ads
ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި--
8 އަހަރުގެ ކުދިން ޑްރަގު ބޭނުންކޮށް ވިއްކަނީ، މިއީ ގައުމެއްތަ!
އުމުރުން އެންމެ އަށް އަހަރުގެ ކުދިން ޑްރަގު ބޭނުން ކުރަމުންދާ ކަމަށާއި އަދި އެ ކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވަމުންދާ ވާހަކަ އިއްޔެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އެ ވާހަކަތަކާއެކު ނޫސްތަކުގެ ފަލަ ސުރުހީތަކުގައި އެ ވާހަކަ އޮތް އިރު އުފެދޭ ސުވާލަކީ މިކަން ސަރުކާރުތަކަށް ހަމަ ނޭނގި އޮތީ ބާވަ އެވެ.

ރާއްޖޭގައި މަސްތުވަތަކެތީގެ ހާލަތާބެހޭ ގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ރިވިއު ޓީމުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި އިރު އޭގައިވާ މައުލޫމާތުތައް އިވިފައި ރާއްޖޭގެ ހާލަތު އޮތް ހިސާބު ވަރަށް ބޮޑަށް ސާފުވި އެވެ. ސިޔާސީ މީހުން މި ދައްކާ ވާހަކައިގެ ބޭނުމެއް ނެތް ކަމަށާއި އެ މީހުންގެ ހުރިހާ ވެސް ބޭނުމަކީ ރައްޔިތުން ހައްދާލައިގެން ދައުލަތުގެ މާލިއްޔަތުގައި ހުރި ތަނަވަސްކަމުން ބައެއް ލިބޭތޯ ބެލުންކަމުގެ އިހުސާސްވި އެވެ.

ރާއްޖޭގައި އުމުރުން އެންމެ އަށް އަހަރުގެ ކުދިން މަސްުވާތަކެތި ބޭނުން ކުރަމުންދާކަމަށާއި އެ ކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ހެސްކިޔާފައި އުޅޭކަން އިއްޔެ ހުށަހެޅި ޕްރެޒެންޓޭޝަނުން ހާމަވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ހުށަހެޅުން ހުށަހެޅި އިރު މިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އެންމެ އަށް އަހަރުގެ ކުދިން ހިމެނޭކަން ސަރުކާރުތައް ހިންގި އަދި ހިންގަމުންދާ މީހުންނަށް ނޭނގިދާނެތޯ އެވެ. އެކަން ނޭނގޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް އަށް އަހަރުގެ ކުދިން ވެގެން ދާއިރު ސަރުކާރުތަކުން އެކަމާ އަޅާލި ނަމަ އިއްޔެ ހުށަހެޅި ޕްރެޒެންޓޭޝަނުން އެ މައްސަލަ އެހާ ވަރަށް ފާހަގަކުރާނެތޯ މިއީ ވެސް ސުވާލެކެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާއަށް ބަލާއިރު 2014 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާ އުޅެނީ 22 އަހަރާއި 37 އަަހަރާއި ދެމެދުގަ ކަމަށް ޕްރެޒެންޓޭޝަނުން ދައްކަ އެވެ. ނަމަވެސް މިހާރު 2021ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކޮށްއުޅޭ އުމުރުފުރާ އުޅެނީ 17 އަހަރާއި 68 އަހަރުގެ އުމުރު ފުރާގައިކަން އެ ހުށަހެޅުމުން ދައްކަ އެވެ. މިވަރުވެގެންދިޔަ އިރު ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން ތިބޭ ރައޔިތުންގެ ހާދިމުން ކުރީ ކޮން ކަމެއްތޯ މިއީ ވެސް ސުވާލެކެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހޭ އުމުރުފުރާގެ ބޮޑު އިންސައްތައެއް ކުޑަކުދިން ހިއްސާކުރާކަން ފާހަގަކޮށް ރިވުއުގައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި، 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުން ކުރާލެއް ވަަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހަމަ އެގޮތަށް އުމުރުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ. އަދި މިކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ވަރަށް ގިނައިން ބޭނުންކުރަމުންދާކަންވެސް ފާހަގަކޮށްފައި ވަނީ ހަމަ ނަމަކަށް ނޫންކަން ގަބޫލު ކުރަން ޖެހޭނެ އެވެ.

ދިވެހި މުޖުތަމައުގައި މަސްތުވާތަކެތީގެ ހާލަތު އެހާ ބޮޑަށް ގޯސްވެފައިވާއިރު ސަރުކާރުތަކުން އެކަމަށް ދޭ ސަމާލުކަން ކުޑަވާންވީ ސަބަބެއް ނުވިސްނެ އެވެ. މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަކީ ވެރިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަމަށް ރައްޔިތުން ގަބޫލުކުރި ނަމަވެސް އެ ކަން އެގޮތަށް ނުހިނގާކަމަށް ވެދާނެ އެވެ. ވެރިންގެ ބޮލުގައި އެ ޒިންމާ އެޅިފައިވާ ނަމަ އަދި ވެރިންނަށް އެ މައްސަލަ ބޮޑު ނަމަ އެ މައްސަލައަށް ހައްލެއް ނުހޯދެންވި ސަބަބެއް ނެތްކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ވަރަށް ފަހުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ޕްލޭނެއް ސަރުކާރަށް ހުށަހެޅިން. އެ ޕްލޭނުގައި ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައިވާނެ. އެ ޕްލޭން ތަންފީޒުކޮށްފި ނަމަ މިހާރު މިއޮތް ވަރަށް މަސްތުވާކެތީގެ މައްސަލަތައް ގިނަވެގެން ނުދާނެކަން ޔަގީން. އެކަމު އެކަން ކުރަންޖެހޭނީ ސަރުކާރުން ނުވަތަ ބާރު ހުރި ފަރާތްތަކުން ވަރަށް ހެޔޮ ނިޔަތުގައި ވަރަށް ބޮޑު އިސްކަމެއްދީގެން. ނަމަވެސް ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ފައިސާގެ އަދަދު ބޮޑުކަމަށް ބުނެ އެކަމަށް އަޅައެއްނުލި،" ނަން ޖަހަން ބޭނުންވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އެތައް ޒުވާނުންނަކާއި ކުދިންނެއް ހަލާކުގެތެރެއަށް ވެއްޓެމުންދާއިރު އެ އަނދަވަޅުން ގައުމު ސަލާމަތް ކުރުމަށް އެކަށީގެންވާ ފައިސާއެއް ހޭދަކުރަން ބޭނުންނުވުމަކީ ވަރަށް ބޮޑު ލަދުވެތިކަމެއްކަމަށެވެ.

"އެތައް މިލިއަން ރުފިޔާއެއް ތަފާތުކަންކަމަށް ހަރަދު ކުރާއިރު ދިވެހި ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތްކުރަން މިލިއަނުން ހަރަދު ނުކުރަންވި ސަބަބެއް ނެތް. އެ ހަރަދު ނުކުރާ ނަމަ ވާނީ މިހެން. މިހާރު ވެސް އެ ފެންނަނީ އެކަންކަމުގެ ހިތި ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

އިޖުތިމާއި އެތައް މައްސަލަތަކެއް ހައްލުކުރުމުގައި ހަރަކާތްތެރިވާ އެ ތަޖުރިބާކާރު ވިދާޅުވީ، އޭނާގެ ޕްލޭން ސަރުކާރަށް ހުށަހެޅުމުގެ ތެރޭގައި ވަރަށް ސާފުކޮށް އެއްކަމެއް ދެންނެވި ކަމަށެވެ.

"އަޅުގަނޑު ބުނިން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ބޭނުން ނަމަ އެކަން ކުރާން އެނގޭ އެކަމުގެ ތަޖުރިބާކާރު މީހުން ބޭނުންކޮށްގެން އެމަސައްކަތް ހިންގަން ޖާގަ ދޭން ޖެހޭނެކަމަށް. ސަރުކާރުން އެކަމުގެ ތެރެއަށް ވެގެންނުވާނެޔޭ. ސަރުކާރުން ކުރަންޖެހޭނެ ކަމަކީ އެ މަސައްކަތް ދަނީ ހުށަހަޅާފައިވާ ޕްލޭނާއެއްގޮތަށްތޯ ބެލުމޭ. ޕްލޭނާ އެއްގޮތަށް ނުދާ ނަމަ އެކަމާ ވާހަކަ ދައްކާ އެކަން ހައްލުކުރުމޭ ސަރުކާރުގެ ކަމަކަންވާންޖެހޭނީ،" ނަން ނުޖެހުމަށް އެދި ވާޙަކަ ދެއްކި ތަޖުރިބާކާރު.

މަސްތުވާތަކެތި ކޮންޓްރޯލްކޮށް ޑްރަގުން ކޮށިއަރައަރާ ތިބި ޒުވާނުން ރަނގަޅުކުރަން ބޭނުން ނަމަ، އެ މަސައްކަތް ކުރާނެ މީހުންނާއި މަސައްކަތަށް މީހުން ނެގުމަކީ ސަރުކާރުން ކުރާ ކަމަކަށް ވެގެން ނުވާނެކަމަށާއި މިހާރު ވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވެގެން އުޅެނީ ސަރުކާރުތަކުން އެކަން ހައްލުކުރަން ބޭނުން ނުވާތީކަމުގައި ސަރުކާރުގައި ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ހާސިލުކުރަން އުޅޭ ނަމަ އެކަމެއް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުން މަދު ކުރެވޭނެކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ގައުމަށް މިހާރު ޖެހިފައިވާ އެ ބޮޑު ވަބާއިން ސަލާމަތް ކުރުމަށް އެކަށީގެންވާ ހޭދައެއް ކުރުމާއެކު ދެން ހުރި ކަންކަން ވެސް ކޮށްގެން ކަމަށެވެ. އަދި ހޭދަ އެކަނިކުރުމަކުން ނުނިމޭނެކަމަށާއި ސަރުކާރުތަކުން އެ ފަދަކަންކަން ހުއްޓުވުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ތަޖުރިބާކާރުންގެ ވާހަކަ އެވެ. ނަމަވެސް ހިތާމައަކީ ސަރުކާރުތަކުން މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމާއި އެކަން ކޮންޓްރޯލް ކުރުމަށް ގައުމު ހިންގަން ހަވާލުވާ މީހުން އެކަންކަން ނުކުރުމެވެ. މިއަދު މަސްތުވާތަކެތި ބޭނުން އެކުރަނީ އެންމެ އަށްއަހަރުގެ ކުޑަކުއްޖާއެވެ. މާދަމާ އުނގުގައި އޮންނަ ދަރިފުޅު ޑްރަގް ބޭނުންކުރާއިރުވެސް ހަމަ ހެވިފައި ތިބޭނީ ހެއްޔެވެ؟ ނަމަކަން ކަމެއްކޮށްލައިގެން އެ މައްސަލަތައް ހައްލުކުރަން ހަގީގީ މަސައްކަތް ނުކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަ އަޅުވާ ތިބުން ނޫން ކަމެއް އެބައޮތް ހެއްޔެވެ؟ އަންނަ އޮތް ޖީލު މަސްތުވާތަކެތީގެ ވަބާގައި ޖައްސާ ހަލާކޮށްލާ ނަމަ މިއީ ގައުމެއްތޯ އެވެ. ގައުމެއްގެ ރުކުންތައް ހަމަކޮށް ގައުމު ހިންގާ ނަމަ އަންނަށް އޮތް ޖީލު މަސްތުވާތަކެތީގައި ޖައްސާ އެ ޒުވާނުން ހަލާކު ކުރަންޖެހޭ ސަބަަބެއް އެބަ އޮތްތޯ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް