ads
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ކޭއާރުއެޗު
ކޯވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަލުން ވިސްނާލަމާ!
ރާއްޖެއިން ކޯވިޑް-19ގެ ބަލިމަޑުކަން ފެނި، މި ބައްޔަށް އެޅި ގިނަ ފިޔަވަޅުތަކާއިއެކު ރާއްޖެއިން އާންމުކޮށް ފެންނަމުން ދިޔަ މޫސުމީ ރޯގާތަކާއި، ދޭތެރެދޭތެރެއިން ރާއްޖެއިން ފެންނަ ރޯގާތަކުގެ އަސަރު ވަރަށް ބޮޑަށް ކުޑަވެގެންދިޔަތަން މިދިޔަ ދޮޅު އަހަރެއްގެ ތެރޭ ފާހަގަވެގެންވަނީ ގޮސްފައެވެ.

ނަމަވެސް މި ފަހުން މާލޭގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ކުޑައެއް ބޮޑެއް ނެތި ގިނަ ބަޔަކު، ހުމުގެ ރޯގާއަކަށް ބޭސް ކުރަން ހޮސްޕިޓަލުތަކަށް ދިޔުން އިތުރުވެގެންދިޔައެވެ. ކޯވިޑް-19އަށް ޓެސްޓްކުރާ ތަންތަނަށްވުރެ މި އާންމު ބައްޔާ ގުޅިގެން ހޮސްޕިޓަލުތައް ތޮއްޖެހުނުތަން ގިނައިން ފެނުނެވެ. މިއާއިއެކު މިދިޔަ ހަފްތާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ، މާލޭގައި މި ދުވަސްވަރު، އާންމު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ހާމަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކާ ހަވާލާދީ ނެރެފައިވާ ނޫސްބަޔާނުގައި އިއްޔެ ނިމިގެން މިދިޔަ ސެޕްޓެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނާގޮތުން މިއީ ފާއިތުވެދިޔަ އޮގަސްޓްމަހާ އަޅާބަލާއިރު 60 އިންސައްތައިގެ އިތުރު އަދަދެކެވެ. އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު އިންފުލުއެންޒާއަށް ޕޮޒިޓިވްވާ އަދަދުވެސް ގިނަ ވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ސެޕްޓެންބަރުމަހު އިންފްލުއެންޒާއަށް ޓެސްޓްކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާއަށް ''އޭ'' އަށް ޕޮޒިޓިވްވެފައިވެއެވެ.

your image14 މާޗް 2021، މާލެ، ކޮވިޑް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރުގެ ބޭރުގައި ގިނަބަޔަކު ކިޔޫގައި -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

އެހެންކަމުން މާލެ ސަރަހައްދުގައި އިންފުލުއެންޒާއާއި އަރިދަފުސްރޯގާ އިތުރުވަމުންއަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއާއިއެކު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި މާސްކް އެޅުންވެސް ހިމެނެއެވެ. އެހެންކަމުން ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑު ތަކުގައި ހިފަހައްޓައިފިނަމަ މިފަދަ އާންމު ރޯގާތަކުން ރައްކާތެރިވުމަކީ އެކަށީގެންވާކަމެކެވެ. މިއީ ކޯވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށާއި، އާންމު ސާފުތާހިރުކަމަށް ދިން ސަމާލުކަން އަނެއްކާވެސް އެގޮތަށް ގެންނަންވީ ވަގުތެވެ.

ހުރިހާ ބޭފުޅުންވެސް ފަރުދީ ޒިންމާ އަދާކުރައްވާ އެންމެންގެ ރައްކާތެރިކަމަށްޓަކައި، ސާފުތާހިރުކަން އިޚްތިޔާރުކުރައްވާ އެޗްޕީއޭގެ މިންގަނޑު ތަކަށް ބޯލަނބަމާތޯއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް