އެގައިވާއިދުގައި ބުނެފައިވަނީ އެފަދަ މަސައްކަތެއް ކުރަންވާނީ އެ މަސައްކަތެއްގެ ފެންވަރާއި އަގާބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށެވެ.
އެއިއުލާނުގައިވާގޮތުން އެފަދަ ހާލަތެއްގައި އިއުލާނު ކުރާކަށް ނުޖެހޭނެެއެވެ.
" ޤާނޫނު ނަންބަރު 2006/3( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 20-R/2017( ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، ކުއްލި މަސައްކަތެއް ކުރަންވެއްޖެނަމަ، އެ މަސައްކަތެއް ކުރަންވާނީ ބޯޑުން ނިންމާ ނިންމުމެއްގެ ދަށުންނެވެ. އަދި އެ މަސައްކަތް ހަވާލުކުރަންވާނީ، އެ މަސައްކަތެއްގެ ފެންވަރާއި އަގާބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ. މި ހާލަތުގައި އާންމު ކޮށް އިޢުލާނުކުރާކަށެއް ނުޖެހޭނެއެވެ." މިމަހުގެ 19 ވަނަދުވަހު ގެޒެޓްކުރި ގަވާއިދުގެ ހަތަރުވަނަ މާއްދާގައި ލިޔެފައިވެއެވެ.
އެގަވާއިދުގައިވާގޮތުން، ގަވާއިދުގެ މަޤުޞަދަކީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިޢުލާނުކޮށްގެން ކަންކަން ކުރުމުގައި ޢަމަލުކުރާނެ މައިގަނޑު އުސޫލުތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތެއްގައި ޢަމަލުކުރަމުން ގެންދިއުމެވެ.
އެގަވާއިދުގެ ތިންވަނަ މާދާގެ ހ ގައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހޯދައި، ބީލަމަށް ހުށަހެޅުމަށް ކުރާ އިޢުލާނުތައް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
އެމާއްދާގެ ށ ގައިވަނީ ދައުލަތާއި، ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަންކަން އިޢުލާނު ކުރުމުގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ އިތުރުން، ބޯޑަށް ފެނިއްޖެ ހިނދެއްގައި އެނޫން ވަސީލަތްތައް މެދުވެރިކޮށް އެ މަޢުލޫމާތު އާންމުކުރުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވާ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި އެތަންތަނުގެ މިލްކުގައިވާ އެއްޗެހި ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓް ކުރުމާއި ދައުލަތުގެ ވިޔަފާރި ތަންތަނުން ހިއްސާ އާންމުކޮށް ވިއްކުމަށްޓަކައި 'ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫން (ޤާނޫން ނަންބަރު 2013/3)ގެ ދަށުން 7 މެމްބަރުންގެ މަށްޗަށް އެކުލެވޭ ބޯޑެކެވެ. މި ބޯޑުގެ ސެކްރެޓޭރިއެޓްގެ މަސައްކަތް ކުރަމުންދަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ދަށުން ހިނގަމުންދާ ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިން ޑިވިޝަނުންނެވެ.