ވ. އަތޮޅު ކައުންސިލް ރައީސް ސުޖާއު އަލީ ވިދާޅުވީ އަންބަރާ އަކީ ކުރިން ވަރަށް ރީތިކޮށް އޮތް ރަށެއް ކަމަށާއި، މިހާރު އެރަށް ހަވާލު ކޮށްފައި އޮތް ފަރާތުން އެ ރަށުގެ ކަނޑޫފާތަކާއި ތިމާވެށީގެ ކަންކަމަށް ބަލައިލުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން އެރަށް ހަލާކު ވަމުންދާ ކަމަށެވެ.
"ކުރިން ވަރަށް ރީތިކޮށް އޮތް ރަށެއް އެއީ. އެރަށުގައި ހަދާފައިހުރި ބައެއް އިމާރާތްތައް ތަޅައި ކޮންކްރީޓްތައް ކަނޑޫފާތަކަށް ވަނީ އަޅާފައި. އެކަމުގެ ސަބަބުން ކަނޑޫފާތައް ވަނީ ހަލާކުވެފައި." އަތޮޅު ކައުންސިލް ރައީސް ސުޖާއު ވިދާޅުވި އެވެ.
އަންބަރާ އަކީ ވަރަށް ރީތި ފަރަކާއި ގޮނޑުދޮށެއް އޮތް ރަށެކެވެ. ރާއްޖޭގެ ރަށްރަށުން ވަރަށް މަދުންނޫނީ ނުފެންނަ ވައްތަރުގެ މަސްމަހާމެހި ވެސް އެ ރަށު ފަރުގައި އުޅޭ ކަމަށް ކައުންސިލުން ބުނެ އެވެ.
ރައީސް މައުމޫނުގެ ސަރުކާރުގައި ވ. އަންބަރާގައި ކޮޓަރި ތަކެއް ހަދައިގެން ބޭނުން ކުރި އަންބަރާ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހިންގުމަށް ބަޔަކަށް ހުއްދަދިނެވެ. އޭގެ ފަހު ރައީސް ޔާމީނުގެ ސަރުކާރުގައި ހަވާލު ކޮށްފައިވަނީ ޗައިނާ ކުންފުންޏަކާ ސްރީލަންކާގެ ކުންފުއްޏެއް އެކުވެގެން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެވެ.
ވ. އަތޮޅު ކައުންސިލުން ބުނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދާދިފަހުން އެ ރަށުގެ އީއައިއޭ ރިޕޯޓަށް ކޮމެންޓް ހޯދުމަށް އެ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކައުނސިލުން ބުނީ އެ ކައުންސިލުން އެ އަށް ޖަވާބު ދިނުމަކީ މިހާރު ބޭނުންތެރި ކަމެއް ކަމަށް ނުދެކޭ ކަށެވެ.
"މިހާރު އެހެރީ ތަންތަން ހަދަން ފަށާފައި. ހުރި ބައެއް ތަންތަން ތަޅައި ކަނޑޫފާތަކަށް އަޅާފައި. އެހެންވީމަ މިހާރު އެއަށް ކޮމެންޓް ހޯދުމުގެ ބޭނުމެއް ނެތް." ރައީސް ވިދާޅުވި އެވެ.
އަންބަރާ މައްސަލައިގައި ވ. އަތޮޅު ކައުންސިލުން ވަނީ ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އަށްވެސް ސިޓީ ފޮނުވާފަ އެވެ.
"ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ޖަވާބު ދީފައި އޮތީ. އެކަމަކު ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް އެޑްރެސް ކޮށްފައެއް ނުވޭ. ބުނެފައި އޮތީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރަށް ހެދުމަށް ދީފައިވާ މުއްދަތު ހަމަވާނެކަމަށް." ރައީސް ސުޖާއު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލާއި އެއަތޮޅުގެ ހުރިހާ ރަށަކުން ވެސް އަންބަރާ ރިސޯޓަކަށް ހެދުމާ ދެކޮޅެވެ.
ވ. ތިނަދޫ ކައުންސިލް ރައީސް ޝިފާގު ހުސައިން ވިދާޅުވީ އެ އަތޮޅުގައި ހުރި ރިސޯޓުތަކުން ޖަމާއަތަށް ފައިދާވާ ގޮތަށް ކުރާ ކަންކަމެއް ނެތް ކަމަށެވެ. އެއަށްވުރެ އެ އަތޮޅުގައި މިހާރު ހަދާފައިވާ ގެސްޓު ހައުސްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރާ ހޭދަ މާބޮޑު ކަމަށްވެސް ޝިފާގު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުން ބުނީ ޖުމްލަ 19 ރަށް އޮންނަ އެ އަތޮޅުގައި ފަސް ރިސޯޓު އޮންނައިރު، ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ޖުމްލަ 15 ވަޒީފާ އެއަތޮޅުގެ ރައްޔިތުންނަށް ރިސޯޓްތަކުން ދީފައި ނުވާ ކަމަށެވެ.