ads
ކަނޑޫދޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވަނީ؛ ފޮޓޯ؛ ރައީސް އޮފީސް
ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނައިފި
ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޫކުރުމަށް ކަނޑައަޅައިފިއެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަންޖެހެއެވެ.

2022 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 1,565.4 މިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 19.8 އިންސައްތަ އިތުރު އަދެދެކެވެ. 

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ ބާރާއި އިޙްތިޔާރުގެ ބޭނުންހިފައި ރަށުގެ ތަރަައްގީ އަށް މަސައްކަތްކޮށްދިނުމަށާއި ސަރުކާރުން ރަށުގެ ތަރައްގީއަށް ހިންގާ ކަންކަމުގައި އެއްބާރުލުންދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެދިވަޑައިގެންފައެވެ.

ބްލޮކް ގްރާންޓް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާ ނިސްބަތް:

- ރަށު ކައުންސިލްތަކަށް 72 އިންސައްތަ
- އަތޮޅު ކައުންސިލްތަކަށް 9 އިންސައްތަ
- ސިޓީ ކައުންސިލްތަކަށް 19 އިންސައްތަ

އިކުއަލައިޒޭޝަން ގްރާންޓަކީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އެކަށީގެންނުވާ ކުޑަ މިންވަރެއް ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާ މިންވަރެއް ހުރިހާ ކައުންސިލްތަކަށް ހަމަހަމަކޮށް ބެހޭ އަދަދެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 24.3 ބިލިއަން ރުފިޔާގެ ފަސް ޕަސަންޓު، 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ވަނީ ހިމަނާފައެވެ. ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް