އެގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ދޭ މާލީ އެހީގެ ހަރަދަށް އަންނަ އަހަރަށް ލަފާކޮށްފައިވަނީ، 1.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރަށް ލަފާ ކުރި ބަޖެޓުގައި މިކަމަށް، 1.7 ބިލިއަން ކަނޑައެޅިއެވެ. އަދި މިދިޔަ އަހަރު ވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މި އެހީގެ ގޮތުގައި ކަނޑައަޅާފައެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ ނުވަތަ ދޮށީ ރަށްވެހިންގެ އިނާޔަތުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައެޅިފައިވެއެވެ. އިޖުމާއީ ރައްކާތެރިކަމުގެ ދާއިރާގެ ޖުމުލަ ބަޖެޓެއްގެ ގޮތުގައި އަންނަ އަހަރަށް ކަނޑައަޅާފައިވަނީ ތިން ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓްގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ސިއްޚީ ދާއިރާއަށެވެ. އެއީ 4.6 ބިލިއަން ރުފިޔާއެވެ. ތައުލީމީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއަކީ ބަޖެޓްގައި ތިންވަނައަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅިފައިވާ ދާއިރާއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން ބަޖެޓްގެ ޚަރަދަކީ 34 ބިލިއަން ރުފިޔާ އަދި 2.9 ބިލިއަން ރުފިޔާއަކީ ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ އަދަދެކެވެ.
ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ.
މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއާ އަޅައިބަލާއިރު 23 އިންސައްތަ އިތުރު އަދަދެކެވެ.
އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ ކަމަށާއި ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅި ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއެކު އިގުތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އިގުތިޞާދަށް މިއަންނަ ހެޔޮ ބަދަލުތަކުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.