އޮޑިޓާ ޖެނަރަލްގެ އޮފީހުން ހެދި ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދުތައް ހިސާބުކޮށް ކަނޑައަޅައިފައިވާ ގޮތުގެ ރިޕޯޓް (އެގްރީޑް-އަޕޮން ޕްރޮސީޖާސް) ރިޕޯޓުގައި ގިނަ ކަންކަން ފާހަގަކޮށްފައި ހުއްޓެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ހައުސިން ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ މެއިންޓަނެންސް ޚަރަދުގެ ގޮތުގައި އެއް ހާސް ރުފިޔާ ހިމަނާއިގެން ހަ ހާސް ހަ ސަތޭކަ ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމާއި، ނަތީޖާއެއްގެ ގޮތުން، މި އަދަދަކީ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިން އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިޢާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫންކަން ފާހަގަކުރެވިފައިވެއެވެ.
2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647 ރުފިޔާއެވެ. ނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،254،879 ރުފިޔާ ޖެހޭނެއެވެ.
އެހެން ކަމުން، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 ރުފިޔާގެ ގެއްލުންވާނެ ކަމަށް ރިޕޯޓްގައި ބުނެއެވެ.
އަދި ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި 5،548 ރުފިޔާއަކީ، 3.36 އިންސައްތައިގެ އިންޓަރެސްޓާއިއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
ނަމަވެސް، ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %3.3+LIBOR ކަމުގައިވާއިރު، މާލެ ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ LIBOR ގެ އަންދާޒާކަމުގައިވާ 0.06 އިންސައްތަ އަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް LIBOR ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި LIBOR ކަމާއި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް LIBOR އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަމަށެވެ. ޖެނުއަރީ 2021 ގެ ނިޔަލަށް ދައްކާފައިވާ ލޯނު ޕޭމަންޓްތަކުގެ އެވްރެޖް LIBOR އަކީ 1.74 އިންސައްތަ ކަމަަށް ރިޕޯޓްގައި ބުނެއެވެ.
2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ހުށަހަޅާފައިވާ (މެއިންޓަނެންސް ޚަރަދު ގެ ގޮތުގައި 1،000 ރުފިޔާ ހިމަނާއިގެން 11،000 ރުފިޔާއަށް ޔުނިޓުތައް ވިއްކިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 2،195،865،585 ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ (މެއިންޓަނެންސް ޚަރަދުގެ ގޮތުގައި 1،000 ރުފިޔާ ހިމަނާއިގެން 8،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 138،63،670 ރުފިޔާ ގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ 6،600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9،209،971،532 ރުފިޔާ ގެ ޑެފިސިޓެއް ވާނެކަމަށް ރިޕޯޓްގައިވެއެވެ.
އެޗް.ޑީ.ސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
ރިޕޯޓްގައި އިސްލާހް ކުރަން ޖެހޭ ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ:
1 .ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީ.އެމް.އައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުން.
2 .ލޯނުގެ އެގްރިމެންޓްތަކުގައި އިންޓަރެސްޓް ކަނޑައަޅާފައިވަނީ LIBOR ނުވަތަ އެފަދަ އެހެން ބެންޗްމާކެއް ބޭނުން ކޮށްގެން ކަމަށްވާނަމަ، އެ ލޯނެއްގެ މުއްދަތުގައި LIBOR ނުވަތަ އެފަދަ ބެންޗްމާރކްގެ އެވްރެޖް އިންޓަރެސްޓް ރޭޓް އަންދާޒާ ކުރުމަށާއި، ކޮސްޓް އޮފް ކެޕިޓަލްގެ ގޮތުގައި ބޭނުންކުރާ ރޭޓް ކަނޑައެޅުމުގައި އެވްރެޖް LIBOR ނުވަތަ ބެންޗްމާކް އިންޓަރެސްޓް ރޭޓަށް ރިޢާޔަތް ކުރުން.
3 .މި މަޝްރޫޢުގެ ދަށުން، މަޝްރޫޢުގެ އަގުގެ ތެރޭގައި ހިމަނާފައިނުވާ އެހެނިހެން ޚަރަދުތައް (ބިމުގެ އަގު، ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓް، ސަޕްލިމެންޓަރީ ޑިވެލޮޕްމަންޓް ކޮސްޓް) ސަބްސިޑައިޒްކޮށް، ހައުސިން ޔުނިޓްތައް ވިއްކުމުން، އެޗް.ޑީ.ސީ އަށް މާލީގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާކުރެވޭތީ، މި މާލީ ގެއްލުން ފޫބެއްދުމަށްޓަކައި، ދައުލަތުގެ ބަޖެޓުން، އެޗް.ޑީ.ސީ އަށް ސަބްސިޑީއެއް ދޭންޖެހޭނެކަމަށް ފެންނާތީ، އެއީ ދައުލަތުގެ ބަޖެޓުގެ ފުދުންތެރިކަން ހުރި މިންވަރަށް ރިޢާޔަތްކޮށްގެން ދެވިދާނެ ސަބްސިޑީއެއްތޯ ބެލުން،
4 .މިފަދަ ހައުސިންގ މަޝްރޫޢުތައް ހިންގުމަށް ކުންފުނިން ނަގާ ލޯނުތަކާ އެންހަމައެއްގައި އާމްދަނީ ނުހިއްފޭޓޭނަމަ، މި ލޯނުތައް އަދާ ކުރުމަށް ދަތިވެ، ކުންފުންޏަށް މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެ، ވިޔާފާރީގެ އުސޫލުން ކުންފުނި ހިންގަން ދަތިވެ، އެފަދަ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތަށް ބަރޯސާވުމަކީ އެކަށީގެންވާ ކަމެއްކަމުން، މި ގޮތަށް ސަބްސިޑައިޒް ކުރެވިގެން ހިންގާ މަޝްރޫޢުތަކުން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ސަބްސިޑައިޒްކުރެވޭނެ ނިސްބަތަށް ބަލައި، މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސްކޮށްގެން ހިންގޭނެގޮތަށް މަޝްރޫޢުތައް ރާވާ ހިންގުން. އަދި މިފަދަ މަޝްރޫޢުތައް ފެށުމުގެ ކުރިން މަޝްރޫޢުގެ ފައިނޭންޝިއަލް ފީސިބިލިޓީއެއް ހަދައި، އެއަށް ރިޢާޔަތްކޮށްގެން ނިންމުންތައް ނިންމުން،
މޭޔަރުގެ އަގުތައް
ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ޑރ. މުއިއްޒު އާންމު ކުރެއްވި ކަރުދާހެއްގައި ވަނީ، 2018 ވަނަ އަހަރުގެ ކުރިން ހިޔާ ފްލެޓްތަކުގެ އިންޓަރެސްޓު ރޭޓު ހުރީ، 4.0 ޕަސަންޓުގައި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން އިންޓަރެސްޓު ރޭޓު ހުރީ، 6.8 ޕަސަންޓުގައި ކަމަށް އޭގައި ބުނެފައިވެއެވެ.
އެ ކަރުދާހުގައި ތުހުމަތު ކުރައްވާފައިވަނީ މިހާރު ހިޔާ ފްލެޓްތަކުން ނަގަން ނިންމާފައިވާ އިންޓަރެސްޓު ރޭޓަކީ ނަގަން އެކަށީގެންވާ ރޭޓެއް ނޫންކަމެވެ.
އެގޮތުން އޭގައި ބުނެފައިވަނީ ލޭބާ އަށް ހަރަދުކޮށްފައިވަނީ +3.3 ޕަސަންޓު ކަމަށެެވެ. އަދި މިހާރު ލޭބާ ހަރަދު ހުރީ +3.36 ޕަސަންޓުގައި ކަމަށެވެ. އަދި މި އަގު އިތުރު ދެ ދަރަޖަ އިތުރުވިއަސް ހުންނާނީ +5.0 އަށްވުރެ ދަށުގައި ކަމަށެވެ.
އެ ކަރުދާހުގައި ތުހުމަތު ކޮށްފައިވާގޮތުން މިހާރު ނަގާ އިންޓަރެސްޓު ރޭޓުގައި އިންޓަރެސްޓު ނަގައިފިނަމަ އެއީ ރައްޔިތުންގެ ޖީބުން އެ މަސައްކަތް ކުރި މީހުންނަށް ދެވޭ ބޮޑު މާލީ މަންފާއެކެވެ.
މިގޮތުން އިންޓަރެސްޓު ރޭޓާއި އަޅައި ކިޔައި އަގުގެ ތާވަލެއްވެސް އެ ކަރުދާހުގައި އާންމު ކޮށްފައިވެއެވެ.
އޭގައި ބުނާގޮތުން 6.78 ޕަސަންޓު ގައި އިންޓަރެސްޓު ހުރި ނަމަ އަގަކީ 7،503 ރުފިޔާ ކަމަށެވެ. ހަ ޕަސަންޓުގައި ހުރި ނަމަ 6،978 ރުފިޔާ ކަމަށެވެ. ފަސް ޕަސަންޓުގައި ނަމަ 6،331 ރުފިޔާއެވެ. ހަތަރު ޕަސަންޓުގައި ނަމަ 5،717 ރުފިޔާއެވެ. 3.36 ޕަަސަންޓުގައި ނަމަ 5،341 ރުފިޔާ ކަމަށެވެ.
ސިޓީކައުންސިލްގެ ރޭހުގައި ވާދަކުރެއްވި އިރު މުއިއްޒު ވަނީ "ހިޔާ" ފްލެޓްތަކުގެ މަހު ކުއްލި 3،800 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.