ads
ކަނޑު މަތީ ހާދިސާ ؛
ރައްކާވެ ތިބެ ދަތުރު ނުކުރުމުގެ ހިތިރަހަ ކަރު ބުޑުގައި!
ރާއްޖެ އުފެދިފައި އޮންނަ ގޮތުން ކަނޑުދަތުރު ކުރަން މަޖުބޫރުވެއެވެ. ބޭނުންވާ ޒަރޫރީ ކަންކަން ފުއްދުމަށް ވެސް ކޮންމެހެން ކަނޑުދަތުރު ކުރަންޖެހޭ ފަހަރުވެސް އާދެއެވެ.

ރާއްޖޭގެ މޫސުމަކީ ކަނޑު މަޑުވެއްޖެއްޔާ އެހާމެ މަޑެވެ. ކަނޑުގަދައިއްޔާ ދަތުރު ނުކުރެވޭ ވަރަށް ގަދައެވެ. ދަތުރު ކުރުމަކީ ގިނިކަންޏާ އެކަނި ކުރެވޭ ކަމެއްނޫނެވެ. އެހެނީ މީހެއްގެ އެހީތެރިކަން ނޫނީ ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމެކެވެ.

ކަނޑުމަތީ ހާދިސާއެއް ހިނގައިފި ނަމަ ގިނަ ބަޔަކަށް އަނިޔާވެ ނޫނީ މިދުނިޔެ އާއި ވަކިވުން، ގުނާ އަދަދު ނުކުރެވޭވަރަށް ގިނަ ހާދިސާތައް ދަނީ ހިނގަމުންނެވެ. ޒަމާނުންސުރެ ބުނަމުން އަންނަނީ ރައްކާވެ ތިބިއްޔާ ދަތުރެވެ. މިހާރުވެސް ކިޔަން ބޭނުންވަނީ ރައްކާވެ ތިބެ ދަތުރަށް ފުރާށެވެ.

ކަނޑުމަތީ ހާދިސާތައް ރެކޯޑް މިންވަރަކަށް ކުރިމަތިވަނީ ނޭނގި ތިބެނޫނެވެ. ކޮންމެ 24 ގަޑިއިރަކުން މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް ތަފްސީލް ކޮށް ބުނެދެ އެވެ. މޫސުމަށް ކުއްލި ބަދަލެއް އަޔަސް ހަމަ ބުނެދެނީ އެވެ. ސްމާޓް ފޯނުތަކުން ވައިޖެހޭ މިންވަރާއި، ޖެހޭ ދިމާވެސް އެދަނީ ބުނެދެމުންނެވެ. މިކަންކަމަށް ފަރުވާ ބަހައްޓައިގެން ދަތުރުކުރަމާ ބަހީއެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސް ދުވަސް ވަރެކެވެ. މިއަދު ތިން ފަހަރަށް ޔެލޯ އެލާޓް ދިގު ދަންމާލައިފިއެވެ. ކަނޑުމަތީ ހިތާމަވެރި ދެ ހާދިސާއެއް ހިނގައިފި އެވެ. އެކަކު ދުނިޔެ އާއި ވަކިވެގެން ދިޔައިރު ނިޔާވި ޒުވާން މަންމަގެ ހަތަރު އަހަރުގެ ދަރިފުޅު އަދި ނުފެނެއެވެ.

މިއަދަކީ މި ފަހުގެ ތާރީހެއްގައި މެޓް އޮފީހުން ޖެހިޖެހިގެން އެލާޓްތައް ދެމުންދިޔަ ފުރަތަމަ ދުވަހެވެ. އެމްއެންޑީއެފުން ކަނޑުދަތުރު ނުކުރުމަށް ދިޔައީ އިލްތިމާސްކުރަމުންނެވެ. ދެ ހާދިސާއެއް އެމްއެންޑީއެފްއަށް ވަނީ ރިޕޯޓް ކޮށްފައެވެ.

 އެންމެންގެ އިލްތިމާސްއަކީ ކަނޑުދަތުރަށް ފުރުމުގެ ކުރިން ޖެހޭ ވަޔާއި ދާ މިސްރާބު ރަނގަޅަށް އެނގިތިބެ ކުރުމެވެ. ކަނޑުދަތުރުފަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި ހިނދުގައި އެއަށް ކިޔަމަން ގަތުމެވެ. އެންމެ ފުރަތަމަ ފުރާނައެވެ. އެއަށްފަހު ދަތުރެވެ. ނަމަވެސް ސުވާލަކީ ދަތުރަށް ފުރަނީ ރައްކާތެރިކަމަށް ބަލައިގެން ފިޔަވަޅުތައް އަޅައިގެންތޯ އެވެ.

މެޓް އޮފީހުގެ މިއަދު ކުރި އިލްތިމާސްއަކީ މޫސުމަށް ބަަލައިގެން ދަތުރުކުރުމެވެ. މޫސުން ގޯސްކަމުން ދަތުރުނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވަނިކޮށް ކަނޑު ދަތުރެއް ފަށަށް ޖެހޭނީ ވަރަށް ބޮޑަށް ބަލައި އެ ދަތުރުގެ މުހިންކަމެއް އޮތް މިންވަރެއްގެ މައްޗަށެވެ. އެ ހާލަތުގައި ދަތުރު ފެށި ނަމަވެސް ދަތުރުކުރާއިރު ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރަންޖެހޭ އާލަތްތައް ބޭނުން ކުރުމަކީ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަން ޖެހޭނެކަމެވެ. ނަމަވެސް ދަތުރުވެރިން ދަތުރަށް ފުރަނީ އެ ފަދަ ކަންކަން ފުރިހަމަކޮށްގެންތޯ އެވެ.

މޫސުން އިންތިހާއަށް ގޯސްވެ ކަނޑު ގަދަވެ ހޮޅީލާ ރާޅު އަންނަ ދުވަސް ދުވަހު ކަނޑު ދަތުރަށް ފުރާއިރު ދަތުރު ކުރާ އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުންނާއި އަދި ދަތުރުވެރިން ރައްކާތެރިކަމަށް ސަމާލުކަން ނުދޭ ނަމަ ހިތާމަވެރި އެތައް ހާދިސާއަކާ ކުރިމަތިވެދާނެ އެވެ. 

އެ ފަދަ ފަރުވާ ކުޑަ އަމަލުތަކުގެ ސަބަބުން ކަނޑުމަތީގެ ހާދިސާގައި ހިނގާފައިވާ ހިތްދަތި ކަންކަމުގެ ހިތިރަހަ މިހާރުވެސް އެތައް ބައެއްގެ ކަރުބުޑުގައި ލާނެ އެވެ. އެ ފަދަ ހާދިސާއަކުން ސަލާމަތްވެވޭނެ އެއް ގޮަތަކީ ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ އުޅޭ އުސޫލުން އަމަލުތައް ބަހައްޓައިގެންނެވެ. ނަމަވެސް ހިތާމައަކީ އެ މަގަށް ކަންކަން ނުބެހެއްޓުމެެވެ.

24%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް