ގއ. އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އިދާރާގައި މުވައްޒަފަކު ނެތިގެން މުވައްޒަފަކު ހޯދާތާ އަހަރު ދުވަސްވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

Advertisement
ގއ. އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އިދާރާގައި މުވައްޒަފަކު ނެތިގެން މުވައްޒަފަކު ހޯދާތާ އަހަރު ދުވަސްވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ގއ. އަތޮޅު ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހޮނިހިރު ދުވަހުގެ ރޭ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ކަނޑުހުޅުދޫގެ މައްސަލަ ފެންމަތިވިއިރު އެ އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އިދާރާގައިވެސް މުވައްޒަފަކު ނެތް ކަމަށާއި އެތަނަށް މުވައްޒަފަކު ހޯދަމުންދާ އަހަރެއް ވެއްޖެ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ދޭ ބައެއް ހިދުމަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މުހިއްމު ހިދުމަތްތަކަކަށްވީ ނަމަވެސް އެންމެ އުދަގުލުން ބަޖެޓް ލިބޭ އިދާރާ އަކީ ޖެންޑާ މިނިސްޓްރީ ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. ޖެންޑާ މިނިސްޓްރީން ރައްޔިތުންނަށް ހިދުމަތް ދޭން ބަލާއިރު ޖެންޑާ އެކަށީގެންވާ ބަޖެޓާއި ވަސީލަތްތަކާއި މުވައްޒަފުން ނެތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮންމެ އަތޮޅެއްގައި ހުރީވެސް ޖެންޑާ މިނިސްޓްރީގެ އެންމެ އިދާރާއެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލި ނަމަވެސް އެތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދުތަކަށް ބެލި ނަމަވެސް ހާލަތު ވަރަށް ގޯސް. ގއ. ސެންޓަރުގައި މުވައްޒަފަކު ނުވެސް ނެތް. އެ ތަނަށް މުވައްޒަފަކު ހޯދާތާ ވެސް އަހަރު ދުވަސް ވެއްޖެ،" ޝިދާތާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކޮންމެ ރަށެއްގައި ވެސް އެ މިނިސްޓްރީގެ ސޯޝަލް ވޯކަރުން ބައިތިއްބަން ބަޖެޓް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އަދި މުވައްޒަފުން މަދުވެފައި ހުށަހެޅޭ މައްސަލަތައް ގިނަވުމުން ކޮންމެ ސޯޝަލް ވޯކަރަކު ވެސް ވަރަށް ގިނަ މައްސަލަތައް ގެންގުޅެންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މައްސަލަތައް ހައްލުކުރަން ބަލާއިރު ހުރިހާ ދިމާލެއްގައިވެސް މައްސަލަތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކުރެވޭނީ އެންމެން ގުޅިގެން ކަމުގައިވެސް ވިދާޅުވި އެވެ.