
އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ރިސޯޓު ތަރައްގީކުރަން ހުށަހެޅި އީއައިއޭ ރިޕޯޓާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަމަށެވެ.
އެރަށް ތަރައްގީ ކުރަމުންދާ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައި ވަނީ އެރަށުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއުއަށް ހުށަހަޅާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ.
އެހެން ނަމަވެސް އެއީ ކޮން މަސައްކަތެެއް ކަން އީޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ފާރުފުށި ރިސޯޓުގައި 80 ކޮޓަރިތަރައްގީ ކޮށްފައިވާއިރު އެ ރިސޯޓު ހުޅުވީ މާޗު 2019 ގަ އެވެ.
އެ ރިސޯޓުގެ ވިލާތައް ހުންނަނީ ބީޗް ސަރަހައްދުގެ އިތުރުން މޫދުގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 80 މިނިޓުން ދެވޭ މި ރިސޯޓުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކުގެ އިތުރުން ޑައިވް ސެންޓަރެއް ވެސް ތަރައްގީ ކޮށްފައިވެ އެވެ.
އީއައިއޭ ރިޕޯޓާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ ކުރި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަަމަށް އީޕީއޭއިން ބުނެފައި ވެއެވެ.