އާދިއްތަ ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އުއްތަމަ މުޢުތަޞިމް ޢަދްނާން ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަންނުމަށް މީހަކު މަސައްކަތްކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި ދައުލަތުގެ ތިން ބާރުން އެއްބާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބިގެން ދިޔުމަކީ އެކޯލިޝަނުން އިންތިހާއަށް ކަނބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ލިބިގެން ގޮސްފައިވާނީ، އެމަނިކުފާނަށް ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރި ކަމުގައި އިހުމާލުވެ، ދޭންޖެހޭ ސަމާލުކަން ނުދެވި، ފަރުވާ ކުޑަވުމުގެ ސަބަބުން ކަަމަށެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށް އެކޯލިޝަނުން ގޮވާލައިފައިވެއެވެ.
އަދި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ކަށަވަރުކޮށްދިނުމަށް އެ ކޯލިޝަނުން ގޮވާލައިފައިވެއެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ މަނިކުފާނުގެ އާއިލީ ގެކޮޅުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގެއްލުންދީ ވަދެގަންނަން އުޅުނު ވަގުތަކީ އެ މަނިކުފާނު ގެކޮޅުގައި ވަޑައިގެން ނޫޅުއްވަ ވަގުތެއް ކަމަށްވެއެވެ. އޭރު އުއްތަމަ ފަނޑިޔާރު އިންނެވީ ސުޕްރީމް ކޯޓުގައި ސެޕްޓެމްބަރު 30 ވަނަ ދުވަހު ކުރިއަށް ދިޔަ ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބަހައްޓާފައި ހުރި ސީސީޓީވީ ގެ ޕޮޒިޝަން ބަދަލު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ އެދުވަހު ލިިބިފައެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށް ބުނި ނަމަވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ހާއްސަ ސެކިއުރިޓީއާ އެކު ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ ތިން ބާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަންގަވާފައެވެ.
އެގޮތުން މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެދެބޭފުޅުންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ވަނީ ނިންމާފައެވެ. އެ ދެބޭފުޅުންގެ ހުރުމުގެ ކަންކަމާއި ހުރިހާ ހަރަދެއް ހަމަޖައްސާނީ އެ ބޭފުޅަކު ނިސްބަތްވާ މުއައްސަސާއަކުންނެވެ.
ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި، އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ.
މިގޮތުން އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނަކަށްވާންޖެހޭނެ ކަމަށާ، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީވެސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންކަމުގައި މިބިލުގައި ބުނެފައިވެއެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނާއި އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިންވެސް ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނެވެ.
ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ވަނީ މިދިޔަ ޖުލައި މަހު ނިންމާފައެވެ.
މިވަގުތަށް މިދެބޭފުޅުންނަށް ގެތައް ހަމަޖެއްސެވީ ވަގުތީ ގޮތުންނެވެ. އަދި މިދެބޭފުޅުންނަށް ރަސްމީ ގެކޮޅުގެ ގޮތުގައި ދެ އިމާރާތެއް މާލޭގައި އެޅުމަށް ވަނީ ނިންމާފަ އެވެ.