ads
ފޮޓޯ:...
ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު
ދިވެހިރާއްޖޭގައި މީހުންއުޅޭތާ 2000 އަހަރު ވެފައިވާކަމަށް ތާރީޚުގެ ޢިލްމުވެރީން ލިޔުއްވާފައިވެއެވެ. ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، ޤާނޫނުއަސާސީން ފެށިފައިވާ މި ނިޒާމު ބައްޓަންކުރެވިފައިވަނީ، އިސްލާމީ ޝަރީޢަތާ ޚިލާފުނުވާ ވަޟުޢީ ޤާނޫނުތަކެއްގެ މައްޗަށެވެ.

ދިވެހިރާއްޖެ އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީގެ މާބޮޑު ތާރީޚެއް އެނގެންނެތް ނަމަވެސް 1196 ވަނަ އަހަރުގެ ދަނބިދޫ ލޯމާފާނު ގެ 15 ވަނަ ފޮތީގެ ފުރަތަމަ ފުށުން އެނގެން އޮންނަ ގޮތުގައި ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީން ޢަމަލުކުރަމުން ދިޔައީ " ޕޫރުބެރޫ ޑީން" ކިޔުނު އާދަކާދަ ތަކަކަށެވެ. މިގޮތުން ދަނބިދޫގައި ރުކަށްއަރާ ހުރިހާ ރާވެރިން މަސްޖިދުގައި ލާނޭފަން ދިނުމަށް އަންގަވާފައިވެއެވެ. އަދި ދަނބިދޫ ފަޤީރުންގެ އަތުން ނަގަމުންދިޔަ 5 ފުޅި ބޮލީގެ "ޓެކްސް" އެއްވެސް ކަނޑާލައްވާފައިވެއެވެ. (ހުސްނުއްސުޢޫދު - 2007 ) ވިދާޅުވެފައިވާ ގޮތުގައި " ޕޫރުބެރޫޑީން" ކިޔުނު އާދަކާދަތައް މިއީ އޭރު ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކެކެވެ.

ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ހިންގަން ފެށިފައިވަނީ މީލާދީ ސަނަތުން 1153 ގައި (ހިޖުރައިން 548 ވަނަ އަހަރު ) އޭރު ހުންނެވި ދިވެހި ދައުލަތުގެ ރަދުން އިސްލާމްދީން ޤަބޫލުކުރައްވާ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ކަނޑައެޅުއްވި ހިސާބުންނެވެ. ދިވެހިރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި މީލާދީން 14 ވަނަ ޤަރުނުގެ މެދުތެރޭގައި އިބުނުބަޠޫތާ ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އެދުވަސްވަރުވެސް ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކީ އިސްލާމީ ޝަރީޢާ ކަމުގައިވިޔަސް ބައެއް އާދަކާދަތައް އިސްލާމްދީނާ ތަޢާރަޟް ނުވާވަރަށް ބަދަލުކޮށްގެންނާއި ބަދަލު ނުކޮށްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 މިދުވަސްތަކަށްފަހު، އޭރުގެ ރަދުން މުޙައްމަދު ޝަމްސުއްދީނުގެ އެންގެވުމަށް، ޤާނޫނުއަސާސީއެއް ލިޔުމުގެ މަސައްކަތް ފެއްޓިތާރީޚަކީ 19 މާރޗް 1931 އެވެ. މި މަސައްކަތް ކޮށްފައިވަނީ 12 މެމްބަރުންގެ ކޮމެޓީއަކުންނެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމައި މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެއްޓީ 22 ޑިސެމްބަރ 1932 ގައެވެ. އޭގެފަހުންް ތަފާތު ގޮތްގޮތަށް ތަފާތު މަރުޙަލާތަކުގައި މި ޤާނޫނުއަސާސީ އިސްލާހު ކޮށްފައިވެއެވެ. މި އިސްލާހު ތަކުގެ ތެރެއިން އުފެދުނު ދެބަސްވުމެއްގައި، 30 ޖެނުއަރީ 1940 ގައި މި ޤާނޫނުއަސާސީ އުވާލެވި އަލުން އެހެން ޤާނޫނުއަސާސީއެއް ހެދުމުގެ މަސައްކަތް ފަށާފައިވެއެވެ. މިގޮތުން 23 އޭޕްރީލް 1942 ގައި 2 ވަނަ ޤާނޫނުއަސާސީއެއް ވުޖޫދަށް ގެނެވުނެވެ. މިއަށްފަހު މުޙައްމަދު ފަރީދުގެ ރަސްކަމުގައި ރައްޔިތުންގެ ޢާއްމު ވޯޓަކުން، ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމުން، 11 ނޮވެމްބަރ 1968 ގައި އާޤާނޫނުއަސާސީއެއް އެކުލަވާލެވި، ޢަމަލް ކުރަން ފެށިފައިވެއެވެ.

your imageކްރިމިނަލް ކޯޓު

 1968 ގެ ޤާނޫނުއަސާސީ އިސްލާޙު ކުރެވުނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އޭރުއޮތް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. މިފަހަރުގެ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވިފައިވަނީ 1997 ނޮވެމްބަރ 27 ގައެވެ.

އެހެންކަމުން ތާރީޚުން އެނގޭ ގޮތުގައި 22 ޑިސެމްބަރ 1932ގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނުއަސާސީން ފެށިގެން، މިހާރު ޢަމަލު ކުރަމުންދާ، 2008 ވަނައަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީއާއެކު ޖުމްލަ 5 ދުސްތޫރެއް އެކުލަވާލެވިފައިވެއެވެ. މި 5 ޤާނޫނުއަސާސީގެ ކުރިން އިހުޒަމާނުގައި ދިވެހި ރާއްޖޭގެ ޤާނޫނުތަކުގެ އެންމެމަތީ މަޞްދަރަކީ އިސްލާމީ ޝަރީޢާތާއި ރަސްކަމުގެ އަމުރުތަކާއި އަދި ކުރީ ޒަމާނުންސުރެ ޢަމަލު ކުރަމުން އަންނަ އުސޫލުތަކެވެ.

ހަމައެހެންމެ މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނީ ނިޒާމުގެ އެންމެ މަތީ ތަރަހަ ކަމުގައިވާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވާގޮތުން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޢަމްލުކުރަން ޖެެހެއެވެ. ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއިން އެކަން އެނގެއެވެ.

ފިޤުހް ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި އިންސާނުން ކުރާ ހުރިހާ ޢަމަލެއް ޞަރީޙަކޮށް އިސްލާމީ ޝަރީޢާގައި އައިސްފައި ނުވިނަމަވެސް ވަޟްޢީ ޤާނޫނުތައްވެސް އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާނަމަ އެއަށް ޢަމަލުކުރުމަކީ ހުއްދަކަމެކެވެ. މިގޮތުން އިނގިރޭސި ވިލާތުގެ "ކޮމަން ލޯ" އެއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ވަޟްޢީ ޤާނޫނުތައް  ލިޔުމުގެ މައިގަނޑު  މަޞްދަރުކަމަށް ބަލާފައިވާކަން އެނގެއެވެ. މިސާލަކަށް ބަލާނަމަ ވިޔަފާރީގެ މުޢާމަލާތާ ގުޅުންހުރި ޤާނޫނުތަކުގެ އަސްލަކީ މި ދެންނެވި "ކޮމަން ލޯ" އެވެ. (އަޙްމަދު ޝިފާއު - 2015)

އިސްލާމީ ޝަރީޢަތަކީ ތާއަބަދަށް ދެމިގެންވާ އިލާހީ ޤާނޫނެވެ. ޝިރުކުގެ ނުބައިކަމާ ޖަހާލަތުގެ އަނދިރިކަމުގެތެރެއަށް މިދުނިޔެ ޣަރަޤުވެފައިވަނިކޮށް، އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނިއްޔަތަށް ބޭނުންވާ އަދި، އެންމެ ފައިދާހުރި ހުރިހާ ކަމަކާއިގެންނެވެ. އެއީ އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތުގެ މަތިން ބާވާލެއްވިފައިވާ ޝަރީޢަތެކެވެ. އެއީ އިންސާނުން އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ބަޔާންކޮށްދެއްވުމަށް ﷲ ބާވާލެއްވި ޤާނޫނެވެ. އިސްލާމީ ޤާނޫނީ ނިޒާމް އެންމެ ފުރަތަމަ ޤާއިމުކުރެވުނީ، ދީނަށް ގޮވާލެއްވުމަށް މައްކާގައި ކީރިތި ރަސޫލާ صلى الله عليه وسلم ހޭދަކުރެއްވި  13 އަހަރުނިމި  މަދީނާއަށް ހިޖުރަ ކުރައްވައި މަދީނާގައި އިސްލާމީ ދައުލަތެއް ކީރިތި ރަސޫލާ صلى الله عليه وسلم ޤާއިމުކުރެއްވި ހިސާބުންނެވެ.

your imageހައިކޯޓު

އިސްލާމީ ޝަރީޢަތް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވަނީ އިސްލާމީ ޚިލާފަތުގެ ތެރެއިންނެވެ. 1913 ވަނައަހަރު އިސްލާމީ ޚިލާފަތު ނިމިގެންގޮސް ވަކިވަކި ޔުނިޓަރީ ނުވަތަ ވަޠަނީ ދައުލަތްތައް އުފެދުނު ހިސާބުން އެ ޤައުމުތަކުގައި ޤާނޫނުތައް ހެދުމުގެ މަޞްދަރުކަމުގައި ޤާނޫނުއަސާސިގައި ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތެވެ. އެހެނިހެން ޤާނޫނުތަކަކީ އިންސާނުން އުފައްދާ ޤާނޫނުތަކަކަށްވުމުން އެފަދަ ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު އިންސާނުންނަށް އޮތް ނަމަވެސް އިސްލާމީ ޝަރީޢަތަކީ الله سبحانه وتعالى ބާވާލެއްވި އެއްޗަކަށް ވުމުން އެ ޝަރީޢަތަށް ބަދަލު ގެނައުމުގެ ބާރެއް އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވެއެވެ.

އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު އެއްބޭނުމަކީ ﷲ ގެ މަގަށް ނަޞްރު ދިނުމާއި އިސްލާމީ ޝިޢާރު ދެމެހެއްޓުމާއި ނެގެހެއްޓުމާއި ޟަރޫރީ ފަސް މަޞްލަޙަތު (ދީނާއި، ފުރާނަ އާއި، ދަރިފަސްކޮޅާއި، އަބުރާއި މުދާ) ރައްކާތެރިކުރުމެވެ. މިދެންނެވި މަޤާޞިދުއްޝަރީޢާ ނުވަތަ މަޤްޞަދު ތަންފީޒު ކުރުމުގެ ގޮތުން ފިޤުހީ މިންގަނޑުތަކެއްވަނީ ކަނޑައެޅިފައެވެ. ޝަރުޢީ ޙުކުމްތައް ދެނެގަތުގެ މަޞްދަރުތައްވަނީ ކަނޑައެޅިފައެވެ. އެއީ الله سبحانه وتعالى ބާވާލެއްވި ކީރިތި ޤުރުއާނާއި، އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި، މިއުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާޢުގެ އިތުރުން ޤިޔާޞެވެ.

ޒަމާންތަކަކަށްފަހު 2014 ވަނަ  އަހަރުވަނީ މުޅިން  އާ ޤާނޫނުލްޢުޤޫބާތެއް  ދިވެހިރާއްޖޭގައި އެކުލަވައިލާ

ނިންމާފައެވެ. މި ޤާނޫނަށް ޢަމަލުކުރަންފަށާފައިވަނީ 16 ޖުލައި 2015 ވަނަ ދުވަހުއެވެ. އެއީ ޤާނޫނު ނަންބަރު: 2014/9 އެވެ. މި ޤާނޫނުގެ ކުރީން ރާއްޖޭގައި ޢަމަލުކުރެވުމުން އައީ 1968 ވަނަ އަހަރު އެކުލަވާލެވިފައިވާ ޤާނޫނުލްޢުޤޫބާތަކަށެވެ. 1968 ގައި ތަޞްދީޤުކުރެވުނު މި ޤާނޫނު އިސްލާހު ކުރަން ހުށަހެޅުއްވީ 2004 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޤާނޫނު އިސްލާހު ކުރަންޖެހުނު މައިގަނޑު ސަބަބަކީ ދުނިޔެއަށް އައި ތަރައްޤީގެ ކުރިއެރުމުގައި މީހުންކުރާންފެށި ކުށްތަކަށް ދެވޭ އަދަބުތައް ޒަމާނާއި ކުރާ ކުށަކާ ގުޅޭގޮތުން އަދަބު ކަނޑައެޅުމެވެ. މިފަދަ ބޮޑު ބަދަލެއް ޤާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ ޤާނޫނުލްޢުގޫބާތަށް ގެނެވުނުއިރު އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކަންކަން ކަމުގައި  (1- ޒިނޭގެ ޙައްދު 2- ޤަޛުފުގެ ޙައްދު 3- ވައްކަމުގެ ޙައްދު 4- ޙަރާބާ ނުވަތަ މަގުފޭރުމުގެ ޙައްދު 5- ރަލުގެ ޙައްދު 6- ޤިޞާސްގެ ޢުޤޫބާތް 7- މުރުތައްދުވުމުގެ ޢުޤޫބާތް  މިކަންކަމަށް ) އަދަބު ކަނޑައެޅިފައިވޭތޯ ބަލާލުން މުހިއްމެވެ.

(ހުސައިން ޝަމީމު- 2015) ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޑްރާފްޓްކުރަން ފެށިފައިވަނީ ވެސް އިސްލާމީ ޝަރްޢީ އުސޫލުތައް ތަޤްނީނު ކުރުން އަސްލަކަށް ބަލައިގެން ކަމެވެ. އެހެންކަމުން، އެޤާނޫނުގެ ނިޒާމުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ބައިބައި ނުވަތަ އުސްލޫބުތައް ވަދެފައެއް ނުހުންނާނެއެވެ. އެއީ، ޤާނޫނުލްޢުޤޫބާތަކީ އިސްލާމީ އުސޫލުތައް ތަޠުބީޤު ކުރުމަށް ފަރުމާ ކުރެވިފައިވާ، އެފަލްސަފާގެ މައްޗަށް ލިޔެވުނު ޤާނޫނަކަށްވާތީއެވެ. މިސާލަކަށް، އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ނުވަތަ މަޤާޞިދުއްޝަރީޢާ ކަމުގައިވާ 5 ކަންތައް، ހަމަ އެތަރުތީބުން މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުލްޢުޤޫބާތުުގެ 11 ވަނަ މާއްދާގެ (ށ) ގައިވެސް ޢާއްމު މަޤްޞަދަކީ ދީނާއި، ފުރާނަ އާއި ނަސަބާއި ބުއްދި އާއި މުދާ ހިމެނޭ ގޮތުން، ޤާނޫނީގޮތުން ރައްކާތެރި ކޮށްދޭންޖެހޭ ފަރުދީ އަދި އާންމު މަޞްލަޙަތުތައް ރައްކާތެރިކޮށްދިނުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 1008 ވަނަ މާއްދާގައި، އިސްލާމީ ޝަރީޢަތުގައި  ކައްފާރާގެ އަދަބު  ކަނޑައަޅާފައިވާ ކުށްތަކަށް މިޤާނޫނުގެ ދަށުން އަދަބު ދިނުމުގެ އިތުރުން، ކައްފާރާގެ އަދަބުވެސް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 612 ވަަނަ މާއްދާގައި، ޤަޛްފުގެ ކުށާއި، 616 ވަނަ މާއްދާގައި ރަމަޟާންމަހު ރޯދަ ނުހިފުމާއި ބަނގުރާ ބުއިމާއި އޫރުމަސް ކެއުމުގެ ކުށާއި، 617 ވަނަ މާއްދާގައި އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ކުރުމުގެ ކުށް ބަޔާންކޮށްފައިވެއެވެ. މިޤާނޫނުގެ 110 ވަނަ މާއްދާގައި މީހުން މެރުމުގެ ކުށާއި، 1204 ވަނަ މާއްދާގައި މަރުގެ އަދަބު ދޭނެ އުސޫލުތަކާއި، 411 ވަނަ މާއްދާގައި ޒިނޭގެ ކުށްވެސް ބަޔާންކޮށްފައިވެއެވެ.

your imageސްޕްރީމް ކޯޓު 

އިސްލާމްދީނުގައި ޙައްދު ކަނޑައަޅާފައިވާ ހުރިހާ ކުށެއް،  އެއީ  ދިވެހިރާއްޖޭގައިވެސް  ކުށެއް  ކަމުގައި ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށް، އެކުށްތަކަށް އިސްލާމީ ޝަރީޢަތުގައި އޮތް އަދަބު ކަނޑައަޅައިފައި ވެއެވެ. މިގޮތުން، މީހުން މެރުމަށް، މެރުމުގެ އަދަބު އެބައޮތެވެ. ޒިނޭގެ ކުށަށް ޙައްދު ޖެހުން އެބައޮތެވެ. ޤަޛްފު ކުރުމަށްވެސް، ދީނުގައި އޮތް ޙުކުމް މިޤާނޫނުގައި ލިޔެވިފައި އެބައޮތެވެ. ވީމާ، މިޤާނޫނަކީ އިސްލާމީ ޝަރީޢަތާ އެއްގޮތް ޤާނޫނެކެވެ.

ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނުލްޢުޤޫބާތު) އަކީ އިސްލާމީ ޝަރީޢަތާ އެއްގޮތް ޤާނޫނެއްކަމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރިނަމަވެސް މި ޤާނޫނުގައި ހުރި އިސްލާމީ ޝަރީޢަތާ ފުށުއަރާ މައްސަލަތަކެއްވެސް މިޒަމާނުގެ ސަލަފުން ފާހަގަކުރައްވައެވެ. މިގޮތުން ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނުލްޢުޤޫބާތު) ގައި އިސްލާމީ ޝަރީޢަތާ ޚިލާފުކަމަށް ނުވަތަ ފުށުއަރާކަމަށް ބައެއް ޢިލްމުވެރީން ފާހަގަ ކުރައްވަފައިވާކަން މީޑިއާގެ އެކިއެކި ރިޕޯޓުތަކުންނާއި ޚަބަރުތަކުން އެނގެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް