
ހަސަން ރަޝީދަށް ކުރި ދައުވާއަކީ 2015 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުގެ ކުރިން، އެކި ދުވަސްމަތިން އޭނާގެ އެއްބަނޑު ކޮއްކޮގެ ދަރިއެއްކަމަށްވާ ހަތަރު އަހަރުގެ ކުޑަ ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލައި، ކުއްޖާއާމެދު ޖިންސީ އަމަލު ހިންގާފައިވާތީ، އާއިލާގެ މެންބަރަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލާގައި ހިމެނޭ ކުޑަކުއްޖާއަކީ އޭރު ބަޔާން ނެނގޭ ވަރަށްވުރެ ކުޑަ ކުއްޖަކަށްވާތީ އެކަން ސާބިތުކުރަން ކޯޓަށް ހުށަހަޅާފައިވަނީ ކުއްޖާ އެމައްސަލާގެ ތަހުގީގުގައި ކިޔައިދީފައިވާ ވާހަކަތަކުގެ އޯޑިއޯ/ވީޑިއޯ ރެކޯޑިން އެކެވެ. އެކުއްޖާ އާއި އިންޓަވިއު ކޮށްފައިވަނީ 31 މެއި 2015 ގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަގެ ސީނިއަ ސޯޝަލް ސަވިސް އޮފިސަރު އާމިނަތު ނިސްރީންގެ ހާޒިރުގައި ޕޮލިސް ސަޖަންޓް ޝަޒީނާ ސައީދުއެވެ.
މި އިންޓަވިއުގައި ކުއްޖާ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ހަތަރު އަހަރުގެ ކުއްޖާއާމެދު ހަސަން ރަޝީދު ޖިންސީ އަމަލު ހިންގިގޮތް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.
ހަސަންބެ ބުނީ ނުބުނައްޗޯ
އިންޓަވިއު ކުރިފަރާތުން ކުއްޖާއަށް އެއްޗެއް ކުރަހަން ފުރުސަތު ދިނުމުން ހަތަރު އަހަރުގެ ކުއްޖާ ކުރެހީ އަންހެން ކުއްޖަކެވެ. އަދި ކުރެހި ކުއްޖާގެ ހަށިގަނޑުގެ ބައިތަކާއި ބެހޭ ގޮތުން ސުވާލުކުރުމުން ކުއްޖާ ކިޔައިދިނެވެ.
ކުދިންގެ ހަށިގަނޑުގައި އެހެންމީހުން އަތްލައިގެން ނުވާނެ ގުނަވަންތައް އެނގޭތޯ ސުވާލުކުރުމުން "ފޫކޮޅު"ގައި އެހެން މީހުން އަތްލައިގެން ނުވާނެ ކަމަށް ކުއްޖާ ބުނެފައިވެއެވެ. ފޫކޮޅަކީ ކޮބައިތޯ ސުވާލުކުރުން ކުރިމަތި ފަރާތަށް އަތުން އިޝާރާތްކޮށް ދެއްކިއެވެ. ކުއްޖާގެ ގައިގައި އެއްވެސް ކުއްޖަކު އަތްލައިގެން ނުވާނެ ތަނެއްގައި އަތްލިތޯ އިންޓަވިއުކުރި ފަރާތުން ސުވާލުކުރުމުން "ފޫކޮޅުގައި ހަސަންބެ އަތްލީ" ކަމަށް ބުނެފައިވެއެވެ.
ހަސަންބެ ނޫން އެހެން މީހަކު ފޫކޮޅުގައި އަތްނުލާކަމަށް ކުއްޖާ ކިޔާދިނެވެ. ކުއްޖާގެ އަތުގައި އޮތް ކުޅޭ ބުދެއް ދައްކައި ކުއްޖާ ލައިގެން ހުރި ޖަނގިޔާގެ މަތިންނާއި ޖަނގިޔާ ތިރިން ވެސް ކުއްޖާގެ ފޫކޮޅުގައި ހަސަންބެ އަތްލިކަމަށް ކުއްޖާ ކިޔައިދިނެވެ. "ފޫކޮޅު" ކިޔަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ކުއްޖާގެ އިޝާރާތުން ދައްކާފައިވަނީ ކުއްޖާގެ ކުރިމަތި ފަރާތެވެ.
ހަސަންބެ އަތްލި ވާހަކަ މަންމަ ކައިރީގައި ބުނިކަމަށާއި އެކަމާއި ގުޅިގެން މަންމަ ކުއްޖާ ގެންދިޔައީ ހޮސްޕިޓަލަށް ކަމަށް ކުއްޖާ ކިޔައިދީފައިވެއެވެ.
ޖިންސީ ގޯނާކުރި ވާހަކަ ހަތަރު އަހަރުގެ ކުއްޖާބުނީ ހަމަ އެ އުމުރުގެ ކުއްޖެއް ކައިރީ
ކުއްޖާއާމެދު ހަސަން ރަޝީދު ޖިންސީ އަމަލެއް ހިންގި ކަމުގެ ވާހަކަ ކުއްޖާ ކިޔައިދިން އަޑު އެހިކަމަށް ކުއްޖާ ދިރިއުޅޭ ގޭގައި އުޅޭ ފަރާތެއްކަމަށްވާ އާމިނަތު ފަޒްލީނާގެ ހެކިބަހުގައި ބުނެފައިވެއެވެ. ކުއްޖާ އެވާހަކަ ކިޔައިދިނީ އާމިނަތު ފަޒްލީނާގެ ދަރިފުޅު (ކުއްޖާއާ އެއް އުމުރުގެ އަންހެންކުއްޖެއް) ކައިރީގައި ކަމަށް އާމިނަތު ފަޒްލީނާގެ ހެކިބަހުގައި ބުނެފައިވެއެވެ. އަދި އެ ވާހަކަ ކުއްޖާގެ މަންމަ ގެ ކައިރީގައި ބުނިކަމަށް އާމިނަތު ފަޒްލީނާ ހެކިބަސްދެމުން ބުނެފައިވެއެވެ.
އަދި ކުއްޖާގެ މަންމަގެ ހެކިބަހުގައި ބުނެފައިވަނީ ކުއްޖާއާ މީހަކު ބެހުނު ވާހަކަ އެނގުނީ ގޭގައި އުޅޭ ފަހަރިއެއްގެ ފުށުން ކަމަށެވެ. އެކަމާއި ގުޅިގެން ކުއްޖާއާ ހަމަ އެދުވަހު ސުވާލު ކުރިކަމަށާއި ހަސަންބެ އަބަދު ފޫކޮޅުގައި އަތްލާކަމަށް ކުއްޖާ ބުނި ކަމަށް މަންމަ ބުނެފައިވެެއެވެ.
ކުއްޖާ ކައިރީގައި ފޫކޮޅުގަތޯ ސުވާލުކުރުމުން ކުރިމަތި ފަރާތުގައި އަތްލި ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކުއްޖާގެ މަންމަކަމަށާއި ކުއްޖާ ބަލާފައި ކޮންމެވެސް ވަރަކަށް ރަތްވެފައި ހުރި ވާހަކަ ހޮސްޕިޓަލުން ބުނިކަމަށް ކުއްޖާގެ މަންމަ ބުނެ ފައިވެއެވެ.
އައިޖީއެމްއެޗް ރިޕޯޓު: ކުއްޖާއަށް ޖިންސީ ހާނިކަ ކޮށްފައިވޭ
މިމައްސަލަ ކަމާބެހޭ ފަރާތަށް ރިޕޯޓުކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) މެދުވެރިކޮށެވެ.
އައިޖީއެމްއެޗުން 26 މެއި 2015 ގައި ތައްޔާރުކޮށްފައިވާ ކުއްޖާގެ މެޑިކޯ ލީގަލް ރެކޯޑުން އެނގޭ ގޮތުގައި، މި މައްސަލާގައި އަނިޔާ ލިބުނު ކުޑަކުއްޖާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްއަށް ގެންގޮސް ފައިވަނީ 26 މެއި 2015 ދުވަހުގެ އިރު އޮއްސި 06:00 ހާއިރު އެވެ.
މި މެޑިކޯ ލީގަލް ރެކޯޑުގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާގެ ކުރިމަތި ފަރާތުގެ ވަށައިގެން ވަނީ ރަތްވެފައެވެ. އަދި ކުއްޖާއަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ބެލެވޭކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކުއްޖާގެ ކުރިމަތި ފަރާތުގައި ކުއްޖާގެ މަންމަ ފަރާތުގެ ބޮޑު ބޭބެއެއް އަތްލިކަމަށް ކުއްޖާ ބުނިކަމަށް މިރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަދި ކުއްޖާގެ މި މެޑިކޯ ލީގަލް ރެކޯޑު ތައްޔާރުކުރި އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އާމިނަތު ޝަހީދާގެ ހެކިބަހަށް ބަލާއިރު، ކުއްޖާގެ ކުރިމަތި ފަރާތް ވަރަށް ރަތްކޮށް ހުރިކަމަށާއި ވައިޓް ޑިސްޗަޖެއް ހުރި ކަމަށް ކުއްޖާގެ ލޯކަލް އެގްޒަމިނޭޝަނުން ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.
ނޯމަލްކޮށް ވެސް ޑިސްޗަޖް ހުރެދާނެކަމަށާއި، ކުއްޖާގެ ހުރީ ނޯމަލް ޑިސްޗަޖެއްކަމަށް ބުނެފައިވެއެވެ. އެކަމަކު ޑރ. އާމިނަތު ޝަހީދާ ވިދާޅުވެފައިވާގޮތުން ރަތްކަމެއް އެގޮތަށް ހުރެގެން ނުވާނެކަމަށާއި "ޑިސްޗަޖު" އެއީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ވަންޏާ ކުއްޖާ ކަހާ އެކަހަލަ ކަމެއް ކޮށްފަ ހުރިއްޔާ ފަހަރެއްގަ ރަތްކޮށް ހުރެދާނެއެވެ.
ޑރ. ވިދާޅުވީ ކުއްޖާގެ "ހައިމަން" ނޯމަލް ކަމަށާއި ކުއްޖާގެ ހިސްޓްރީ އާއި ލޯކަލް އެގްޒާމިނޭޝަނުން ބޮޑަށް ބެލެވެނީ ޖިންސީ ގޯނާ ކޮށްފައި ހުރިކަމަށް ކަމަށެވެ.
ހަަތަރު އަހަރުގެ ކުއްޖަކު ހަދަހަދައިގެން ވާހަކަދައްކާނީ ކިހިނެތް؟
ހަސަން ރަޝީދު ވަނީ މިވާހަކަތައް ދޮގުކޮށް އޭނާއަށް ކުރާ ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ. އެހެންކަމުން ކުއްޖާގެ ވާހަކަތަކާއި ހެކިންގެ ހެކިބަހުގެ އިތުރުން މެޑިކަލް ރިކޯޑުތަކަށް ފަހު ވެސް މިމައްސަލާގައި މީގެ ހަ އަހަރު ކުރިން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުއްޖާގެ މިވާހަކަތަކަށް ބަލާއިރު ކުއްޖާއާމެދު ކަންވީ ގޮތް ތަފްސީލުކޮށް ކުއްޖާ ކިޔައިދީފައިވާއިރު، މި އުމުރުގެ ކުއްޖަކު ހަދަހަދައިގެން ނުދައްކާނެ ފަދަ ތަފްސީލުކޮށް ކުއްޖާ އާ މެދު ކަންވީގޮތް ކިޔައިދީފައިވާކަން ކުއްޖާގެ ބަހުން އެނގޭ ކަމަށެވެ. އަދި ކުއްޖާ އުޅުނު އުޅުމުން ކުއްޖާ އެވާހަކަތައް ކިޔައިދީފައިވަނީ އެއްވެސް މީހަކު ފީޑްކޮށްގެން ނޫންކަން ފާހަގަކުރެވުނުކަން މިހާދިސާއާ ގުޅިގެން ތަހުގީގުގައި ކުއްޖާއާ އިންޓަވިއުކުރި ފަރާތްކަމަށްވާ ޕޮލިސް ސަޖަންޓް ޝަޒީނާ ސައީދުގެ ހެކިބަހުގައި ބުނެފައިވެއެވެ.
ތަހުގީގުގައި ކުއްޖާއާ ސުވާލުކުރެވުނުއިރު ޖެންޑަ މިނިސްޓްރީގެ ފަރާތުން ހާޒިރުވެހުރި އާމިނަތު ނިސްރީން ވެސް ވިދާޅުވީ ކުއްޖާގެ އިންޓަވިއުއިން ފާހަގަކުރެވުނީ ކުއްޖާއަކީ ފަސޭހައިން މީހުނާ ރައްޓެހިވާ ކުއްޖެއް އަދި ވަރަށް އޯޕަން ކުއްޖެއްގެ ގޮތުގައި ކަމަށެވެ. އެކުއްޖާ ކިޔައިދީފައިވާ ގޮތަށާއި ކުއްޖާގެ އުމުރަށް ބަލާއިރު ހަތަރު އަހަރުގެ ކުއްޖަކަށް މިފަދަ ކަމެއް ދިމާނުވަނީސް މިފަދަ ވާހަކައެއް ދައްކައިފާނެކަމަށް ފާހަގަނުކުރެވޭ ކަމަށާއި ކުއްޖާއާ އިންޓަވިއު ކުރެވުނުއިރު ކުއްޖާގެ ކިބައިން ޖެހިލުންވުމުގެ އެއްވެސް ކަމެއް އަދި ދޮގު ހަދައިގެން ނުވަތަ އެހެން މީހަކު ކިޔައިދީފައިވާ ގޮތަށް ކިޔައިދޭން އުޅޭކަން ވެސް ފާހަގަ ކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވެއެވެ.
ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކުރި މަރްޔަމް ޝަހުނާ ވިދާޅުވީ، ކުއްޖާ ހިއްސާކޮށްފައިވާ ވާހަކަތަކުން ކުއްޖާއާ އެކަހަލަ އަމަލެއް ހިންގާފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި، ކުއްޖާއާމެދުގައި އެ އަމަލު ހިންގާފައިވަނީ ހަސަންބެ ކަމަށް ފުލުހުންނަށް ކުއްޖާ ކިޔައިދިން ކަމަށެވެ. އަދި އޭނާގެ ތަޖުރިބާއަށާއި އަދި ހެދިފައިވާ ރިސަޗްތަކަށް ބަލާއިރު ހަތަރު އަހަރުގެ ކުއްޖަކު އެބާވަތުގެ ވާހަކައެއް ހަދަހަދައިގެން ދެއްކުމަށްވުރެ ގާތީ ނުދެއްކުންކަމަށް ވިދާޅުވެއެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުއްޖާއަކީ ވަރަށް ހަގު އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކަމަށްވާއިރު ކުއްޖާ' ހަސަން ރަޝީދުއާ ގުޅޭ ގޮތުން މިފަދަ ވާހަކައެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ދައްކަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. އަދި އެފަދަ މަގުބޫލު ސަބަބެއް ހަސަން ރަޝީދަށް ދެއްކިފައިވެސް ނުވެއެވެ.
ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަކީ ހަތަރު އަހަރުގެ ކުއްޖަކަށް އެފަދަ ކަމެއް ދިމާނުވެ އަމިއްލައަށް ހަދައިގެން ކިޔައިދޭން ނޭނގޭނެ ފަދަ ވާހަކަތައް ކަން ފާހަގަކޮށްފައިވެއެވެ.
އަދި ކުއްޖާ މިކަން ހިނގި ގޮތް ކިޔައިދީފައިވާ ވީޑިއޯ ރެކޯޑިންއަށް ބަލާއިރު، ކުއްޖާއާމެދު ހަސަން ރަޝީދު ޖިންސީ އަމަލެއް ހިންގާފައިވާކަމާއި އެކަން ކުރިގޮތާއި ބެހުނީ ކިތައް ފަހަރުކަން ވެސް ކިޔައިދީފައިވާކަން އެނގޭކަން ފާހަގަކުރަމުން ހައިކޯޓުގެ ހުކުމުގައި ވަނީ އެވާހަކަތަކަކީ ހަގީގަތެއްނެތި އެ އުމުރުގެ ކުއްޖަކަށް ކިޔައިދެވިދާނެ ވާހަކަތަކެއްނޫން ކަމަށެވެ.