ads
ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރި އިޖުތިހާދުގެ ތެރެއިން..ފޮޓޯ/ފޭސްބުކް
4465 މީ ހަމަ އަހަރުންނަށް ހައްގު މިންވަރުތޯ؟
ސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާ ވާހަކަ މިއީ އަބަދުމެ އަބަދަށް އަޑު އިވޭ ވާހަކައެކެވެ. ސަރުކާރު މުވައްޒަފުންނަށް އެ ލިބޭ މުސާރަ ހައްގު ނޫން ކަމަށް ބުނެ ވަޒީފާތަކުގައި އުޅޭ މީހުން އަޑު އުފުލީ އިއްޔެ މިއަދަކު އެކަންޏެއް ނޫނެވެ.

ސަރުކާރު މުވައްޒަފުންގެ މެދުގައި މުސާރައިގެ ތަފާތުކުރުން އިންތިހާއަށް ގެންގުޅޭކަމުން ދިވެހި ސިވިލް ސާވަންޓު އެސޯސިއޭޝަނުން މިވަމީ އަނެއްކާވެސް ބޮޑު ހަރަކާތެއް ފަށާފައެވެ.

އެ އެސޯސިއޭޝަނުން އިސްނަގައިގެން މި ފެށި ބޮޑު ހަރަކާތުގެ ފުރަތަމަ ތަނބު އިއްޔެ އެޅި އިރު ގިނަ އަދަދެއްގެ ބަޔަކު އިއްޔެ ވަނީ ކަޅު ހެދުމުގައި އޮފީހަށް ނުކުމެ މުސާރަ ހައްގު ނޫން ކަމަށް ބުނެ އިޖުތިހާދުވެސް ކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އޮފީސްތަކުގެ މުވައްޒަފުން އިއްޔެ ސޯޝަލް މީޑިއާ ފުރާލީ ކަޅު ހެދުމުގައި ނަގާފައިވާ ފޮޓޯ ތަކުންނާއި މުސާރަ ބޮޑު ނޫވާތީ އެކަމާއި ކަންބޮޑުވާ ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކުންނެވެ.

ސިވިލް ސާރވަންޓުންނާއެކު ރަށް ރަށުގެ ކައުންސިލް މެންބަރުންނާއި އޮފީސްތަކުގެ މެނޭޖިން ޑިރެކްޓަރުން ބައިވެރިވެލެއްވި އިރު އެ ސިވިލް ސާރވަންޓުން ބުނަނީ "މަގޭ ހައްގު، މަވެސް ބައިވެރިވާނަން" ކަމަށެވެ.

"ހިދުމަތުގައި 36 އަހަރު، 4465 މީ ހަމަ ހައްގު މިންވަރުތޯ" މިއީ ވެސް އިއްޔެގެ ކަންބޮޑުވުން ފާޅުކުރި ފަރާތެެއްގެ ހިތުގެ ޝުއޫރެވެ.

your imageސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރި އިޖުތިހާދުގެ ތެރެއިން..ފޮޓޯ/ފޭސްބުކް

މަސައްކަތް ކުރާތާ 36 އަހަރު ވީއިރު އޭނާ ކިހާ ދުވަހަކު މުސާރައިގެ އިތުރުވުމެއް ނައިސްގެން ކެތް ކުރާނެ ހެއްޔެވެ. ކުރީ ސަރުކާރުން ނެކޭ މި ސަރުކާރަކުންނޭ ކިޔައި އެއްވެސް ސަރުކާރެއްގެ ބޮލުގައި އެޅުވެން ނެތެވެ. އެ ދައްތަގެ އުމުރު ވަޒީފާއިގައި ހޭދަ ކުރާއިރު އަދިވެސް ލިބެމުން އެ ދަނީ ކަންބޮޑުވެ ހިތްހަމަ ނުޖެހުނަސް ލިބެމުން އަންނަ 4465 ރުފިޔާގެ މުސާރައެވެ.

ދެން އެންމެ ގިނަ ބައެއްގެ ޝަކުވާ އަކީ ސިޔާސީ ގޮތުން މަގާމުތަކަށް އިންތިހާބުވެފައިވާ އެކި އެކި ފަރާތްތަކަށް ވަކި ގޮތެއް އާދައިގެން މަގާމުތަކުގައި ގަނަ ތެޅޭ މުވައްޒަފުންނަށް ވަކި ގޮތެއް ހަދާ މުސާރައިގެ ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާއެވެ.

"އަހަރުމެން ކައުންސިލް އިދާރާގެ އޮފީސް ބައިގައި 4 ވަރަކަށް މުވައްޒަފުން ތިބޭ އިރު ހުރިހާ ކަމެއް ކުރާ އިރުވެސް ގެއަށް ގެންދަން މި ލިބެނީ ފަސް ވަރަކަށް ހާސް ރުފިޔާ. އެކަމު އަންހެނުންގެ ކޮމިޓީ މެންބަރު މީޓިން އަކަށް ހާޒިރު ވެލީމަ އެބަ ލިބޭ ހަތް ހާސް އަށް ހާސް ވެސް. މިއީ އަހަރުންނަށް ހައްގު މިންވަރެއް ނޫން'" ރާއްޖޭގެ އުތުރުގެ ރަށެއްގެ ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔައިދިނެވެ.

މިނިމަމްވޭޖްގެ ވާހަކަ އަބަދުވެސް ދެކެވޭ ކަމަށާއި އެކަމަށް ވެސް އަލި މަގެއް ފެންނަހެން ހީނުވާތީ ގިނަ މުވައްޒަފުން ވަނީ މިނިމަމްވޭޖް ވީ ހިސާބެެއް ކޮބައިތޯ ބުނެ ސުވާލު އުފައްދާފައެވެ.

ރަށްރަށުގެ ކައުންސިލް އިދާރާތަކުން އަދި ސްކޫލްތަކުން ވެސް އިއްޔެގެ އަމާން އިޖުތިހާދުގައި ބައިވެރިވެފައިވާ އިރު ސިވިލް ސާވަންޓުންގެ މުސާރައިގެން ކަންބޮޑުވުން ހައްލު ކުރުމަށް މުސާރައިގެ އޮނިގަނޑަށް އަންނަ އަހަރު ބަދަލު ގެންނާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަމުން މިހާރު މިވަނީ ހާމަކޮށްފައެވެ.

your imageސިވިލް ސާރވަންޓުންގެ މުސާރަ ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރި އިޖުތިހާދުގެ ތެރެއިން..ފޮޓޯ/ފޭސްބުކް

އިދާރާތަކުން އެފަދަ ޖުމްލަތައް ހާމަ ކުރިޔަސް މިއަދާ ހަމައަށް ވެސް ސިވިލް ސާރވަންޓުންނަށް ހިތްހަމަ ޖައްސާލައިގެން ނުތިބެވެނީ އުފާވެރިކަމުގެ ކުލައެއް އެ ބަސްތަކުގައި ޖެހިފައި ނުވާތީއެވެ. ވަކި ބަޔަކަށް ވަކި ގޮތެއް ހަދާތީ، ވަކި ބަޔަކަށް ވަކި މުސާރަ އެއް ދީ މުސާރައިގެ ތަފާތު ކުރުން ގެންގުޅޭތީ "ހަޖަމް" ނުވާނެ ކަމަށް ވަރަށް ގިނަ ބަޔަކު އެ އަންނަނީ ބުނަމުންނެވެ. އެ ހުރިހާ މުވައްޒަފުންވެސް ބުނަނީ ސަރުކާރުން އެކަމަށް ފުންކޮށް ވިސްނަން ވެއްޖެ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް