އަމީރު ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އެއަޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި، އެއަޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.
އެކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި ކަމަށެވެ. އަދި 2014 ވަނަ އަހަރު ނިމެން އޮތް އެއަޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން ކަމަށާއި ޖީއެމްއާރާއެކު އެއަޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖީއެމްއާރްއާއިއެކު ކުރިއަށް ދިޔަނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން
ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްުވުން ބާތިލް ކުރީ، ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.
ޖީއެމްއާރުގެ އެއްބަސްވުން ޑރ. ވަހީދުގެ ސަރުކާރުގައި އުވާލީ އެ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ. ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.