ސްޓްރާޑާ ކުންފުނިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންސްފްރާސްޓްރަކްޗަރ އިން ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި ޕްލެޓްފޯމަކާއި ރެސްޓޯރެންޓެއް ހިންގުމަށް އެ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުމުގެ ބޭރުން ނާޖާއިޒު ގޮތުގައި އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އެއީ އޭސީސީން އަމިއްލައަށް އުފަން ކުރުވައިގެން އުޅޭ މައްސަލައެއް ކަމުގައެވެ.
އެއްބަސްވުމުގެ ބޭރުން ސްޓްރާޑާ ކުންފުންޏަށް 2464 އަކަފޫޓުގެ ބިމެއް ލިބިފައިވާ ކަމަށް އޭސީސީން ބުނެފައިވީ ނަމަވެސް އެއީ ބްރިޖް ވިއުއިންގ ޕްލެޓްފޯމާއި އެކު އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް އޮތް ހުސްޖާގައެއް ކަމުގައި ސްޓްރާޑާ އިން ބުނެއެވެ. އަދި އާންމުންނަށް ހުޅުވާލެވިފައިވާ އެ ސަރަހައްދު ސާފު ކޮށް ބަލަހައްޓަމުން ގެންދަނީ އެކުންފުނިން ކަމުގައިވީ ނަމަވެސް، އެތަނުން އެކުންފުންޏަށް އިތުރު މަންފާއެއް ނުލިބޭ ކަމުގައި ސްޓްރާޑާގެ ބަޔާނުގައިވެއެވެ.
ސްޓްރާޑާ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ކުލި ނުދައްކާ ކަމަށް އޭސީސީން ބުނި ކަމުގައިވިޔަސް އެކަމަށް ބާރުދީ ބަޔާނުގައި ބުނެފައިވަނީ 01 ނޮވެމްބަރ 2017 އިން ޖުލައި 2018 އަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައި ކަމުގައެވެ.
ސްޓްރާޑާ ކުންފުނިން ނެރެފައިވާ ބަޔާނުގައި އޭސީސީން އެމައްސަލާގައި ފުރަތަމަ ތަހުގީގުގައިވެސް އަދި ނެރެމުންދާ ރިޕޯޓުތަކުގައި އެކުންފުނީގެ ބަހެއް ހޯދާފައިނުވާ ކަމަށާއި އަމިއްލައަށް އެދިގެން ފޯނުގެ ޒަރީއްޔާއިންނާއި އެކިގޮތްގޮތުން މައުލޫމާތު ދޭން އެދުމުންވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމުގައެވެ.
އަދި މިއީ އޭސީސީގެ ރައީސާ އާއި މި ކުންފުނީގެ އެއް ޑައިރެކްޓަރާއި އޮތް ޒާތީ މައްސަލައެއްގެ ތެރެއިން އުފަން ކޮށްގެން އުޅޭ މައްސަލައެއް ކަމުގައެވެ.
ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީ އިން ޕީޖީގައި އެދުނު ނަމަވެސް ގާނޫނާއި ހިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ކަމެއްވެސް ކުރައްވާފައި ވާނީ އުސޫލުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ކަން ހިނގާފައިވާ ގޮތް މިނިވަން މުއައްސަސާ ތަކުން ބެލުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށާ ނަމަވެސް އަސާސެއް ނެތް ތުހުމަތު ކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.