ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: ފޮޓޯ މިހާރު
ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަނީ
ބޭސް ވިއްކޭނެ އެންމެމަތީ އަގު ނުވަތަ މެކްސިމަމް ރީޓޭއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައަޅައި އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ނިންމައިފިއެވެ.

މި އަގު ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާޚަރަދު ކުޑަކޮށް އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓިނި މިންގަނޑެއްގައި ހިފެހެއްޓުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އާސަންދައިގެ ތެރެއިން ބޭހަށް ކުރި ޖުމްލަ ޚަރަދަށް ބަލާއިރު 2014 ވަނަ އަހަރު 251.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2020ވަނަ އަހަރު މި ޢަދަދު ހުރީ 752.7 މިލިޔަން ރުފިޔާގައެވެ. މުޅި އާސަންދައިގެ ޚަރަދުގެ ނިސްބަތުން ބަލާއިރު 2019 ވަނަ އަހަރު ބޭހަށް ކުރި ޚަރަދު %58.4 ގައި ހުރިއިރު، 2020ވަނަ އަހަރު މި ނިސްބަތްހުރީ %62.4 ގައެވެ. 2014ވަނަ އަހަރާ 2020ވަނަ އަހަރާދެމެދު އަހަރަކު އެވަރެޖްކޮށް %23.7 ބޭހުގެ ޚަރަދު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ޚަރަދު ދަށްވެފައިވަނީ 2020 ވަނަ އަހަރު އެކަންޏެވެ. މިއީ ކޯވިޑާއި ގުޅިގެން އެހެނިހެން ބަލިތަކަށް ބޭސްކުރުމުގައި އަދި ބަދަލުތަކާއި އެއަހަރު ދިރިއުޅުމުގެ އާދަތަކަށް ގެންނަން މަޖުބޫރުވި ބަދަލުތަކާގުޅިގެން އައި ދަށްވުމެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. 

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމަށް ކަމަށްވާ އިރު، އެ ނިޒާމަކީ އެއްވެސް ހައްދެއް ނެތި ހުޅުވާލައިފައި އޮންނަ ނިޒާމަކަށް ވާތީ، އިސްރާފަށް މަގުފަހިވާ ބަައެއް އާދަަތަަކަށް މަގުފަހިކުރުވާ ކަމަށެވެ.

އަމީރު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަ ކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށެވެ.

"ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެވޭނެ." އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޯ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރި ކުރުމުގެ ފުރުސަތު ހޯދުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އާސަންދަ އަށް 731 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައި އޮތީ ޖުމްލަ 3.1 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަކީ އާސަންދައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް