ads
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް، އެޑިއުކޭޝަން މިނިސްޓަރ ޖަވާބުދެއްވަނީ: ފޮޓޯ: މަޖިލިސް
ނާސްތާ ޕްރޮގްރާމުގެ ނަތީޖާ ބެލުމަށް ދިރާސާއެއް ކުރަނީ
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމުން އެދެވޭ ނަތީޖާއެއް ނުކުމޭތޯ ބެލުމަށް ދިރާސާއެއްކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް ހަރުދަނާކޮށް އަންނަ އަހަރު އަލުން ފެށުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. 

ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނާސްތާ ޕްރޮގްރާމް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓެއްގެގޮތުގައި ރާއްޖޭގެ 25 ސްކޫލެއްގައި ފެށި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ސަރުކާރުގެ 213 ސްކޫލުގައި މި ޕްރޮގްރާމް ފަށާފައިވަނީ ހަމައެއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި ޕްރޮގްރާމުގެ ކާމިޔާބީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމުކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން މި ޕްރޮގްރާމް މެދުކަނޑާލުމާ ހިސާބަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 49،000 ދަރިވަރުން ހެނދުނުގެ ނާސްތާ ނަގާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަށް މިހާތަނަށް ގާތްގަނޑަކަށް 224 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ވަނީ ހަމަ ޖައްސާފައެވެ. އަދި ނާސްތާގެ ކަންކަމަށް ބަޖެޓުން 135 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމުގައި 46،259 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. 

ކުދިންނަށް ނާސްތާ ދިނުމަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާ ހިމެނިއެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނުއޭއް ވަނީ ތައްޔާރު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް