ads
ރާއްޖޭގެ ވެކްސިން ކާޑު ޔޫކޭއިން ބަަލައިގަނެ، ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދައިފި
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ރާއްޖެއިން ދޫކުރާ ވެކްސިން ކާޑާއިއެކު އިނގިރޭސި ވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އެ ގައުމުން ބަދަލުގެނެސްފި އެވެ.
Advertisement

މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުން ބުނީ ޔޫކޭއަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނީ އެސްޓްރަޒެނެކާ އާއި، ފައިޒާ ވެކްސިންގެ އިތުރުން ކޮވިޝީލްޑްގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. 

އެ ލިސްޓުގައި ސިނަފޯމް ވެކްސިނެއް ނުހިމެނެއެވެ. ކޮވިޑުން ދިފާއުވުމަށް ރާއްޖެ އިން ގިނަބަަޔަކު ވަނީ މި ވެކްސިން ވެސް ޖަހާފައެވެ.

މި ގެނައި ބަދަލާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުގެ ފަތިހު 04:00 ގެ ފަހުންނެވެ. 

ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއި ކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ތައާރަފު ކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެ ޕާސްޕޯޓު ދިއައީ ބޭނުންކުރަމުންނެވެ. ނަމަވެސް ރާއްޖެއިން ދޫކުރާ މި ވެކްސިން ކާޑު ޔޫކޭގައި ބަލައިނުގަންނަ ކަމުގެ ޝަކުވާތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. 

އެހެންކަމުން މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައި ރަސްމީ "ކޮވިޑް-19 ވެކްސިން ޑިޖިޓަލް ޕާސްޕޯޓް" ވަނީ ބޭނުންކުރަން ފަށާފައެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ސީއެންއެމްއަށް ވިދާޅުވެފައިވާ ގޮތުގައި، ރަސްމީކޮށް އެ ޕާސްޕޯޓު ބޭނުންކުރަން ފަށާފައިވަނީ މީގެ ކުރިން ޕާސްޕޯޓުގައި ފުރިހަމަ ނުވެ ހުރި ކަންކަން ފުރިހަމަކޮށް ބައިނަލް އަގުވާމީ ދުނިޔޭގައި މި ޕާސްޕޯޓު ފަސޭހަ ކަމާއިއެކު ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.  

މި ޑިޖިޓަލް ޕާސްޕޯޓަކީ ކުރިއަށް އޮތްތާ ދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ހިދުމަތް ދެނެގަތުގައި ވެކްސިން ޖަހާފައިވާ ފަރާތްތައް ދެނެގަތުމަށް ބޭނުން ކުރާނެ ރަސްމީ ޕޯޓަލް އެވެ. މި ޕޯޓަލް މެދުވެރިކޮށް ވެކްސިން ސްޓޭޓަސް އާއި، މޮބިލިޓީ ސްޓޭޓަސްގެ އިތުރުން އެމީހަކު އެންމެ ފަހުން ނެގި ކޮވިޑް ސާމްޕަލްގެ ނަތީޖާ ބަލާލެވޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ބަލާލުމަށް އިތުރު ރަޖިސްޓްރޭޝަނެއް ފުރިހަމަ ކުރާކަށް ނުޖެހެ އެވެ. ޕޯޓަލްގައި އެމީހެއްގެ އައިޑީ ކާޑު ނަމްބަރު އަދި ފޯނު ނަމްބަރު ޖެހުމުން އެމީހެއްގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ. 

ރާއްޖޭގެ ވެކްސިން ކާޑާ އެކު އެ ގައުމަށްދާ ނަމަ، ކަރަންޓީނުވާން ނުޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރަން ރޮސްލާ ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށް އޮތް އެންމެ ފަހުގެ ހުރަސް ވެސް ނައްތާލެވިފައިވާ ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން ޒަރޫރީ ކަމެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އިރުޝާދު ދީ އިނގިރޭސިވިލާތުން ނެރުނު ޓްރެވެލް އެޑްވައިޒަރީ ވެސް އެ ގައުމުން އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް