
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެމްބަރު 21 ވާ އަންގާރަ ދުވަހުގައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.
ރައީސް ސޯލިހް އދ.ގެ އާންމު މަޖިލީހުގައި ތަގްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ފުރުއްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ ރިޔާސަތަށް ރާއްޖެ ހޮވުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
މިނިސްޓަރު ޝާހިދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގިނަ ގައުމުތަކެއްގެ ތާއީދާ އެކު އޭނާ އެ މަގާމަށް ހޮވިވަޑައިގަތުމަކީ ރާއްޖެ ބަލައިގެންފައިވާ މިންވަރެވެ. ޝާހިދަށް 143 ގައުމުގެ ތާއީދު ލިބިވަޑައިގަތެވެ.
ޝާހިދު ސިފަކުރައްވާ ގޮތުގައި، މިއީ ހުރިހާ ދިވެހިންނަށް ލިބުނު ކާމިޔާބެކެވެ.
ރައީސް ސޯލިހު ވަނީ މިނިސްޓަރު ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި ރައީސް އާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި، މިއީ ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ މިނިސްޓަރ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ތަންފީޒުކޮށްދެއްވަމުން ގެންދަވާކަން ފާހަގަަކުރައްވާފައެވެ. ރައީސް ސޯލިހް ވަނީ މިނިސްޓަރު ޝާހިދު އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، މިނިސްޓަރ ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.