ads
ޓާކްމެނިސްތާންގެ މަގުމަތީ މާސްކް އަޅައިގެން ތިބި އަންހެނުންތަކެއް-
ޓާކްމެނިސްތާން އިން މިހާތަނަށް ކޮވިޑްގެ އެންމެ ކޭސް އެއްވެސް ނުފެންނަ ކަމަށް ބުނެފި
އަވަށްޓެރި ގައުމުތަކުން މިލިއަނުން މީހުން ކޮވިޑް-19 ޖެހުނު ނަމަވެސް އެގައުމުން އަދި ކޮވިޑްގެ އެންމެ ކޭސް އެއްވެސް ނުފެންނަ ކަމަށް ޓާކްމެނިސްތާން އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރިވެ ގަނެގެން ހިންގާ ސަރުކާރެއް އޮންނަ އެގައުމުުގެ ސަރުކާރުން ބުނީ ޕެންޑެމިކް ފެށުނުތާ ދެ އަހަރުވި އިރުވެސް ކޮވިޑްގެ އެންމެ ކޭސް އެއް ވެސް އެގައުމުން ފެނިފައި ނުވާ ކަމަށެވެ. 

ހަ މިލިއަން މީހުންގެ އާބާާދީއެއް އޮންނަ ޓާކްމެނިސްތާން އިން ކޮވިޑްގެ ކޭސްއެއް އަދި ނުފެންނަ ކަމަށް ބުނި ނަމަވެސް، ބައިނަލް އަގްވާމި މާހިރުން އެކަމާއި ދެކޮޅު ހަދައެވެ. އެގޮތުން އެގައުމާއި އަވަށްޓެރި ގައުމުތަކުން ކޮވިޑްގެ ކޭސްތައް މިލިއަނުން ރެކޯޑް ކުރަމުން ދިޔައިރު ޓާކްމެނިސްތާންއިން އެންމެ ކޭސްއެއް ވެސް ނުފެންނަ ކަމަށް ބުނާ ވާހަކަ އެމީހުން ދޮގުކުރެއެވެ. އެގޮތުން ޓާާކްމެނިސްތާން އާއި އެއްގަމުން ދިގު ބޯޑަރެއް ހިއްސާ ކުރާ އީރާނުން މިހާތަނަށް ފަސް މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ބުނެއެވެ. 

ދެހާސް ހަވަނަ އަހަރުން ފެށިގެން ގޮންމުށުގެ ބާރުން ޓާކްމެނިސްތާންގެ ވެރިކަން ކުރަމުން އަންނަ ރައީސް ގާބަންގުލީ ބާޑިމުހަމެޑޮވް ވަނީ އދ ގައި ތަގްރީރު ކުރައްވަމުން އެގައުމުން ކޮވިޑް ފެނުނު ވާހަކަތަކަަކީ "ފޭކް" ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ކޮވިޑްގެ އާލަމީ ވާބާއަށް އިޖާބަ ދެމުން އަންނަ ގޮތް ސިޔާސީ ނުކުރުމަށް އޭނާ ގޮވާލައިފައި ވެއެވެ. 

ޓާކްމެނިސްތާންއިން މިހާތަނަށް ކޮވިޑްގެ އެންމެ ކޭސްއެއް ވެސް ފެނިފައި ނުވާކަމަށް ސަރުކާރުން ބުނި ނަމަވެސް އެގައުމުން ބޭރުގައި އުޅޭ މިނިވަން އޯގަނައިޒޭޝަންތަކާއި ނޫސްވެރިންނާއި އަދި އެކްޓިވިސްޓުން ބުނަނީ އެގައުމުން ކޮވިޑްގެ ތިން ވަނަ ރާޅަކާއި ކުރިމަތި ލަމުން އަންނަ ކަމުގެ ހެކިތައް ހުރި ކަމަށެވެ. އަދި އެގައުމުގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށާއި އެތައް ބަޔަކު ބަލީގައި މަރުވެފައިވާ ކަމަށް އެމީހުން ބުނެއެވެ. މިނިވަން އޯޯގަނައިޒޭޝަންތަކުން ވަނީ ޓާކްމެނިސްްތާންގެ ރައީސް އަންނަނީ އޭނާގެ ޕަބްލިކް އިމޭޖު ހިފެހެއްޓުމަށް ވައިރަސްގެ ނުރައްކަލުގެ ކަންކަން ސިއްރު ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ އާއި ޑަބްލިއުއެޗުއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޓާކްމެނިސްތާން އަކީ ދުނިޔެއިން ކޮވިޑްގެ ކޭސްއެއް ރިޕޯޓް ނުކުރާ ފަސް ގައުމުތަކުގެ ތެރެއިން ގައުމެކެވެ. 

އެތަނުން ތިން ގައުމަކީ ޕެސިިފިކްގައި އެކަހެރިކޮށް އޮންނަ ރަށްތަކެކެވެ. އަދި ހަތަރު ވަނަ ގައުމަކީ ކަންކަން ސިއްރު ކުރުމުގެ ރިކޯޑެއް އޮންނަ ދައުލަތެއް އޮންނަ އުތުރު ކޮރެއާ އެވެ. 



 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް