ads
ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ސަރަހައްދު: ރަްއްކާތެރިކަން ޔަގީން ވާންޖެހޭ--
ނުރައްކާ! ނުރައްކާ! ދެން ހަމަލާ ދޭނީ ކާކަށް؟
ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެއަށް ވަޑައިގެން ރައީސް ޔާމީނު ރަސްމީ ލޯންޗުކޮޅުން މާލެ ފައިބާވަޑައިގަންނަވަން އުޅުއްވަނިކޮށް ލޯންޗުގައި "ބޮމެއް" ގޮއްވާލެވުނެވެ. އެތައް ބަޔަކަށް ބޮޑެތި ގެއްލުން ލިބުނެވެ.

އެ ހާދިސާގައި ބައިވެރިވި އަނިޔާވެރިންނާމެދު ޝަރީޢަތް ހިންގައި އަދަބު ނުދެވިގެން އުޅެނިކޮށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ވަނީ "ބޮމެއް" ގޮއްވާލާފައެވެ. އެ ހާދިސާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެކަމުގައި ބައިވެރިވި މީހުންގެ ޝަރީއަތް ނުނިމެނީސް މި މަހު ފެނުނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސަލާމަތީ ކަންތައް ފޫއަޅުވާލާފައި މީހަކު ވަދެގެންދިޔަ ތަނެވެ.

މިއިން ކޮންމެ ހާދިސާއަކާ ގުޅިގެން އުފެދުނު ސުވާލަކީ ސަލާމަތީ ހިދުމަތް ފޫއަޅުވާލެވެނީ ކީއްވެގެންބާވައެވެ! އެފަދަ ނުރައްކާތެރި ހަމަލާއެއް ދެން ކުރިމަތިވާނީ ކޮންއިރަކުން ބާވައެވެ! ދެން އެފަދަ ހަމަލާއެއް އަމާޒުވާނީ ކޮން ބޭފުޅަކަށް ބާވައެވެ!

ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު މަރުގެ ނުރައްކަލާ ކުރިމަތިވެ ވަޑައިގެންނެވީ ހަމައެކަނި ސިޔާސީ ބޭފުޅުންނަކަށް ނޫނެވެ. މަގުމަތީގައްޔާއި އެހެނިހެން ތަންތަނުގައި ހިންގި އެތައް ހާދިސާތަކެއްގައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.  

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ގޮތުން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކެއް  ދިވެހިރާއްޖޭގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ."

ރާއްޖޭގެ ތާރީހަށް ބަލާއިރު ސިފައިންނާއި ފުލުހުންގެ ހިދުމަތް މިހާރު ދެ މުއައްސިސާއެއްގެ ގޮތުގައި ހިނގަމުން ދިޔަކަމަށްވިޔަސް ކުރީން އެ ހިދުމަތް ދެމުން ދިޔައީ އެއް މުއައްސިސާއެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ފުލުހުންނާއި ސިފައިންގެ ހިދުމަތް ވަނީ ދެ މުއައްސިސާއަކަށް ބަދަލު ކުރެވިފައެވެ. އަދި 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނުއަސާސީގައި ސަލާމަތީ ހިދުމަތްތަކާ ގުޅޭ މުހިންމު ގިނަ ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ.  

ގާނޫނުއަސާސީގެ 237 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ސަލާމަތީ ހިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ގާނޫނު ދަމަހައްޓައި، ތަންފީޒުކޮށް، އަމަންއަމާންކަން ދަމަހައްޓަން ޖެހެއެވެ.

ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގާން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށް ގާނޫނުއަސާސީގެ 242 މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަހައްދާއި، ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ.

ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަގުސަދުތަކަކީ މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމެވެ. ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މީހުން ހިމާޔަތްކޮށްދީ، އެބައި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމެވެ. ޖިނާއީ ކުށްތައް ތަހުގީގުކުރުމާއި ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުމެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން "ބޮމެއް" ގޮއްވާލި ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަރަށް ގިނަ ބޭފުޅުން ވަނީ ސަލާމަތީ ބާރުތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިސްތިއުފާއަށް ވެސް ގޮވާލާފައި ވެއެވެ. މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ގޮވާލާފައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެވިއްޖެއެވެ. ގަވައިދުތަކަށް ބަދަލު ގެނެވިއްޖެއެވެ.

"އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ. ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަމަށްޓަކައި. ހިމާޔަތްދޭން ޖެހޭ، ސިކިއުރިޓީ ދޭންޖެހޭ ފަރާތްތަކުގެ ސެކިއުރިޓީ ރަނގަޅު ކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތަކަށް ހުރިހާ ކަމަކަށް މަގުފަހިކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ. 

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަދު ރާއްޖޭގައި ސިކިއުރިޓީ ބްރީޗްވެގެން މިހިނގާ އެއްވެސް ކަމެއްގެ ޒިންމާ މި މަޖިލީހުން އުފުލަން ޖެހޭނެކަމަކަށް. މި މަޖިލީހުން އެބަ މަގުފަހިކޮށްދޭ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި ވެރިންނަށް މިނިސްޓަރުންނަށް މިކަންކަން ކުރެއްވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް މި މަޖިލީހުން ކުރާކަމަށް އަޅުގަނޑު ގަބޫލުކުރަން."

ކަން އެހެން އޮތް އިރު ދެން އުފެދޭ ސުއާލަކީ ނުރައްކާތެރި ހާދިސާތައް ކުރިމަތިވަނީ ކީއްވެގެން ބާވައެވެ؟

"އަޅުގަނޑު ގަބޫލުކުރަނީ ދިވެހި ސިފައިންނަކީ ސިފައިންގެ ގާނޫނީ ޒިއްމާ ފުރިހަމައަށް އަދާކުރައްވާ ބޭފުޅުކަމަށް. ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ދިވެހި ސިފައިންނަށް ސިފައިންގެ ވެރިންނަށް ތިއްބަވާ ބޭފުޅުން އަމުރެއް ކުރައްވައިފިއްޔާ އެއާ އެއްގޮތަށް އެކަމެއް ކުރައްވާނެ. އެފަދަ ގާބިލުކަން ދިވެހި ސިފައިގައިގައި ހުންނާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ. "އުއްތަމަ ފަނޑިޔާރަށް ދިމާވި މައްސަލައަކީ ވަރަށް ސީރިޔަސް މައްސަލައެއް. މިމައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަން ޖެހޭ. ހޯމް މިނިސްޓަރ އެބަ ހުންނެވި. ދިފާއީ ވަޒީރު އެބަ ހުންނެވި. ކީއްވެގެންތޯ މިމައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސަކަތް ނުކުރެއްވެނީ؟"

your imageފުލުހުން: މުޒާހަރާތައް އަވަހަށް ރޫޅާލާ

ގައުމުގައި އަމުންއަމާންކަން ގެއްލި ދައުލަތުގެ އެންމެ މަތީ ބާރުތަކުގެ ވެރިންނަށް ނުރައްކާތެރިކަމާއި ކުރިމަތިވެ ސަލާމަތީ ބާރުތަކުގެ ޒިއްމާ ނުނެގި ފޭލުވެފައިވާކަމަށް ވާހަކަ ދެކެވެމުންދާއިރު މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ކަންތައް ކުރަމުންދާ ގޮތުން ވެސް ސަލާމަތީ ބާރުތައް ބަދުނާމުވަމުން އެބަދެއެވެ.  

ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އެކަމަކު އެއްވުމެއް ބާއްވާ އިރަށް ފުލުހުން ނިކުމެ އެ އެއްވުމެއް ރޫޅަމުން ގެންދެއެވެ.

އެއްވުންތައް އަނިޔާވެރިކޮށް ރޫޅާލާ ވާހަކައަކީ މައުމޫނުގެ ވެރިކަމުގައި އެމްޑީޕީން ވަރަށް ބޮޑަށް ދައްކަމުންދިޔަ ވާހަކައެކެވެ. އޭގެފަހުން އައި އެކިއެކި ވެރިންގެ ދުވަސްވަރުގައިވެސް ހަމަ އެ ވާހަކަ ތަކުރާރުކޮށް އަޑުއިވެމުން ދިޔައެވެ. އަދި މުޒާހަރާތަކާ ދެކޮޅަށް ސަރުކާރުތަކުން އަނިޔާވެރިކޮށް ކަންތައް ކުރި ކަމަށް ބުނެ އެންމެ ބޮޑަށް ވާހަކަ ދެއްކި އެމްޑީޕީއަށް ވެރިކަން ލިބުމުން ވެސް އެއްވެ އުޅޭ ފަރާތްތަކާމެދު  ސަލާމަތީ ބާރުތަކުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރަމުންދާ ވާހަކައިގެ އަޑު ކަނޑައިގެނެއް ނުދިޔައެވެ.

ގާނޫނުއަސާސީގެ 246 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރާން ވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ޝަރަފާއި މީހުންގެ ގަދަރަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.

ސިފައިންގެ އެންމެ މަތީވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. ކޮންމެ ހިނދެއްގައި ވެސް ވަކިވަކި ސިފައިންނަށް ނުވަތަ ސިފައިންގެ ބަޔަކަށް ނުވަތަ އެންމެހާ ސިފައިންނަށް ސީދާ އަމުރުކުރުމުގެ ބާރު ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިގެންވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ފުލުހުންގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރެވެ.

ސަރުކާރުގެ އެންމެހާ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތް ކުރޭތޯ ބެލުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ގާނޫނު އަސާސީން މަތިކޮށްފައިވާ ވަރަށް މަތީ ވާޖިބެކެވެ. އަދި ސަލާމަތީ ހިދުމަތްތަކަށް ގާނޫނު އަސާސީން އަމަލުކުރުން ލާޒިމްކުރާ އުސޫލުތަކަށް ސަލާމަތީ ހިދުމަތްތަކުން ތަބާވާކަން ކަށަވަރު ކުރުމަކީ ވެސް  ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ވާޖިބެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ރާއްޖެ ވަޑައިނުގެން މަޑުކުރެއްވީ އެމަނިކުފާނުގެ ސަލާމަތީ ހިދުމަތްތަކާ މެދު ޔަގީންކަން ކުޑަވެގެންކަމަށް ދެކެވޭ ވާހަކައަކީ ތެދެއްކަމަށް ވިޔަސް ނުވިޔަސް، ދިވެހިރާއްޖޭގައި އުޅޭ އެންމެހާ މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ދިނުމަކީ ސަލާމަތީ ހިދުމަތްތެރީންގެ މައްޗަށް އޮތް ވާޖިބެކެވެ.

ސަލާމަތީ ހިދުމަތްތެރީން އިތުރަށް ހޭލާންވެއްޖެއެވެ. ދެން ހަމަލާ ދޭނީ ކާކަށްތޯ އުފެދިފައިވާ ސުއާލުގެ ޖަވާބުގައި "ދެން އެއްވެސް މީހަކަށް ހަމަލާ ނުދެވޭނެ" ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބެން އެބަޖެހެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް