ads
އައިޖީއެމްއެޗް
ހަކުރުބަލީގެ ޑޭޓާބޭސްއެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު 127 ރަށަކުން އެއްކޮށްފި
ދިވެހިރާއްޖޭގައި ހަކުރުބަލީގެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިންގުމަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ ދަށުން މިހާތަނަށް ރާއްޖޭގައި ހަކުރުބަލީގެ ޑޭޓާބޭސްއެއް އެކުލަވާލުމަށް ބޭނުންވާ 127 ރަށަކުން މައުލޫމާތުވަނީ އެއްކުރެވިފައި ކަމަށް އައިޖީއެމް އެޗް އިން ބުނެފިއެވެ.

ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ޑައެބެޓީސް ސެންޓަރ (އެންޑީސީ) 2020 ވަނަ އަހަރުގެ 1 ވަނަ ދުވަހު ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާއިރު އެ ސެންޓަރަށް މިވަނީ އެއް އަހަރު ފުރިފައެވެ. 

އެންޑީސީން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެއެވެ. މީގެ އިތުރުން މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ
އެޕޮއިންޓްމަންޓަށް ފަހު އެނބުރި އަންނައިރު ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެއެވެ. އެ ސެންޓަރުން މިހާތަނަށް 855 ބަލި މީހަކަށް ފަރުވާ ދީފައިވާއިރު 241 މީހަކު ވަނީ އެ ސެންޓަރުން އީސީޖީ ހަދާފައެވެ. އެންޑީސީން ފަރުވާދީފައިވާ ބަލި މީހުންގެ ތެރެއިން 10 މީހަކު ވަނީ ސެންޓަރުގެ ޚިދުމަތް 1 ފަހަރު ހޯދާފައެވެ. އަދި ދެ މީހަކު 3 ފަހަރު ޚިދުމަތް ހޯދާފައިވާއިރު 440 މީހަކު ވަނީ ދެފަހަރު މަތިން އެންޑީސީން ޚިދުމަތް ހޯދާފައެވެ. 

އެންޑީސީއަށް އެއް އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި ދިރާސާތައް ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސައްކަތުގެ ދަށުން ދާދި ފަހުން އައުޓްރީޗް ޕްރޮގްރާމެއް ހިންގުމަށް އެ ސެންޓަރުގެ ޓީމެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތުގައި ސްކްރީނިންގ ޕްރޮގްރާމުތައް ހިންގުމާއި އެންމެ ފަހުގެ ދިރާސާތަކަށް ބަލައި ހުރިހާ އުމުރުފުރާއެއްގެ ހުރިހާ ލެވެލްއެއްގެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކައިރި މުސްތަގްބަލެއްގައި މިފަދަ އައުޓްރީޗް ޕްރޮގްރާމެއް ހިންގުމަށް ހައްދުން މައްޗަށް އެ ސެންޓަރުގެ ޓީމަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

 އިތުރު 58 ރަށަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މަޢުލޫމާތު ލިބުމާއެކު ހަކުރު ބަލީގެ މީހުންގެ ދަފްތަރު އެކުލެވިގެން ދާނެއެވެ. ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކަށްވާއިރު މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެއްސޭނެ ސެންޓަރެކެވެ. މި ސެންޓަރުގެ އެންމެ މުހިއްމު މަގްސަދަކީ މިހާރަށްވުރެން ވެސް ބޮޑަށް މީހުން ހޭލުންތެރި ކުރުވުމާއި މި ބަލީގައި ދިމާވާ ތަކުލީފުތައް ވީހާވެސް ބޮޑަށް މީހުންނަށް އިނގޭނެ ގޮތް މެދުވެރި ކޮށްދިނުމެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް