ads
ފޮޓޯ:ރަސް އޮންލައިން——
ލިބުނު ފުރަތަމަ ދަރިފުޅު 3 މަހުގައި މަރުވީ، ފަރުވާއަށް އާދޭސް ކުރަނިކޮށް!
ކުއްޖާގެ އާއިލާއިން “ސީއެންއެމް“ ބުނީ ތިން މަހުގެ ތުއްތު އިވީލިއާ ވިސާމް ސަމީރަކީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ކަމަށެވެ. ކުއްޖާ އަކީ 32 ހަފްތާގައި ވިހޭ ޕްރިމެޗުއާ ކުއްޖެއް އެއް ނަމަވެސް ކުއްޖާ އަކީ ބޭރުފުށުން ސިއްހަތު ރަނގަޅުކޮށް އޮތް ކުއްޖެއް ކަމަށާއި ގަވާއިދުން ޑޮކްޓަރަށްވެސް ދައްކަމުންދިޔަ ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް އޭރުވެސް ކުއްޖާގެ ފަރާތުން ފެންނަ ބައެއް ކަންތައްތައް ދަރިފުޅުގެ މަންމަ އާއި ބައްޕަ ޑޮކްޓަރާ ހިއްސާކުރާއިރު ވެސް އެއްވެސް ބޮޑު މައްސަލައެއް އުޅޭ ކަމަށް ބުނެފައިނުވާ ކަމަށް އޭނާ ބުނެއެވެ. 

ކުއްޖާއަށް ތިން މަހުގައި މިމަހުގެ 19ވަނަ ދުވަހު އޮއްޑޫ އިކުއުޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ގާތުން ބުއިން ހުއްޓާލުމުންނާއި، އަބަދު ނިދާފައި އޮންނާތީ އާއި، ނޭވާލާން އުނދަގޫވެގެން އުޅޭކަން ބޭރުފުށުން ވެސް ވަރަށް ބޮޑަށް ކުއްޖާގެ މައިން ބަފައިންނަށް ފާހަގަވެގެން ކަމަށް އޭނާ ބުނެއެވެ. 

ހޮސްޕިޓަލަށް ގެންދިޔުމުން ފުރަތަމަ ކުއްޖާއަށް ޑޮކްޓަރު އެޓެންޑުނުވާކަމަށާއި، މެންދުރު ގެންދިޔަގޮތަށް ކުއްޖާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ކަމަށް އޭނާ ބުންޏެ އެވެ. އެއަށްފަހު ކުއްޖާއަށް ދެވުނުގޮތަކަށް ގާތުން ދިނުމަށް ހޮސްޕިޓަލުން ބުނިކަމަށާއި ކުއްޖާގެ މަންމަ އެކި ގޮތްގޮތުން ގާތުން ދެވޭތޯ މަސައްކަތް ކުރި ނަމަވެސް ކުއްޖާ އޯކަށްދެމި އެތެރެއަށް ނުދާތީ އެކަން ކުރެވޭގޮތެއް ނުވިކަމަށް އޭނާ ކިޔައިދިނެވެ.

" ދެން އެ ހިސާބުން ކެނިއުލާއެއް ޕާސް ނުކުރެވުނު ބޭބީއަކަށް ނުކުރެވިގެން އެތަނުގައި އަޑުގަދަކޮށްގެން އެރޭ 10:00 ޖަހާކަށް ހާއިރު ޑޮކްޓަރު ކަށިގަނޑު އަޅާފައި ބުނީ އެބަ އިވެޔޭ ބޭބީގެ ހިތުގައި އިތުރު އަޑެއް. ދެން ބުނީ ބޭބީގެ ހިތް އުމުރާއި ބަލާފައި ބޮޑުވެފައޭ އިނީ. މިހެންވެސް ކުރީގައި ބުނެވޭނެ ނޫންތޯ. ސިވިއާ އަށް އެވަރު ވެގެން ދިޔާމަތޯ މިހެން ބުނަން ޖެހޭނީ. ކުރިން ވެސް ދައްކާ ކޮންމެ ފަހަރަކު ބޭބީގެ ޕޭރެންޓުން ބޭބީ ނޭވާލާން އުނދަގޫ ވެގެން އުޅޭ ވާހަކަ ބުނާއިރުވެސް އެކަން އެމީހުންނަށް އިނގެންވާނެ ނޫންތޯ ބަލަން ސްކޭނެއް ކޮށްލައިގެން ނަމަވެސް އެކަމަކު ކޮންމެ ފަހަރަކު ބުނަނީ މައްސަލައެއް ނެތޭ،" ކުއްޖާގެ އާއިލާއިން ބުނެއެވެ.

އޭނާ ބުނީ ފަހުން އޭއީއެޗްއިން ރިޕާ ކުރީ އިކޯ ކާޑިއޯގްރާފަަކަށް ކަމަށާއި މާލޭ އައީ އެކޮޅުން އެކަށީގެންވާ ފަރުވާއެއް ލިބެން ނެތުމުން އައިޖީއެމްއެޗުން ކުއްޖާއަށް އިތުރަށް ދެވެން އޮތް ފަރުވާއެއް ދޭން ސިޓީއަކާ އެކު ރިކްއެސްޓު ކުރުމުން ކުއްޖާއަށް ފަރުވާލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. 

އޭނާ ކައިރީ ބުނޭ ދަރިފުޅު ގޮވައިގެން ގެއަށް ދާށޭ!

އެއްތަނުން ފަރުވާ ނުލިބިގެން އުދުހިފައި ރާއްޖޭގެ ވެެރިކަން ކުރާ ރަށް މާލޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށް ދަރިފުޅުގެ ބައްޕަ ތިން މަހުގެ ކުއްޖާ ގޮވައިގެން މިމަހުގެ 19ވަނަ ދުވަހު އައީ ދަރިފުޅަށް ރަނގަޅު ފަރުވާއެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކަން ވީ އެހެނެއްނޫނެވެ. ފުރަތަމަވެސް ލިބުނު ޖަވާބަކީ “އޭނާ ކައިރީ ބުނޭ ދަރިފުޅު ގޮވައިގެން ގެއަށް ދާށޭ” މިއެވެ. 

އެއަށްފަހު ވެސް ވާނުވާ ނޭނގި ތިން މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން ދެކޮޅަށް ދުވެދުވެ ފަރުވާއަށް އާދޭސްކުރާތާ ތިން ދުވަސްވީއިރުވެސް އެކަށީގެންވާ ފަރުވާއެއް ނުލިބި ބައްޕަގެ ލޯ ކުރިމަތީ ދަރިފުޅު މަރުވެދިޔައީ މިމަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ. 

މިވާހަކަތައް “ސީއެންއެމް”އާ ހިއްސާކުރަމުން އާއިލާއިން ކިޔާދިން ގޮތުގައި އައްޑޫއިން ފުރައިގެން  ތިން މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން ބައްޕަ މާލެއައިސް ފުރަތަމަވެސް ދިޔައީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމް(އީއާރް) އަށެވެ.

އީއާރަށް ދިއުމުން އެނދެއްހާ ހިސާބު ވެސް ނުލިބި ގިނައިރުވާތީ ކުއްޖާގެ ބައްޕަ އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމުން އައިޖީއެމްއެޗުން ބުނީ އެނދުއަޅާނެ މީހަކު ނެތީމަ ކަމަށެވެ. 

އެނދު އަޅާނެ މީހަކު ނެތި ދަރިފުޅުގެ ފުރާނަ އަތްމައްޗަށް ދޫވާން ބޭނުންނުވާތީ އަމިއްލައަށް އެނދު އަޅައިދޭން ވެސް ބައްޕަ ހުރީ ތައްޔާރަށެވެ. ނަމަވެސް އެވާހަކަ ބުނުމުން ވެސް ޑޮކްޓަރުގެ ޖަވާބަކަށްވީ “ދަރިފުޅު ގޮވައިގެން ގެއަށް ދާށޭ” ކަމަށް އާއިލާން އިން ބުނެއެވެ.

“އެނދު އަޅާނެ މީހަކު ނެތިގެން ބޭބީގެ ބައްޕަ ބުނި ތިމަންނަ އަޅާފާނަމޭވެސް ދެން އެވާހަކަ ގޮސް އެތާގައި އިން ސިސްޓާ ޑޮކްޓަރުގެ ގާތުބުނީމަ ޑޮކްޓަރު ބުނިކަމަށް ވަނީ އޭނާ ކައިރީ ބުނާށޭ ދަރިފުޅު ގޮވައިގެން ގެއަށް ދާށޭ” އާއިލާއިން ބުނެއެވެ.

ދެން ކުއްޖާ ބޭއްވީ މޮނިޓައެއް ގުޅާފައި ކުޑަކުދިންގެ ވޯޑުގައި ކަމަށާއި، އާއިލާއަށް ވާނުވާވެެސް ނާންގާ ކަމަށް އާއިލާއިން ބުނެއެވެ. މޮނިޓާއަށް ގުޅާފައި އޮތްއިރުވެސް އޮތީ ކުއްޖާގެ ފަޔަށްވެސް ހޮޔޮވަރުގެ އެއްޗެއް ނޫން ކަމަށާއި އެވެސް ބަދަލުކުރީ ފަހުން ބޮޑުވަރުވެގެން ކަމަށް އާއިލާއިން ބުނެއެވެ. 

ކުއްޖަކީ އަވަސް ފަރުވާއަށް ރިފާކޮށްގެން ގެނައި ކްރިޓިކަލް ކުއްޖަކަށްވާއިރު ފުރަތަމަވެސް އައިސީޔޫއަށް ލައިގެން ފަރުވާދިނުމުގެ ބަދަލުގައި ކުޑަކުދިންގެ ވޯޑުގައި ބޭއްވުމަކީވެސް އާއިލާގެ ކަންބޮޑުވުމެކެވެ. 

އައިޖީއެމްއެޗުންވެސް ކުއްޖާއަށް ފަރުވާއެއް ދޭން ފެށީ ހާލު ސީރިއަސްވުމުން

އާއިލާއިން ބުނީ ކުއްޖާ އައިސީޔޫއަށް ބަދަލުކުރީ ކުއްޖާ ގެނައިތާ ތިންވަނައަށް ވީ ދުވަހު މިމަހުގެ 22 ވީ ދުވަހުގެ ރޭގެ ވަގުތެއްގައި ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ކަމަށެވެ. 

އޭގެކުރިން އާޖެންޓު އިކޯ ކާޑިއޯގްރަފީއަކަށް ރިފާކޮށްގެން ގެނައި ކުއްޖެއް ނަމަވެސް އެކަން ކުރާ ޑޮކްޓަރު ކުރަންޖެހޭ ބައިވަރު ކަންތައް ހުރިކަމަށް ބުނެ އެވެސް ނަހައްދާ ކަމަށާއި، ކުއްޖާގެ ހާލުދެރަވެގެން އައިޖީއެމްއެޗުން ތެޅިފޮޅިގަތީ ކުއްޖާގެ ވިންދު ކުއްލިއަކަށް ދައްވުމުން ކަމަށް އާއިލާއިން ބުނެއެވެ. 

“ތެޅިފޮޅިގަނެގެން ވަގުތުން ޗޭންޖުކޮށްލައިފި އައިސީޔޫއަށް. އެރޭ ވަގުތުން ވަގުތަށް ގެންގޮސްފައި ބުނެފި މިހާރު ކާޑިއޯގްރަފީ ހައްދާފީމޯ، ހާޓުގެ މައްސަލައެއް އެބައުޅެއޯ. އެންމެ ފަހުން އެންޓިބައޯޓިކްވެސް އެޅި، ބޭބީއަށް ފީޑު ނުކުރަން ބުނި، ބޭބީ ޑީހައިޑްރޭޓްވުމުގެ ސަބަބުން ބޭބީ ވަނީ ނިއުމޯނިއާއަށް ޗޭންޖުވެފައި”އާއިލާއިން ބުނެއެވެ.

ޑޮކްޓަރާއި ފުރަތަމަ ބައްދަލުވީވެސް އައިސީޔޫއިން ކަމަށާއި، އޭރު ކުއްޖާގެ ހާލަތުދިއައީ މަޑުމަޑުން ދައްވަމުން ނަމަވެސް ކުއްޖާގެ ހާލަތު ރަނގަޅުކަމަށް ބުނެ ޑޮކްޓަރު ދޮގު ހަދިކަމަށްވެސް އާއިލާއިން ބުނެއެވެ. 

އާއިލާއިން ބުނީ އޭގެފަހުން އެހެން ޑޮކްޓަރަކު ކުއްޖާގެ ހާލަތު ގޯސްކަމަށާއި ވެންޓިލޭޓަރުގައި ކުއްޖާ އޮތް ނަމަވެސް ކުއްޖާގެ އެެއްވެސް ކަމެއް ނެތްކަމަށް ބުނިކަމަށެވެ.

ކުއްޖާ މަރުވިކަން އެންގީ އިއްޔެ ހަވީރު 04:30 ހާއިރު މައިބަފައިންނަށް ގުޅާ އައިސީޔޫއަށް ވައްދާފައި ކަަމަށާއި އޭރު ކުއްޖާ ނޭވާލަމުން ހަމައެކަނި ދިޔައީ މެޝިނުގެ އެހީ ގައެވެ. ކުއްޖާގެ ވިންދެއް ނެތެވެ. ހިތުގެ އެތެރެއަށް ދިޔައީ ބްލީޑުވަމުންނެވެ. ހިތް އެއްކޮށް ވަނީ ފެއިލްވެފައެވެ.   

“ވައްދާފަ ބުނީ މެޝިނުގެ ބާރުގެ މިހާރު އޮތީ. އަނެއްހެން ޒީރޯގައި އޭރު އޮތީ މެޝިން ޒީރޯގައި އުޅެންޏާ އޭގެ މާނައަކީ ކުއްޖާގެ ވިންދެއް ނެތޭ. ދެން މެޝިނަށް ގުޅާލާފައި އޮތުމުގެ ބޭނުމެއް ނެތެއް ނޫންތޯ. ދެފަހަރު ސީޕީއާރްދިން. ކުއްޖާގެ ހާޓު އެތެރެއަށް ބްލީޑް ވަމުން ދަނީ. ޕަލްސްތައް ޑެމޭޖްވެފައި އޮތީ އޭރުވެސް'" އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނީ ސްޕެޝިލިސްޓުން ނެތިގެން ފަރުވާލަސްވާނެކަންވެސް ބުނީ އެންމެ ފަހު ވަގުތުކަމަށެވެ.  

ކުއްޖާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި އޭއީއެޗުންނާއި އައިޖީއެމްއެޗުންވެސް ބޮޑުތަނުން އެކަމުގައި ވަނީ އިހުމާލުވެފައެވެ. ކުއްޖާގެ މައްސަލައެއް ކުރިން އުޅޭކަން ނޭނގި އޮތީވެސް ހޮސްޕިޓަލުގެ އިހުމާލަކުން ކަމަށްވާއިރު ކުއްޖާގެ މައްސަލައެއް އުޅޭކަން ފާހަގަވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެނެސް އާދޭސް ކުރުމުންވެސް އެކަށީގެންވާ ފަރުވާ ނުދީ އޮއްވާ ކުއްޖާ މަރުވުމުން އެއީ އާއިލާއަށް ގަބޫލުކުރެވޭ ކަމެއް ނޫނެވެ.

މިކަމާއި ބެހޭގޮތުން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. 

ސިއްހީ ދާއިރާގެ އިހުމާލަކުން އަނެއްކާވެސް ތިން މަހުގެ ކުއްޖަކު މަރުވިއިރު ތިނަދޫގައި ވެސް ޑޮކްޓަރުގެ އިހުމާލުން ވަނީ ތިން މަހުގެ ކުއްޖަކު މަރުވެފައެވެ. 

2%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
91%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް