ads
މަސްވެރީްނތަކެއް
މަސްވެރިކަން: ކުރެވުނީ ކޮންކަމެއް؟
ރިޔާސީ އިންތިހާބު ކެޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމަ މުހައްމަދު ސޯލިހު ޅ. ނައިފަރަށް ވަޑައިގެންނެވިއެވެ. އަދި މަސްއޮޑިއެއްގައި މަސްވެރީންނަށް ބައްދަލުވެސް ކުރެއްވިއެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވަނީ އެބައްދަލު ވުމުގައި އެރަށުގައި އައިސްޕްލާންޓެއް އަޅައިދިނުމަށް އެދިފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނައިފަރު މަސްވެރިން ރައީސް އަރިހުން އެދުނު އެންމެ މުހިއްމު ކަމަކީ ލުއި ގޮތަކަށް ނައިފަރު މަސްވެރީންނަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހައްދަވައި ދެއްވުން ކަމަށެވެ. ދެން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ސްލިޕްވޭ އެއް އެޅުމާއި، އިންޖީނު ރިޕެއާ ސެންޓަރެއް ހެދުމާއި، ޑައިވްކޮށްގެން އެންހިފުން ފާދިއްޕޮޅުގައި މަނާކުރުމާއި، ލޭނު އަޅައިގެން މަސް ބޭނުމާއި، ދާއަޅައިގެން މަސްހިފުން ރާއްޖޭގައި މަނާ ކުރުން ކަމަށެވެ.

"މިވެރިކަން އައިއިރު ފެލިވަރުން އައިސްޓަނެއް ވިއްކަނީ އާއްމު ގޮތެއްގައި 1060 ރުފިޔާއަށް. މިހާރުު އައިސް ޓަނެއް ވިއްކަނީ 700 ރުފިޔާއަށް ފެލިވަރުން ލިބޭނެ. މިހާރު މިސަރުކާރުން މިވަނީ ދާ އަޅައިގެން މަސްވެރިކަން ކުރުން މުޅި ރާއްޖޭގައި މަނާ ކޮށްފައި. އަދި ލޭނު އެޅުން ވެސް މިހާރު މިވަނީ ހުއްޓިފައި،" ޑރ. ހުސައިން ވިދާޅުވިއެވެ. 

މީގެ އިތުރުން ޅ. އަތޮޅުގެ ބައެއް ސަރަހައްދުތަކުން ޑައިވްކޮށްގެން އެންހިފުން ވެސް ވާނީ މަނާ ކޮށްފައިކަމަށް މިނިސްޓަރު ހުސައިން ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާލުވީ ފެލިވަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރު 30 ޓަނުގެ މަސް ފިނި ކުރެވޭނެ ގާބިލް ހުރި ކަމުގައިވިޔަސް ތަރައްގީ ކުރެވުމުން ދުވާލަކު 280 ޓަނުގެ މަސް ފިނިކުރުމުގެ ގާބިލް ކަން ގާއިމް ކުރެވޭނެ ކަމަށެވެ. އަދި މިހާރު ފެލިވަރުގައި ހުރި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރެވޭނެ ކަމަށެވެ. 

your imageރައީސް ތިމަރަފުށީ މަސްވެރިންނާއި ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަނީ ފޮޓޯ:-- ރައީސް އޮފީސް 

މަސްވެރިކަމުގެ ދާއިރާއަކީ ދިވެހި ގިނަ އާއިލާތަކެއް ބަރޯސާވާ މަސައްކަތެވެ. މައްސަލަތައް ގިނަ އިންޑަސްޓްރީ އެކެވެ. އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ އަގު ނުލިބުމެވެ. ކޮންމެ ސަރުކާރަކުން ވެސް އަބަދުވެސް ބުނަނީ އެކަމަށްޓަކައި މަސައްކަތް ކުރާ ކަމަށެވެ. ދައްކަމުންދަނީ އެމަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ވާހަކަ އެވެ. އެވާހަކަތަކަށް ނިމުމެއް ނާދެއެވެ. އެކަމަކު މަސްވެރީންނަށް ލިބޭ އެއްޗެއްވެސް ނޯވެއެވެ. 

މިނިސްޓަރު އެވިދާޅުވަނީ މިފަހަރުވެސް ކުރާ ހޭދަތަކުގެ ވާހަކައެވެ. ކެޕޭސިޓީ އިތުރު ކުރާ ވާހަކައެވެ. އެހެން ނަމަވެސް މަސްވެރިން ބޭނުންވަނީ އެކަމެއް ނޫނެވެ. މަސްވެރިން ބޭނުންވަނީ މަހަށް ލިބޭ އަގެވެ. އެކަށީގެންވާ އަގެއް މަހަށް ލިބުމެވެ. 

މނިސްޓަރު ހުސެއިންގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ކޫއްޑޫ އާއި ފެލިވަރުގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތައް ނިމުމުން ރާއްޖެގެ މަސްވެރިކަމަށް އިންގިލަބެއް ގެނެވޭނޭ ކަމަށެވެ. މަސްވެރީންނަށް ނުފެނިގެން އެއުޅެނީ އެއިންގިލާބެވެ. މަސްވެރިކަން ކުރަން ހުރި ފުރުސަތުތައް ބަންދު ކުރުމާއި އެންހިފުމާއި، ދާ ޖެހުން ފަދަ ކަންކަން ބަންދުކުރުމުން މަސްވެރީންނަށް ލިބެން އޮތީ ކޮން މަންފާއެއް ބާވައެވެ. 

މަސްވެރިކަމަށް އަޅާލުން ކުޑަ ކުރެވުނީކަމެއް ނުވަތަ ގަސްދުގައި ކުޑަކޮށްލީކަމެއް ނޭނގެއެވެ. މަސްވެރިކަމުގެ އިންޑަސްޓްރީން ލިބޭ ނަފާ އައީ ކުޑަވަމުންނެވެ. މިފްކޯއަށް ފައިދާ ވާކަމަކަށް ނުވެއެވެ. މަސް ދޯނިފަހަރުގެ ވެރިން ދޯނިފަހަރުގެ ސައިޒުތައް ބޮޑުކޮށް ކަނޑުތަކުން ބޮޑެތި އަދަދުތައް ބާނައިގެން އައުމުން ވެސް މަސްނުކިރި ދިޔަ ޒަމާންތަކެއް ވެސް މާޒީވެ ހިނގައްޖެއެވެ. އެކިފަހަރު އެކި ގޮތްގޮތަށް މަސްވެރީންގެ ޝަކުވާތައް އަންނަނީ އިވެމުންނެވެ. ބައެއް ފަހަރު މުޒާހަރާތަކުގެ ގޮތުގައެވެ. އަނެއްބައިފަހަރު އެކިވައްތަރުގެ އިހުތިޖާޖު ކުރުމުންނެވެ. 

your imageފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު މިއަދުގެ ޖަލްސާގައި 

އަމިއްލަ މީހުން އޮޑިދޯނިފަހަރު ތަރައްގީކޮށް ފިޝްފައިންޑަރާއި، ދޫނި ހޯދާ އާލާތްތައް ގެނައިއިރުވެސް ސަރުކާރުތަކުން މާބޮޑު އަޅާލުމެއް މަސްވެރިކަމުގެ މަސައްކަތްތަކާމެދު ދެވިފައިވާ ކަމަކަށް ނުފެނެއެވެ. 

ކުޑަ މިސާލެކެވެ. ހޮރައިޒަން ފިޝަރީޒުން ގދ. ހޯޑެއްދޫގައި މަސްގަންނަ ތަނެއް ހެދުމަށް ބޮޑު ބިމެއް ނަގައިގެން މަސައްކަތްތަކެއް އެބަކުރެއެވެ. އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު މަސްވެރީންނަށް މަސްވިއްކޭ ހާލަތަކަށް އެތަނެއް ނާދެއެވެ. މިނިސްޓަރު މިއަދު އަނެއްކާވެސް ވިދާޅުވީ އެމަސައްކަތް އެމީހުން ކުރަން އުޅޭ ވާހަކައެވެ. އެކަމަކު ފަސް ހަ މިލިޔަން ޑޮލަރު ބޭނުންވާ ވާހަކަ އާއި އެކަމަކުވެސް އެކަން އެމީހުން ކުރާނެ ކަމަށް ބުނާ ވާހަކައެވެ. އެއްވެސް ހަރުދަނާ ކަމެއް އަމަލުގައިވެސް ވާހަކައިގައިވެސް ނެތެވެ. ހިޔާލީ ވާހަކަތަކެއް މެނުވީ މަސްވެރީންނަށް ފެންނާކަށް ނެތެވެ. މަސްވެރިކަމުގެ މަސައްކަތްވެސް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ކުރެވެމުންދާ ތަނެއް ފެންނަކަށްނެތެވެ. 

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މުހިއްމު ދެ ސުވާލެއް ޑރ ހުސައިން އާ މިއަދު ކުރެއްވިއެވެ. އޮފްޝޯ ޕްލެޓް ފޯމްގެ ހިދުމަތް މަސްވެރީންނަށް ލިބޭނީ ކޮންއިރަކުތޯއާއި ގޭދޮށު މަސްފެކްޓްރީގެ ވާހަކައެވެ. މިނިސްޓަރު ސާފު ޖަވާބެއް އެއަކަށް ނުދެއްވައެވެ. ދެވެން ނެތީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ މިސަރުކާރުގެ ވައުދު ތަކެއެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުގެ ސިޔާސަތަކީ މަހުން ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށެވެ. އެކަންކުރެވޭނީ އުޅަނދުތައް ވަރުގަދަކޮށް ފްރީޒިން ކެޕޭސިޓީ އިތުރުކޮށްގެން ކަމަށެވެ. ބާނާ މަސް ތާޒާކޮށް ފިނިކޮށް މާކެޓްތަކަށް ގެންދެވޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ. 

މަހަށް ހަމައަގު ލިބުމުގެ ވާހަކަ!

ދެން އޮތީ މަހަށް ހަމައަގު ލިބުމުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުތަކަށް ޖަވާބުދެއްވުމުގެ ސެޝަނުގައި މިނިސްޓަރު ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަކީ މިސަރުކާރުގެ ވައުދެއް ކަމަށާއި، އެކަން ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން އެމިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ. ޑރ. ހުސެއިން ވިދާޅުވީ މަހަށް ހަމަ އަގު ހޯދޭނީ ރަނގަޅު މާކެޓް ތަކަށް އެމަސް ފޮނުވިގެން ކަމަށެވެ. 

ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަށް ފޮނުވާ މަހަށް މިހާރު 22 އިންސައްތަ ޑިއުޓީ ނަގާ ކަމަށާއި، އެ ޑިއުޓީ ކަނޑާލެވޭތޯ ޔޫރަޕިއަން ޔޫނިއަން އާއެކު ވާހަކަ ދައްކަމުން ދާކަމަށާއި، ދާދިފަހުން ވެސް ޔޫރަޕިއަން ޔޫނިއަން އާ އެކު ދިވެހި ވަފްދަކުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ގައުމުތަކަށް ޑިއުޓީ ކަނޑާލެވޭގޮތަށް ހުށަހެޅުންތަކެއް ހުށަހެޅިފައިވާކަމަށާއި، ދިވެހި ސަރުކާރާ ޔޫރަޕިއަން ޔޫނިއަން އާއެކު އެމަސައްކަތްތައް ކުރެވެމުން އެބަދާކަމަށެވެ. 

your imageގެނަމަފުށިން ދެއްވަދޫއައް މަސްގެންދަނީ--ފޮޓޯ: ޒުވާން މަސްވެރިޔާ

އެހެންކަމުން ޑރ ހުސެއިން ވިދާޅުވީ އެ ޑިއުޓީ ކަނޑާލެވުމުން މަހުގެ އަގު މައްޗަށް ގެންދެވިދާނެ ކަމަށެވެ. އޭގެ އިތުރުން ރަޝިޔާއަށާއި ތުރުކީއަށާއި އީސްޓަން ޔޫރަޕްގެ އެހެން ގައުމުތަކުގެ މާކެޓް ހޯދުމަށް ވެސް މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަންކުރެވިގެންދިއުމުން މިހާރަށް ވުރެ ބޮޑަށް މާކެޓަށް ވަދެވިގެންދާނެކަމަށާއި އޭރުން މަސް ގަންނަ ފަރާތްތަކަށް އޮންނަ ޔަގީންކަންވެސް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިން މިފަހަރު ވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މައްޗަށް ދަންދެން ނުވަތަ ޑިއުޓީ ކަނޑާލަން ދެން ޖެހެނީ މަޑު ކޮށްލާށެވެ. 

މިވެރިކަމުގެ ތިން އަހަރު ނިމެނީ އެވެ. އޮފްޝޯ ޕްލެޓް ފޯމެއްވެސް ފެންނާކަށް ނެތެވެ. ގޭދޮރު މަސްފެކްޓްރީ ކުރިއަށްދާގޮތެއްވެސް ނޭނގެއެވެ. އެންމެ ބޮޑުއަކަމަކީ މަހަށް ހަމައަގު ލިބުމެވެ. އެވާހަކަ އަމްދުން ދެއްކޭކަށް ނެތެވެ. މަސްވެރިންނަށް އޮތީ އަދި ވެސް ނާއުއްމީދު ތޯއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް