޓަރު ކަމާއި ހަވާލުވެގެން އެކަން ދިރާސާކޮށް ބެލިއިރު، ވަބާގައި ޖެހިފައިވާ ކުދިންނަށް ފުރިހަމަ ފަރުވާއެއް ހޯދައިދޭނީ ކިހިނެތް ކަން އެގިފަނެތްކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިރާސާތަކެއް ހެދި އެކުދިންނަށް ބޭނުންވާ ރަނގަޅު ފަރުވާ ދެވޭނެ ނިޒާމެއްވެސް ގާއިމު ކުރެވިފައި ނުވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް