ads
އަހުމަދު ތޮލާލް - ފޮޓޯ: ރައީސް އޮފީސް
ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ މީހުން މަގާމުގައި ބާތިއްބާތީ ކަންބޮޑުވޭ: ޓްރާންސްޕޭރަންސީ
ހަރުދަނާ އުސޫލެއް އެކުލަވާލާ ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްވަރުގަދަކޮށް، ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާއި މުދާ އަވަހަން ހޯދުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުމުގެ މަސައްކަތް "ވަސާޖިއޯ" ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދިނުމަށް އޭސީސީއިން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ އިރު، އެފަރާތްތަކަށް ފިޔަވަޅު އަޅަންދެން މަގާމުގައި ބެހެއްޓުމަށްވަނީ ސަރުކާރުން ނިންމާފައިއެވެ. 

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މިހާރު އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން، ތުހުމަތުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނީ ޕީޖީ އޮފީހުން ދައުވާކުރުމުންނެވެ. ސަރުކާރުން އަމަލުކުރަމުންދާ މި އާ އުސޫލުގެ ދަށުން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް ފަހު، ޕީޖީގެ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާ، ޔޫތު މިނިސްޓަރު
އަހުމަދު މަހުލޫފުގެ ސަސްޕެންޝަން އުވާލާ އަނބުރާ އޮފީހަށް ނިކުތުމަށް ވެސް ވަނީ ހުއްދަދީފައެވެ.

މި ކަންކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި، ވަނީ އެ ޖަމިއްޔާއިން ކަންބޮޑުވާ ތިން ކަމެއް ފާހަގަ ކޮށް ސަރުކާރަށް ތިން ކަމަަކަށް ގޮވާލާފައެވެ. 

ކަންބޮޑުވާ ކަންތައްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  1. އަލަށް މިއެކުލަވާލެވުނު އުސޫލުގެ ދަށުން، ތުހުމަތުކުރެވޭ ފަރާތްތައް މަގާމުގައި ދެމިތިބުމަކީ، މަގާމުގެ ނުފޫޒާއި ބާރު ތަހުގީގަށް އަސަރުފޯރުވުމާއި ހެކި ނައްތާލުންފަދަ ކަންކަން ކުރުމަށް މަގުފަހިކުރުވާނެ ކަމެއްކަން
  2. ހާމަކަމެއް ނެތްގޮތެއްގައި އެކުލަވާލެވޭ މިފަދަ އުސޫލުތަކަކީ، ކޮރަޕްޝަންއާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ނޭދެވޭ އަސަރެއްކުރާނެ ކަމެއްކަން. އެއީ، ވަކި ނިޒާމެއްގެ މައްޗަށް ބިނާކުރުމެއްނެތި މިފަދައިން ކަންކަން ކުރުމުކީ ކޮރަޕްޝަންގެ މައްސަލަތަށް ތަހުގީގު ކުރުމާއި އެފަދަ ތުހުމަތު ކުރެވޭ ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ހުރަސްއެޅޭކަށް ވާތީ ކަމަށް ޓްރާސް ބުނެއެވެ.
  3. ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހި، އެކަންކަމާއި ދެކޮޅަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިވާތަން ރައްޔިތުންނަށް ނުދެއްކި މައްސަލަތައް ދިގުލަމުންދާ އިރެއްގައި، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅުނާޅާ ދޫކޮށްލުމަކީ، ކޮރަޕްޝަންއާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ރައްޔިތުންގެ އިތުބާރު އިތުރަށް ކުޑަވެގެން
    ވެގެންދާނެކަމެއްކަން

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ސަރުކާރަށް ގޮވާލާފައިވާ ކަންކަން

  1. ކޮރަޕްޝަންގެ މައްސަލަތަކުގައި އަމަލުކުރާނެ ހަރުދަނާ ނިޒާމުތަކާއި އުސޫލުތައް އަވަހަށް އެކުލަވާލާ، އާންމުންނަށް ފަސޭހައިން ފެންނަން ހުންނާނެހެން ހާމަކުރުން
  2. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، އަދި އެހެން ކޮރަޕްޝަނާއި ގުޅިފައިވާ މައްސަލަތަކުގެ ތަހުގީގުތަށް ހަލުވިދުވެލީގައި ކުރިއަށް ގެންގޮސް، ދައުވާކުރުމަށް ލަސްނުކޮށް ފޮނުވައި، އެކަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ތަންފީޒުކުރުން
  3. ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާއި މުދާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް މުދަލާއި ފައިސާ އަނބުރާ ހޯދުން
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް