ads
މިނިމަން ވޭޖު ކަނޑައެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ؛ ވަގުތު
ވަޒީފާ ނެތް މީހުންނަށް އަންނަ އަހަރު އެލަވަންސް އެއް ދެނީ
ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް އަންނަ އަހަރުގެ މެދު ތެރޭގައި އެލަވަންސެއް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑުގައި ވަޒީފާއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ގާތްގަނޑަކަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ދޫކޮށްފައިވާނެ ކަމަށެވެ. އޭގެ ސަބަބުން މިއަދު ރާއްޖޭގެ އިގްތިސާދު އަރައިގަތުމަށް ފަސޭހަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 


"މި ޕްރޮގްރާމް ފަށާ އިރު އެންމެ ފުރަތަމަ ޕައިލޮޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދާނީ. ނަތީޖާ އަށް ބަލައި، އެ ޕްރޮޖެކްޓު މުޅި ރާއްޖެ އަށް ފުޅާކުރާނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ސްކީމާއި ގުޅޭ ދިރާސާތައް މިހާރު ވޯލްޑް ބޭންކުން ހަދާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މިނިމަމް ވޭޖް އިއުލާން ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް" ގާއިމު ކުރައްވާނެ ކަމަށެވެ. މި ސްކީމް ތައާރަފް ކުރުމަށް ވޯލްޑް ބޭންކާއެކު މަސައްކަތް ކުރަމުންދާ އިރު މިކަމާ ގުޅޭ ދިރާސާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"އުއްމީދަކީ 2022 ވަނަ އަހަރު މެދުތެރޭ ހިސާބު ޕައިލެޓް ޕްރޮގްރާމް ފެށިގެން ދިޔުން، އަދި އޭގެ ނަތީޖާއަށް ބަލާ މުޅި ރާއްޖެއަށް ފުޅާވެގެން ނިޒާމެއް ގާއިމްކުރެވިގެން ދިޔުން،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކަތެރިކަމުގެ ގާނޫނަކާއި އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގާނޫނު މަސައްކަތާއި ގުޅޭގޮތުން އެޓާނީ ޖެނެރަލް އާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ ދެ ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ވަޒީފާއެއް ނެތި އުޅޭ ދިވެހިންގެ އަދަދު 10،000 އަށް ވުރެ ގިނައެވެ.

8%
ކަމުގޮސްފި
92%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް