ads
ހިޔާ ފްލެޓްތައް ؛ ފޮޓޯ: މިހާރު
ހިޔާ ފްލެޓްތަކުގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަން މަޖިލީހަށް ހުށަހަޅައިފި
ހިޔާ ފުލެޓް އެޅުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށާއި އަދި އެކަންކަމުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއެވެ. އަދި މި މައްސަލަ ބަލައިގަތީ މަޖިލީހުގެ 32 މެމްބަރުންގެ އިއްތިފާގުންނެވެ.

މައްސަލަ ހުށަހަޅަމުން ފަލާހު ބުނެފައިވަނީ ރައްޔިތުންނަށް ފައިދާވާން އޮތް ކަމެއްގައި އެހެންގޮތަކަށް އަމަލު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ފޯރިކޮށްދިނުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތާއި، ކޮރަޕްޝަން އެކުލެވިގެންވާ ކަމަށާއި، ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރާ ތަނެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަންކަން ހަމަޖައްސައި ދިނުމުގެ ބަދަލުގައި، ގަސްދުގައި ހިންގާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންނާއި، ދިވެހި ދައުލަތަށް ނުހަނު ބޮޑެތި ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި މަޝްރޫޢު ހިންގާފައިވާ ގޮތާއި، އަގު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންގެ ހިތުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދިފައިވާކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލާގައިވެއެވެ.

އެހެންކަމުން ހިޔާ މަޝްރޫއުގެ ކަންކަން ހިނގާފައިވާގޮތް ދެނެގަނެ، މަޝްރޫއުގެ ޖުމްލަ އަގު ދެނެގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އޮޑިޓް ރިޕޯޓުން މިހުރިހާ ކަމެއް ސާފުވާ ކަމަށެވެ. ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި މަކަރާއި ހީލަތާއި، ކޮރަޕްޝަނާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުން ކުރުން ފަދަ ޖަރީމާތައް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާން އޮތް ކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގައި، މިކަމުގައި އިސްކޮށް ތިބި މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމަށް ގޮވާލައްވާފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް