ads
ށ. ފުނަދޫ
ތެޔޮ ވިއްކުމަށް 20 އަހަރު ދުވަހަށް ފުނަދޫ ބަނދަރުން ބިމެއް ދެނީ
20 އަހަރު ދުވަހުގެ މުއްދަތަށް ށ. ފުނަދޫގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިކުރުމަށް، 72 ފޫޓް ދިގު 36 ފޫޓް ފޫޅާ ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ، އަކަފޫޓަކަށް 70 ލާރި އަށްވުރެ ކުޑަނޫން އަގަކަށް، ބިޑް އުސޫލުންނެވެ. 
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތިދުވަހުގެ  10:30ށް ފުނަދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 21ވާ ބުރާސްފަތި ދުވަހު 10:30ށް އެ ކައުންސިލަށް ބިޑް ކުށަހެޅުމަށް ވަނީ އިޢުލާންކޮށްފަ އެވެ.

ށ. ފުނަދޫން އެކިއެކި ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަނީ ވިދާޅުވެފަ އެވެ. 

ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫގައި އެއާޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒުގެ ގޮތުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށް ގިރުމާއި ގެދޮރުގެ ދަތިކަމާއި އެއާޕޯޓަށް ދާ މަގު ރަނގަޅު ފެންވަރަކަށް ހެދުމާއި ، ފަރުކޮޅާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ހޮސްޕިޓަލުގެ ބޭނުމަށް ކޮވިޑާގުޅިގެން ނަގާފައިވާ ބައެއް އިމާރާތްތައް އަލުން ބޭނުންކުރެވޭގޮތް ވުމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީ އަށް މުހިންމު ކަންކަމާ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި މުހިންމު މައްސަލަތައް ހިމެނެ އެވެ.

ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިޞާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް