ads
މޯލްޑިވްސް މީޑިއާ ކައުންސިލް--
ނޫސްވެރީންނަށް އަނިޔާ ވެފައިވާތީ އެކަން ކުށްވެރިކޮށް މައްސަލަ ބަލައިދިނުމަށް އެދިއްޖެ
ރޭގައި ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

އެކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ، 2021 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ފުލުހުން ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާކަމަށެވެ. އެގޮތުން، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ، ފޮޓޯއާއި ވީޑިއޯއާއެކު އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ.

އެކައުންސިލުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި  ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

"ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، މި ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން، ރޭގައި ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މި ކައުންސިލުން ގޮވާލަމެވެ." މީޑިއާ ކައުންސިލުގެ ނޫސްބަޔާނުގައިވެއެވެ.

މީގެ އިތުރުން، މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާތަކުން، ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މި ފުރުޞަތުގައި ހަނދާންކޮށްދޭ ކަމަށްވެސް އެކައުންސިލުގެ ނޫސްބަޔާނުގައި ވެއެވެ.  

އަދި، މުޒާހަރާ ކަވަރުކުރާ ހުރިހާ ވަގުތެއްގައިވެސް މީޑިއާގެ ފާހާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް ބޭނުންކުރުމަށާއި، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދިހަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ސަމާލުވުމަށްވެސް  އެ ކައުންސިލުން އިލްތިމާސްކުރާ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް