އެރިކް ޕާޓަލޫ ދޫކޮށްލީ މެއި މަހު މާލޭގައި ކޮވިޑް ޕްރޮޓޮކޯލާ ޚިލާފުވެ، ފަހުން އެއްގޮތަކަށްވެސް ޓީމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ނުދީ ބެހެއްޓުމަށް ފަހުއެވެ. މާލޭގައި ކޮވިޑް ޕްރޮޓޮކޯލާ ޚިލާފުވި ބެންގަލޫރުގެ ޑިފެންޑަރު ޖުއާނަން ގޮންޒާލެޒް އަދި ގޯލް ކީޕަރު ޓްރެއިނަރުވެސްވަނީ ކުރިން ކްލަބުން ދޫކޮށްލާފައެވެ.
އެރިކް ޕާޓަލޫއަކީ އޭއެފްސީ ކަޕް ޕްލޭ އޮފް މެޗަށް މިދިޔަ މެއި މަހު މާލެ އައިސްތިބި އިރު ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި އެއް ކުޅުންތެރިޔާއެވެ. އަނެއް ކުޅުންތެރިޔަކީ ސްޕެއިންއަށް އުފަން ޖުއާނަންއެވެ. ބެންގަލޫރުން މި ދެ ކުޅުންތެރިންވެސް ދޫކޮށްލާފައިވަނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ޕާޓާލޫގެ މައްސަލަ ހޫނުވެފައިވެއެވެ. އޭނާއަށް މާލޭން އެ ފަހަރު ފުރި ފަހުން ބެންގަލޫރު އެފްސީގެ ޕްރެކްޓިހުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިނުވާ މައްސަލައިގައި ބެންގަލޫރު އެފްސީން ރަސްމީކޮށް އެއްޗެއް ނުބުނި ނަމަވެސް ކޮވިޑް ޕްރޮޓޮކޯލާ ޚިލާފުވި ޓީމުގެ މެންބަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބުން އޭރުވަނީ ބުނެފައެވެ.