
އިންޑިއާގެ ބިހާރު ސްޓޭޓުގެ މާޖޯޅު އަވަށުގެ ލަލަން ކުމާރު 20އ ވަގުތީ ގޮތުން ކޯޓުން މިނިވަން ކުރީ އެ އަވަށުގެ ދެހާހެއްހާ އަންހެނުންގެ ހެދުން އަމިއްލަ ޚަރަދުގައި ދޮވެ އިސްތިރި ކުރުމަށް ޝަރުޠުކޮށްފައެވެ.
ފުލުސް އޮފިސަރ ސަންތޯޝް ކުމާރު އޭއެފްޕީއަށް މައުލޫމާތުދެމުން ބުނިގޮތުގައި ރޭޕު ކުރުމުގެ އިތުރަށް އެހެން ބައެއް ކުށްތައް ވެސް ކޮށްފައިވާކަމުގެ ތުމަތުގައި އޭޕްރީލް މަހު ބަންދު ކުރި ކުމާރަކީ ލޯންޑްރީއެއްގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.
ކުމާރު ވަގުތީ ގޮތުން މިނިވަންކުރިކަމަށް ވިޔަސް އޭނާގެ ޝަރީޢަތުގެ އަޑު އެހުމެއް ދެން އޮންނާނެ ތާރީޚެއް ކޯޓުން ބުނެފައެއްނުވެއެވެ.
އަވަށު ކައުންސިލްގެ ރައީސާ ނަސީމާ ޚާތޫން ބުނިގޮތުގައި ކޯޓުގެ ނިންމުމާ މެދު އަވަށުގެ ހުރިހާ އަންހެނުން ވެސް ތިބީ ހިތްހަމަޖެހިފައެވެ. އަދި ކޯޓުގެ ނިންމުމަކީ ތާރީޚީ ނިންމުމެއްކަމަށާއި އެކަމުގެ ސަބަބުން އަންހެނުންނަށް އިހުތިރާމު ކުރުން އިތުރުވެ އަންހެނުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެން ދާނޭކަމަށް ވެސް ނަސީމާ ފާހަގަކުރިއެވެ.
އަވަށުގެ ވަރަށް ގިނަ އަންހެނުން ބުނިގޮތުގައި ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ބަހުސު ކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އަންހެނުންނަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.
އަވަށުގެ އަންހެނެއްކަމުގައި ވާ އަންޖަމަން ޕަރުވީން ބުނިގޮތުގައި ކުށުގެ ތުހުމަތުގައި ބަންދުކުރި މީހާއާ މެދު އެޅީ ވަރަށް އެކަށީގެންވާ އަދި ވަރަށް ތަފާތު އަދަބެކެވެ. އެއިން މުޖުތަމިއަށް ރަނގަޅު މެސެޖެއް ލިބޭނޭކަމަށް ވެސް އަންޖަމަން ފާހަގަކުރިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012ގައި ޒުވާނުންތަކެއް ހިންގި ބިރުވެރި އަދި ނުރައްކާތެރި ރޭޕަށްފަހު އިންޑިއާގައި ރޭޕު ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅުނު ކަމަށް ވިޔަސް ރޭޕް ކުރާ މީހުންގެ އަދަދު ދަނީ ހައްތާ އިތުރު ވަމުންނެވެ. އަދި އަނިޔާ ލިބޭ ވަރަށް ގިނަ އަންހެނުން ކަމާ ބެހޭ ޝަކުވާ ފުލުހުންނަށް ރިޕޯޓު ނުކުރިކަމަށް ވިޔަސް މިދިޔަ އަހަރު އެކަނިވެސް 28 ހާހަށް ވުރެ ގިނަ މީހުން ރޭޕު ކުރިކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައިވެއެވެ.
ރޭޕު ކުރާ މީހުންގެ މައްސަލަތައް ހޯދައި ބަލައި ތަހުގީގުކޮށް ޝަރީޢަތަށް ހުށަނޭޅޭ ކަމަށް ބުނެ ފުލުހުންނާ ބެހޭ ގޮތުން އިންޑިއާގެ އެތައް ލައްކަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
އިންޑިއާގެ ވަރަށް ގިނަ އާއްމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި ސަރުކާރާއި ފުލުހުން ވަނީ ވާޖިބު އަދާކުރުމުގައި ފޭލުވެފައެވެ.