
މިކަމާއި ގުޅޭގޮތުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އެ ހަރަކާތް ދެން ބާއްވާނެ ތާރީޚެެއް ދެ ޕާޓީގެ ކައުންސިލުން މަޝްވަރާކޮށް ފަހުގެ ތާރީޚެއްގައި ހާމަ ކުރާނެ ކަމަށެވެ.
"ވިއްސާރަވުމުގެ ސަބަބުން އެ ހިނގާލުން ނޯންނާނެ ވާހަކަ ދަންނަވަން، ހިނގާލުން ދެން އޮންނާނެ ތާރީޚެއް އަޅުގަނޑުމެން ލީޑާޝިޕުން ފަހުން އަންގާނެ ވާހަކަ ދަންނަވަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ފަށައިގެން އުޅޭ ކެމްޕޭނެކެވެ. އެ ކަމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގަނީ އިންޑިއާގެ އެހީ އެދި ލޯނު މެދުވެރިކޮށެވެ.
މިއިން ބައެއް އެއްބަސްވުންތައް ހާމަކޮށްފައި ނުވާއިރު، އޭގެ ފަހަތުގައި ވަނީ އިންޑިއާގެ ސިފައިންނާއި ޖާސޫސީ މީހުން ތިބޭ ގޮތަށް އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.
ދާދިފަހުން ވެސް އިދިކޮޅުން ވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގައިވެސް ރައީސް ޔާމީނަށާއި، އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
އެ ހިނގާލުމުގެ ބައިވެރިން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ.