ads
ޝަހީދު ހުސެއިން އާދަމް ބޭނުން ކުރެއްވި ހަތިޔާރު
ނަސްރުގެ ދުވަސް ހަނދާންނައްތާލައިގެން ނުވާނެ!!
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިއަދަށް މިވީ 33 އަހަރެވެ. ދިވެހި ބިމުން އެހަނދާންތައް ފޮހެވިގެން ނުވާނެއެވެ. އެދުވަހު ބަޔަކު ވި ގުރުބާނީ އަބަދުމެ އާލާކުރަން ޖެހެއެވެ. ޝަހީދު ހުސެއިން އާދަމް ދެއްކި ހިތްވަރު މިއަދުގެ ޖީލަށް ކިޔައިދޭން ޖެހޭނެއެވެ.

ނަމަވެސް ދަންނަންހެއްޔެވެ. ނަސްރުގެ ދުވަހަކީ ސަރުކާރުން ރަސްމީކޮށް ފާހަގަ ކުރުމަށް ކަލަންޑަރުގައި އާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑައަޅާފައިވާ ދުވަހެވެ. މިއަހަރު ރަސްމީކޮށް މިދުވަސް ފާހަގަ ކުރާނެ ވަކި ހާއްސަ ރަށެއް ނެތެވެ.

ފެންނާތީ ބުނަމެވެ. ބަޔަކު މީހުންނަށް ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ އުފަލުގައި ނޫނީ ހަނދާން އާކޮށްލުމަށް އެންމެ ކުޑަމިނުން ޓްވީޓެއްވެސް ކޮށެއްނުލެވުނެވެ. ގަސްތުގައި މިދުވަސް މަތިން ބަޔަކު ފޫހި ކޮށްލުމަށް ނުވަތަ ތިނެއް ނޮވެމްބަރު މަތިން ހަނދާންނެތި ކޮށްލުމަށް މަސައްކަތް ކުރަނީ ބާވައޭ ހިތަށް އަރައެވެ.

މިއަދުވެސް އެބިރުވެރިކަމާއި ނާމާންކަން ހިތަށްވެރިވެއެވެ. އެދުވަހުގެ މަންޒަރުކަތާއި ފޮޓޯތަކުން ހަމަ ޔަގީނުންވެސް އަޅުގަނޑުގެ ހިތުގައި ދިވެހިންނަށްޓަކައި ބަޔަކު ވި ގުރުބާނީ އާއި އުފުލި ވޭން ސިފަވެއެވެ.

ޝަހީދު ޙުސައިން އާދަމު އެދުވަހު ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ނުކޮށްދެއްވިނަމަ ދެންވާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ.

ޓެރަރިސްޓުންނާއި، ދިވެހި ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދިޔަ ޙަމަލާތަކުގައި ޝަހީދު ޙުސައިން އާދަމް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ.

ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށްފަހު އޭނާ އެވީ ޝަހީދެވެ. މިވާހަކަ އެކިއެކި ޕްލެޓްފޯމް ތަކުގައި ގިނަގިނައިން އަޅުގަނޑުމެން ދައްކަން ޖެހޭނޫންތޯއެވެ.

ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހުން ޢިބުރަތް ލިބިގަނެ، އެދުވަހުގެ މަތިން ހަނދާން ކުރުމަށެވެ. ބޭނުމަކީ އަދިވެސް އެފަދަ ދުވަހެއް ކުރިމަތިވެދާނެތީ ތައްޔާރަށް ތިބުމެވެ.

ކުލަގަދަ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރުމަށް ކުރެވޭ މަސައްކަތް ކުޑައީއެވެ. ބައެއް ފަހަރު މިއީ ގަދަކަމުން ފާހަގަކުރަން ޖެހޭ ދުވަހެއްގެ ގޮތުގައި އަމަލުތަކުން ފެންނަކަހަލައެވެ. މިދުވަސް މަތިން ހަނދާންނައްތާލުމަށް މަސައްކަތް ކުރާ ބަޔަކަށް ދިވެހިން މާފެއް ނުކުރާނެއެވެ.

އަންނަން އޮތް ޖީލުތަކަށް މިއީ ކިހާ މުނާސަބު ދުވަހެއްކަން ހާމަކޮށްދެއްވަން ޖެހެއެވެ.

އެ ދުވަހަށް ފަހު މިއަދާއި ހަމައަށް އައިއިރު ވަރަށް ގިނަ ކަންތައްތަކެއް މިވަނީ ބަދަލުވެފައެވެ. އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހުން ޢިބުރަތް ލިބިގަނެ، އެދުވަހުގެ މަތިން ހަނދާން ކުރުމަށެވެ. ބޭނުމަކީ އަދިވެސް އެފަދަ ދުވަހެއް ކުރިމަތިވެދާނެތީ ތައްޔާރަށް ތިބުމެވެ. ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްގެން ތިބުމެވެ.

އެދުވަހުގެ ބިރުވެރިކަން ދިވެހީންގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދާއިރު، އެފަދަ ދެވަނަ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދިނުމަކީ މުޅި ދިވެހި ވަތަނުގެ އެދުމެވެ. އާދޭހެއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ވަތަނުގެ ދިފާއުގައި ތިބި ދިވެހި ސިފައިން މާތްﷲ ގެ ވާގިފުޅާއެކު އަދިވެސް ދިވެހި ގައުމު ޙިމާޔަތް ކޮށްދެއްވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް